ފުލުހުން ރައްޔިތުންނާއި އަބަދުވެސް ރިވެތި ބަހުން މުއާމަލާތް ކުރަން، ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެދިވަޑައިގެންފި އެވެ.
ސީޕީ އަލީ ޝުޖާއު މިގޮތަށް އެދިވަޑައިގެންނެވީ ރޭ އޮތް 39 ވަނަ ޕޮލިސް އިނިޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ޝުޖާއު ވިދާޅުވީ ރައްޔިތުންގެ ހިދުމަތުގައި ތިބޭއިރު ރައްޔިތުންނަށް އަބަދުވެސް ހާއްސަ ވެގެން ތިބެން ޖެހޭ ކަމަށާއި އެގޮތުން ރައްޔިތުންނާއި އަބަދުވެސް ރިވެތި ބަހުން މުއާމަލާތް ކުރަންޖެހޭ ކަމަށެވެ.
”ރައްޔިތުންނާ ރިވެތި ބަހުން ވާހަކަ ނުދެއްކޭނެ އެއްވެސް ހާލަތެއް އައިސްގެން ނުވާނެ. ރައްޔިތުންނަށް ވުރެ ވަކިން މާތްކޮށް ވާހަކަ ދައްކަން ޖެހޭ ބަޔަކު ނުތިބޭނެ. އުންމީދު ކުރަން ފުލުހުންނަށް އަމާޒުވާ މި ނޭދެވޭ ސިފަ ތިޔަ އޮފިސަރުންގެ މަސައްކަތުން ހައްލުކޮށްދޭނެ ކަމަށް،“ ސީޕީ ވިދާޅުވި އެވެ.
ފުލުހުން މަގުމަތިން ފެންނަ ވަގުތު، ފޯނާ ކުޅެން ތިބޭކަމުގެ ޝަކުވާއަކީ ރައްޔިތުން އެންމެ ގިނައިން ކުރާ އެއް ޝަކުވާކަން ފާހަގަކުރައްވަމުން ސީޕީ ވަނީ މިކަން ރަނގަޅު ކުރުމަށް ގޮވާލާފަ އެވެ.
މީގެ އިތުރުން ފުލުހުންނަށް ލިބިދޭ ގާނޫނީ ބާރުތައް ޒިންމާދާރުކަމާ އެކު ބޭނުންކުރަންޖެހޭ ކަމަށާއި އެގޮތުން އެ ބާރަކީ ހިތުހުރި ގޮތަކަށް ބޭނުންކުރަންޖެހޭ ބާރެއް ނޫން ކަމަށް ސީޕީ ވިދާޅުވި އެވެ. އެގޮތުން އަބަދުވެސް ބަލަންވާނީ ބާރުގެ ބޭނުން ނުކޮށް، ދިމާވާ ކަންކަން ހައްލުކުރުމަށް ކަމަށް ވިދާޅުވި އެވެ.
”މަގު ދައްކައިދޭ ބަޔަކަށް ވުމަށް. އިސްލާހުވުމަށް ފުރުސަތު ދޭ ބަޔަކަށް ވުމަށް. އުއްމީދު ކުރަން ތިޔަ އޮފިސަރުންގެ މަސައްކަތުން ދިވެހި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ލިބިގެންދާނެ ހިދުމަތަކަށް ވާނެ ކަމަށް،“ ސީޕީ ޝުޖާއު ވިދާޅުވި އެވެ.