އަންނަ ރޯދަ މަހު ވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އއ. މަތިވެރީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ ރޯދަ މަހު ކަރަންޓާއި ފެނުން ޑިސްކައުންޓް ދިން ގޮތަށް މި ރޯދަ މަހު ވެސް ޑިސްކައުންޓް ދޭނެ ކަމަށެވެ.
”ހަމަ މިދިޔަ ފަހަރު ދިންހެން އަނެއްކާވެސް އެ ޑިސްކައުންޓު ދޭނަން އިރާދަކުރެއްވިއްޔާ. މި އަންނަ އަހަރުވެސް ރޯދަމަހު،” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އޭގެ އިތުރަށް ވެސް ސަރުކާރުން ވީހާވެސް ގިނަ އެހީތެރިކަން ދޭނެ ކަމަށާއި އެހެންވީމާ ކަންކަމުގައި އަތަށް ލުއިކޮށްދީގެން، ހަރަދުތައް ލުއިކޮށްދީ، އާމްދަނީ އިތުރުކޮށްދެވޭނެ ގޮތްގޮތް ހެދިގެންދާނެ ކަމަށެވެ.
ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ މަހުގެ 17 ގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ، އަންނަ ރޯދަމަހު ކޮންމެ ގޭބިސީއަކަށް ހިލޭ މަސްދަޅު ކޭހެއް ދެއްވާނެ ކަމަށް ވެސް އިއުލާނު ކުރައްވައިފައެވެ. މިދިޔަ ރޯދަމަހު ވެސް 82،000 ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދީފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައި ވެއެވެ.
ރައީސް ވިދާޅުވި ގޮތުގައި މިދިޔަ ރޯދަމަހު ކަރަންޓާއި ފެން ބިލުން ޖުމުލަ 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވެއެވެ.