ސްކޫލްތަކުގެ އިތުރު ހަރަކާތްތައް ރާވާއިރު ދަރިވަރުންގެ ތަޢުލީމަށް އެންމެ މަތީ އިސްކަން ދިނުމަށް ތަޢުލީމީ މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އިލްތިމާސްކުރައްވައިފިއެވެ.
ސްކޫލްތަކުުގެ އެކްޓިވިޓީ ކަަލަންޑަރު އެކުލަވާލުމުގެ ކުރިން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ބައެއް ސްކޫލްތަކާއި ރަށްރަށުގައި އިތުރު ހަރަކާތްތައް ބާއްވަމުންދާ ގޮތުން ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރުތަކެއް ކުރަމުން ދާކަމަށެވެ.
”އަޅުގަނޑު ތިބޭފުޅުންގެ ޑިސްކަޝަނަށް ތިންހަތަރު ކަމެއް ހުށަހަޅާލަން ބޭނުން. ދަރިވަރުންގެ ލާނިންއަށް ފަހިވާން ޖެހޭނެކަމަށް. ޓީޗަރުންނާއި ދަރިވަރުންގެ ވެލްބީންއަށް ކޮންސިޑަރ ކުރެވެންވާނެކަމަށް. ޕޭރަންޓް ކޮމިއުނިޓީ ޕާރޓިސިޕޭޓްވާއިރުގައި އެބޭފުޅުންނަށް ވޭނަކަށް މިކަންވާން ނުޖެހޭނެކަމަށް.“ ޑރ. ޝަފީޢު ވިދާޅުވިއެވެ.
ވަޒީރު ވަނީ ދަރިވަރުންނާއި ބެހޭގޮތުން ނިންމާ ކޮންމެ ކަމެއްގައި އެންމެ ބޮޑު އިސްކަމެއްދީ ވިސްނަންވާނީ ދަރިވަރުންނަށް ކަމަށްވެސް ވިދާޅުވެފައެވެ.
މިއަދުގެ މަޝްވަރާ ބައްދަލުވުމުގައި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ޖަމްޢިއްޔާތަކާއި، ކައުންސިލްތަކާއި، ސްކޫލްތަކުގެ ކުޅިވަރު ސްޕަވައިޒަރުން ހިމެނޭ ގޮތުން 92 ބައިވެރިން ބައިވެރިވެއެވެ.