ހިތްވަރު ދިނުމުގެ ގައުމީ އިނާމަށްފަހު ޑރ. އަންވަރަށް ޝަރަފްވެރިކަމުގެ ގައުމީ އިނާމު

b_2eNvSVzBkidRTrOjG7JQoUSxf.jpg

20 އޮކްޓޫބަރު 2022، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގައުމީ އިނާމު ހާސިލު ކުރެއްވި ޑރ.އަހްމަދު އަންވަރަށް އިނާމު ހަވާލުކޮށްދެއްވަނީ ---- ފޮޓޯ: ރައީސް އޮފީސް

ބ.އަތޮޅަށާއި އޭދަފުށީގެ ތައުލީމަށް ފާހަގަކުރެވޭ ޚިދުމަތް ތަކެއް ކޮށްދެއްވި، ސ.މީދޫ ހަސަންކާރިގޭ ޑރ. އަހުމަދު އަންވަރަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފި އެވެ.

ގައުމީ އިނާމު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަތް ބޭފުޅުންނަށް އިނާމު ހަވާލުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ޝަރަފުވެރިކަމުގެ މި އަހަރުގެ ގައުމީ އިނާމު 10 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 22 ފަރާތަކަށް ސަރުކާރުން ވަނީ އަރުވައިފަ އެވެ.

ޑރ. އަންވަރަށް ރޭ ޝަރަފްވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާއިރު ރާއްޖޭގެ ތައުލީމީ ދާއިރާގެ ތަރައްގީއަށް ކޮށްދެއްވާފައިވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު، 2011 ވަނަ އަހަރު ސަރުކާރުން ވަނީ އޭނާއަށް ދެއްވައިފައެވެ.

ޑރ. އަންވަރު ތައުލީމީ ދާއިރާއިން ގްރެޖްއޭޓް ވުމުގެ ދިގު ރާސްތާ ފައްޓަވާފައިވަނީ އެިންޑިއާގެ މައިސޫރުންނެވެ. އެތަނުން ޕްރައިމަރީ ޓީޗިންގް ޓްރެއިނިންގް ސެޓްފިކެޓް ހޯއްދެވުމަށް ފަހު ތައުލީމީ ދާއިރާއިން އިތުރަށް ކިޔަވައި ވިދާޅުވީ ސްކޮޓްލެންޑާއި އިނގިރޭސި ވިލާތުންނެވެ.

ތައުލީމީ ދާއިރާއިން ޑރ. އަންވަރު ޕީއެޗްޑީ ހައްދަވައި، ޑޮކްޓަރޭޓް ހާސިލުކުރެއްވީ 2008 ވަނަ އަހަރު، އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބްރިސްޓަލްއިންނެވެ.

ޑރ. އަންވަރު ޚާއްސަކޮށް ރާއްޖެ ތެރޭގެ ތައުލީމީ ދާއިރާގައި ނ.އަތޮޅު ތައުލީމީ މަރުކަޒުގެ ހެޑްމާސްޓާރެއްގެ ގޮތުންނާއި ށ.އަތޮޅު ތައުލީމީ މަރުކަޒުގެ ހެޑްމާސްޓަރު ކަމުގެ މަަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރައްވައި ރަނގަޅު ދަރިވަރުންތަކެއް އުފައްދަވާފައެވެ.

ޑރ. އަންވަރު ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ހެޑްމާސްޓަރު ކަމުގެ މަގާމާއި ހަވާލުވެވަޑައިގަތީ 1984 ވަނަ އަހަރުއެވެ. ވަރަށް ޗެލެންޖިންގ މަސައްކަތެއްގެ ގޮތުގައި އެމަގާމުގައި ހުންނަވައިގެން ޑރ.ވަނީ ރައްޔިތުން ކޮމިޔުނިޓީ ސްކޫލްތަކާއި މެދު ދެކެމުން އައިގޮތް ބަދަލު ކޮށްލައްވައި އެންމެ ދެއަހަރުގެ ތެރޭގައި އޭރު ގްރޭޑް 7 ނިންމާ ދަރިވަރުންނަށް ދެމުން އައި ޖޭއެސްސީ އިމްތިހާނުން ދަރިވަރުން ފާސްކޮށްދެއްވާފައެވެ.

ތައުލީމީ ދާއިރާގައި ސަރުކާރަށް 35 އަހަރު ޚިދުމަތް ކުރެއްވުމަށް ފަހު ޑރ. އަންވަރު ގުޅިވަޑައިގަތީ ވިލާ ކޮލެޖް އާއެވެ. އެ މުއްދަތުގެ ތެރޭގައި ޑރ. އަންވަރު ވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އޭރުގެ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑު)ގެ އިސްވެރިއެއްގެ ގޮތުގައި ހުންނަވައި، މަތީ ތައުލީމު ރެގިއުލޭޓު ކުރުމަށް ރާއްޖޭގައި އުފެއްދި ފުރަތަމަ ރެގިއުލޭޓަރީ ފްރޭމްވޯކް އެކުލަވާލުމުގައި ވެސް ބޮޑު ދައުރެއް އަދާކުރައްވައިފަ އެވެ.

ޑރ. އަންވަރު ރާއްޖޭގެ ތައުލީމާއި މަތީ ތައުލީމުގެ ދާއިރާއަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އޮކްޓޯބަރު 2016 ގައި، މެލޭޝިޔާގެ އޯޕަން ޔުނިވާރސިޓީގެ 19 ވަނަ ކޮންވޮކޭޝަން ރަސްމިއްޔާތުގައި އެ ޔުނިވާ ސިޓީގެ ފަރާތުން ވަނީ އޮނަރަރީ ޑޮކްޓްރޭޓް ޑިގްރީއެއް ވެސް އަރުވައިފައެވެ.

އޮނަރަރީ ޑިގްރީއަކީ، އެކި ދާއިރާތަކަށް ނުވަތަ މުޖުތަމަޢަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދީފައިވާ ފަރާތްތަކަށް، ޔުނިވާސިޓީ ނުވަތަ ކޮލެޖަކުން އަރުވާ ރަމްޒީ، ޝަރަފުގެ ޑިގްރީއެކެވެ.

ޑރ.އަންވަރު މިހާރު ހުންނެވީ ވިލާކޮލެޖްގެ ރެކްޓަރ ގެ މަގާމުގައެވެ.

ގައުމީ އިނާމު ދޭނެ ބޭފުޅުން ކަނޑައަޅަނީ ރައީސް އުފައްދަވާ ގައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top