ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަގާމުގައި ހުންނެވި އަފްޝަން ލަތީފު މިއަދު އިސްތިއުފާ ހުށަހަޅުއްވައިފި އެވެ.
އަފްޝަންގެ އިސްތިއުފާ ސިޓީ ހުށަހަޅުއްވާފައިވާއިރު، އަންނަ ބުރާސްފަތި ދުވަހަކީ އޭނާ ވަޒީފާއަށް ނުކުންނަވާނެ އެންމެ ފަހު ދުވަސްކަމަށް ވަނީ ވިދާޅުވެފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އިސްތިއުފާގެ ސިޓީގައި އޭނާ ވިދާޅުވެފައިވަނީ އެލްޖީއޭގެ ސީއީއޯކަމުގެ މަގާމުގައި އެންމެ އިސްކަމެއް ދެއްވީ ލޯކަލް ކައުންސިލްތަކާއި، ސަރުކާރާއި، ރައްޔިތުންނާމެދު އޮންނަ ގުޅުން ހަރުދަނާކޮށް ލާމަރުކަޒީ ނިޒާމަށް އޮންނަ އިތުބާރު އިތުރު ކުރުމަށް ކަމަށެވެ.
އެލްޖީއޭގެ ސީއީއޯއަކަށް އަފްޝަން އައްޔަންކުރެއްވީ ޖޫން 9، 2020 ގަ އެވެ. އޭގެ ކުރިން އޭނާ ވަނީ އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރުމަށް ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ނިންމަވައި ކެމްޕޭން ވެސް ކުރިއަށް ގެންދަވާފައެވެ. ފަހުން ނަން އަނބުރާ ގެންދެވީ އާއިލީ ސަބަބުތަކެއް ކަމަށް ވިދާޅުވެފައެވެ.
އަފްޝަން އަކީ އެމްޑީޕީގެ ފިކުރެއްގެ ދިރުން ފެކްޝަނާއި ގުޅުމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމުން ވަކިކުރި ހުސެއިން އަމުރުގެ އަނބިކަނބަލުންނެވެ.
އަފްޝަން، އެލްޖީއޭއަށް އައްޔަންކުރުމުގެ ކުރިން ހުންނެވީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަކަށެވެ.