ސަރުކާރު ހިންގާ ޕީޕީއެމް/ ޕީއެންސީ އާއި ވަކިވެ ކުރީގެ ރައީސް ޔާމީން އުފެއްދެވުމަށް މަސައްކަތްކުރައްވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ދީފިއެވެ.
ރައީސް ޔާމީންގެ އާ ޕާޓީގެ މުއައްސިސަކީ އެމަނިކުފާނުގެ ދޮށީ ދަރިކަލުން ޒެއިން ޔާމީންއެވެ. މިކަމުގައި އިސްކޮށް އުޅުއްވަނީ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ.
މިދިޔަ އާދިއްތަ ދުވަހު ރަޖިސްޓަރީ ކުރަން ހުށައެޅި ޕީއެންއެފް ގެ ހުއްދަ އިއްޔެ ލިބޭނެ ކަމަށް މަލީހު ވިދާޅުވި ނަމަވެސް އިއްޔެގެ ނިޔަލަށް އެ ހުއްދަ އިލެކްޝަނުން ދީފައެއް ނުވެއެވެ.
ރައީސް ޔާމިން ޕީޕިއެމުން ވަކިވެ އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމާފައިވާކަން ހާމަކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު ވަނީ އެމަނިކުފާނުގެ ޕާޓީގެ ނަމާއި ކުލަ އަދި ލޯގޯ އިއުލާން ކޮށްފައެވެ.
ޕާޓީ އުފެއްދުމަށް އީސީން ހުއްދަދީފައިވާއިރު، ޕާޓީ ރަޖިސްޓަރީ ކުރަން އީސީއަށް ހުށަހެޅީ ރައީސް ޔާމީންގެ ދަރިކަލުން ޒެއިން ޔާމީންގެ ނަމުގައެވެ.
ޕީއެންއެފް އަށް މެންބަރުން ހޯދުމާއި ފޯމު ފުރުމުގެ މަސައްކަތް ޕީޕީއެމްގެ ކުރީގެ އޮފީހުގައި މިހާރުވެސް ކުރިއަށްދާއިރު، އެކަމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ވިދާޅުވަނީ ޕީއެންއެފް ވެގެން ދާނީ މިހާތަނަށް އެންމެ އަވަހަށް ތިން ހާސް މެންބަރުން ހަމަކޮށް އިލެކްޝަންސް ކޮމިޝަން އަށް ހުށައަޅާ ޕާޓީ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން، ޕާޓީއެއް އުފެއްދޭނީ މަދުވެގެން 3،000 މެންބަރުންގެ ސޮއި އީސީއަށް ހުށަހަޅައިގެންނެވެ. އޭރުން ޕާޓީ ރަޖިސްޓަރީ ކުރުމުގެ ޖަލްސާ ބާއްވަން އީސީ އިން ހުއްދަ ދޭނެއެވެ. އެ ޖަލްސާގައި މަދުވެގެން 300 މެންބަރުން ބައިވެރިވާން ޖެހޭނެއެވެ.