ރާއްޖެތެރޭގައި އާބަން ސެންޓަރުތަކެއް ކަނޑައެޅުމަށް ދިރާސާއެއް ކުރަނީ

b_GVhrZuVeuhPQVoAQ40GaWjlGL.jpg

ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބުދުﷲ ނާޒިމް އިބްރާހީމް --- ފޮޓޯ: ރައީސް އޮފީސް

ރާއްޖެތެރޭގައި އާބަން ސެންޓަރު ތަކެއް ކަނޑައެޅުމަށް ދިރާސާއެއް ކުރަން ކެބިނެޓުން ނިންމައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ހައުސިން މިނިސްޓްރީން ވަނީ އާބަން ސެންޓަރުތަކުގެ ކަނޑައެޅުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމަށް ކެބިނެޓަށް ހުށަހަޅާފައި ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އާބަން ސެންޓަރުންތައް ހެދުމުގެ ވާހަކަ ހިމަނާފައި ވެއެވެ.

ނާޒިމް ވިދާޅުވީ އާބަން ސެންޓަރުތަކާއި އާބަން ރީޖަންތައް ތަރައްގީ ކުރުމަށްޓަކައި ހައުސިން މިނިސްޓްރީން ހުށަހެޅި ކަރުދާހަކާ މެދު ކެބިނެޓުގައި މިއަދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އާބަން ސެންޓަރުތައް ހެދުމަށް އެންމެ އެކަށީގެންވާ ސަރަހައްދު ދެނެގަތުމުގެ މަސައްކަތް ކުރަން މިއަދު ކެބިނެޓުން ނިންމަވާފައިވާ އިރު އެއް ސަރަހައްދެއްގައި އެއް އާބަން ސެންޓަރަށްވުރެ ގިނަ އާބަން ސެންޓަރުތައް ހިމެނިދާނެ ކަމަށާއި އޭރުން އެ ސަރަހައްދެއް ވެގެންދާނީ އާބަން ރީޖަނަކަށް ކަމަށް ނާޒިމްވިދާޅުވިއެވެ.

އާބަން ސެންޓަރުތަކުގައި ހުންނަން ޖެހޭނެ ކްރައިޓީރިއާ ތަކާ ބެހޭގޮތުން ވެސް ކެބިނެޓުން ވަނީ މަޝްވަރާކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ރައްޔިތުންގެ ބައިވެރިވުން އޮންނަ ގޮތަށް، ޚިޔާލާއި މަޝްވަރާ ހޯދައިގެން، އާބަން ރީޖަންތައް ކަނޑައެޅުމަށް ކަމާގުޅޭ އިދާރާތައް ގުޅިގެން ތަފްސީލީ ދިރާސާއެއް ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

ހަމަ އެހެންމެ މި ދިރާސާގެ ތެރެއިން އާބަން ޑިވެލޮޕްމަންޓް ރީޖަންގެ ގޮތުގައި ތަރައްގީ ކުރެވޭނެ ސަރަހައްދުތައް ފާހަގަކޮށް، އެތަންތަނުގައި ހިމެނޭނެ އަތޮޅުތަކާއި ރަށްތައް ފާހަގަކުރަން ވަނީ ނިންމަވާފައެވެ.

އެ ސިޔާސަތުތައް އެކުލެވިގެންދާއިރު، އާބަން ރީޖަނަކުން ޓޫރިޒަމާއި ދަނޑުވެރިކަން ފަދަ އިގްތިސާދީ ނަފާ އިތުރުކުރެވޭނެ ގޮތްތައް ހިމެނޭނެ އެވެ.

”މިގޮތުން އާބަން ސެންޓަރެއްގެ ގޮތުގައި ކަނޑައަޅާ ރަށް ނުވަތަ ރަށްތަކެއް އެކުވެގެން އެ ރަށެއްގެ ނުވަތަ އެ ރަށްތަކެއްގައި ދިރިއުޅޭ އާބާދީ، މި ދަންނަވަނީ ރެޒިޑެންޓް ޕޮޕިއުލޭޝަންގެ ޖުމްލަ 10،000 އަށްވުރެ ދަށް ނުވާނެ ފަދަ ގޮތަކަށް،“ ނާޒިމް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top