ސައުދީ އަރަބިއްޔާއަށް ހައްޖުމަހުގެ ހަނދުފެނި މާދަމާއަކީ ހައްޖުމަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައަޅައިފި އެވެ.
ސައުދީއަށް ހައްޖު މަހުގެ ހަނދު ފެނިފައިވާކަން ސައުދީގެ ހަރަމައިން ވަނީ އިއުލާނު ކޮށްފައެވެ.
ސައުދީ ސަރުކާރުން ކުރި އިއުލާނުގައި ބުނީ ޒުލްހިއްޖާ މަހުގެ ހަނދު މިރޭ ފެނިފައިވާކަން ސާބިތުވެފައި ވާތީ މާދަމާ އަކީ މި އަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ. އެހެންކަމުން އަރަފާތު ދުވަހަކީ މި ހިނގާ ޖޫން މަހުގެ 15 ވަނަ ދުވަސް ކަމަށާއި ބޮޑު އީދު ދުވަހަކީ މި މަހު 16 ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
ރާއްޖޭގެ ކަލަންޑުގައިވާ ގޮތުން ހައްޖުމަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 8 ވަނަ ދުވަހެވެ. ސައުދީން އެގޮތަށް އިއުލާން ކުރުމުން ދިވެހި ކަލަންޑަރުގައިވާ ތާރީޚަށްވުރެ ހައްޖުމަސް ފެށުން އެއްދުވަސް އަވަސްވީ އެވެ.