ސަރުކާރު ހުރިހާ ސްކޫލްތައް އޭސީ ކުރުމަށް ކުރިއަށް ގެންދާ ”ކޫލް ސްކޫލް “ ޕްރޮގްރާމް އިފްތިތާހު ކޮށްފި އެވެ.
މި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ މިއަދު ހެނދުނު މާފުށި ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެވެ.
ސަރުކާރާއި ކޮމިއުނިޓީގެ އެހީތެރިކަމާއެކު ކުރިއަށް ގެންދަން ނިންމާފައިވާ މި މަޝްރޫއުގެ ދަށުން މާފުށީ ސްކޫލް ފޭސް އެކެއްގައި ސްކޫލުގެ ހުރިހާ ކްލާސްރޫމް ތަކާއި ހޯލް އޭސީ ކުރުމަށް އެރަށު ކައުންސިލުން ވަނީ އެހީތެރިވެފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ، “ކޫލް ސްކޫލް” ޕްރޮޖެކްޓަކީ އަގުބޮޑު ޕްރޮޖެކްޓެއް ކަމަށެވެ. އެހެންކަމުން އެހާ އަގުބޮޑު ޕްރޮޖެކްޓެއް އެޑިއުކޭޝަން މިނިސްޓްރީއަށް ކުރިއަށް ގެންދެވިދާނެތޯ، ބައެއް ފަރާތްތަކުން ސުވާލުކުރާ ކަމަށްވެސް ވިދާޅުވިއެވެ.
”ޖަވާބަކީ ރައީސުލްޖުމްހޫރިއްޔާ ވިދާޅު ވަނީ ތައުލީމަށް ކުރާ ހޭދައަކީ އެއީ ގެއްލިގެންދާނެ އެއްޗެއް ނޫނޭ ތައުލީމަށްވުރެ މުހިއްމު ކަމެއް އެމަނިކުފާނަކަށް ނެތް، ތައުލީމު ދީގެން ކާމިޔާބު ދިރިއުޅުމެއް ހޯދައިދެވޭނީ. ތައުލީމު ދީގެން ވަޒީފާގެ ބާޒާރަށް ނެރެވޭނީ. ތައުލީމު ދީގެން އުފާ ފާގަތި އާއިލާއެއް ބިނާ ކުރެވޭނީ. އެންމެ ފައިސާ ފޮއްޗެއް ތައުލީމަށް ހޭދަކުރަން ޖެހުނަސް މި ސަރުކާރުން ފަހަތަކަށް ނުޖެހޭނެ.“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓްރީގެ އަމާޒަކީއެ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ސަރުކާރު ހުރިހާ ސްކޫލެއް އޭސީ ކުރުމެވެ.
ދަރިވަރުންނަށް އުނގެނުމަށާއި އުނގަންނައިދިނުމަށް އުފާވެރި، ހިތްފަސޭހަ މާހައުލެއް ސްކޫލުތަކުގައި ގާއިމުކުރުމަކީ މިސަރުކާރުން ބޮޑު އިސްކަމެއްދީގެން ކުރިއަށް ގެންދާކަމެކެވެ. އެ ގޮތުން މި ޕްރޮޖެކްޓަކީ، ދަރިވަރުން ކްލާސްރޫމްގައި ތިބޭއިރު އިހުސާސް ކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ، އެކަމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުން ތަހައްމަލު ކުރަންޖެހޭ އުނދަގޫ ތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު އެޑިއުކޭޝަން މިނިސްޓްރީއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.