2024 ވަނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހަޅައިފި

Majlis.jpg

2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި، މިއަހަރުގެ ސަޕްލިމަންޓްރީ ބަޖެޓު މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ދެ ބަޖެޓު ހުށަހެޅުމުގެ ޖަލްސާ އެޖެންޑާކޮށްފައި އޮތީ މިއަދު ހެނދުނު 9:00 އަށެވެ.

ރިޔާސަތުން މަޖިލީހުގެ ރައީސް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ޖަލްސާ ފެއްޓެވުމަށްފަހު ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރަށް ފުރަތަމަ ފުރުސަތު އެރުވީ މިއަހަރުގެ ސަޕްލިމަންޓްރީ ބަޖެޓު މަޖިލީހަށް ހުށަހަޅާށެވެ.

މި ފުރުސަތާއެކު މިނިސްޓަރު އަމީރު ބަޖެޓު ހުށަހަޅަމުން ދިޔައިރު، ޑިމޮކްރެޓް މެންބަރުން ދިޔައީ އަޑުގަދަ ކުރައްވާ ބަޖެޓު ހުށަހެޅުމަށް ހުރަސް އަޅުއްވަމުންނެވެ. އެގޮތުން ބައެއް ފަހަރު މިނިސްޓަރު ބަޖެޓު ހުށަހެޅުން ހުއްޓާލަންވެސް ޖެހުނެވެ. ނަމަވެސް މަޖިލީސް ރައީސް، ވަނީ މަޖިލީހުގެ ގަވާއިދަށް މެންބަރުން ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކޮށް ބަޖެޓު ހުށަހަޅަން ފުރުސަތު ދީފައެވެ.

އެ ބޭފުޅުން ފާހަގަކުރެއްވި މައިގަނޑު މައްސަލައަކީ ފިނޭންސް މިނިސްޓަރު ސުޕްރީމް ކޯޓުގެ ހުކުމާއި ޚިލާފް ވެފައިވާ ކަމަށާއި އަދި މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަންޖެހޭ ކަމަށް ވިދާޅުވިއެވެ. ނިޒާމީ ނުކުތާގައި ނަޝީދު ވަނީ ފިނޭންސް މިނިސްޓަރުގެ މައްސަލަ ޝަރީއަތަށް ހުށަހަޅަން ގޮވައިލައްވާފައެވެ.

މަޖިލީހުގެ ތަޅުމުން ހަޅޭކުގެ އަޑު ނުކެނޑި ހުރިނަމަވެސް، މިނިސްޓަރު އަމީރު ވަނީ މި އަދަށް އެޖެންޑާގައި އޮތް ދެ ބަޖެޓު ވެސް މަޖިލީހަށް ހުށަހަޅުއްވާފައެވެ.

މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައި ވަނީ 6.5 ބިލިއަން ރުފިޔާ އެވެ. މި އަދަދަކީ މި އަހަރަށް ފާސްކުރި 42.8 ބިލިއަން ރުފިޔާގެ ޖުމްލަ ބަޖެޓަށް އިތުރު ކުރަން ހުށަހަޅާފައިވާ ފައިސާ އެވެ. ސަޕްލެމްޓަރީ ބަޖެޓާއެކު މި ހިނގަމުންދާ އަހަރުގެ ޖުމުލަ ބަޖެޓު 49.3 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓުގެ ޖުމްލަ އަކީ 49.5 ބިލިއަން ރުފިޔާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top