ދަރިންނަށް ފުރަތަމަ ދޭންޖެހޭނީ އީމާންކަމުގެ ތަރުބިއްޔަތު: ޚުތުބާ

IMG_0052.jpg

ދަރިންނާމެދު އަޅަން ޖެހޭ ފުރަތަމަ ފިޔަވަޅަކީ، އީމާންކަމުގެ ތަރުބިއްޔަތު ދިނުމުގެ ފިޔަވަޅުކަމަށާއި މި ތަރުބިއްޔަތު ދެންވާނީ އޯގާތެރިކަމާއި ލޯތްބާ އެކުގައި ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިކަމުގެ ތަފްސީލުދެމުން ހުތުބާގައި ބުނީ ޅަދަރީން ލައްވައި ގަދަކަމުން ނަމާދު ކުރުވައި، ރޯދަ ހިއްޕުވާ ނަމަ އެކުދިން އެކަން ކުރާނީ ކުރާ ހިތަކުން ނޫންކަމަށެވެ. އޭރުން އެކުދިން ބޮޑުވަމުން އެ އަންނަނީ، ބިރުވެރި މާހައުލެއްގައި ކަމަށާ ނަތީޖާއަކަށް ވާނީ، ދީނަށް ނަފްރަތު ކުރުންކަމަށް ހުތުބާގައި ބުންޏެވެ. އަދި އިސްލާމްދީން އަޅުގަނޑުމެންނަށް ގޮވައިލަނީ، އޯގާވެރިކަމާއި، ލޯތްބާ އެކު، ކުލުނާއެކު، ދަރީންނަށް ދީނީ ތަރުބިއްޔަތު ދިނުމަށް ކަން ހަނދާން ކޮށްދެއްވި އެވެ.

”ކީރިތި ރަސޫލާ (ޞޢވ) އަންގަވައިފައި ވަނީ ހަތް އަހަރުގައި އެކުދިންނަށް ނަމާދު ކުރުމަށް އަމުރު ކުރުމަށެވެ.  ރިވެތި ނަމޫނާ ދައްކައިގެން އެކުދިން ތަރުބިއްޔަތު ކުރުމަށެވެ. ބައްޕައަށް އިޙްތިރާމު ކުރުމަށް ބުނާ ބައްޕަ، މަންމައާ ޒުވާބު ކުރާތަން ފެންނަ ނަމަ ދަރީންނަށް އިހުތިރާމުގެ ފިލާވަޅެއް ނުލިބޭނެއެވެ. މަންމަ ދެކެ ލޯބިވުމަށް ބައްޕަ ބުނާއިރު، މަންމަގެ މައްޗަށް ބައްޕަ އަނިޔާވެރިވާ މަންޒަރު ފެންނަ ނަމަ، ކުއްޖާގެ ނަފްސުގައި ބިންވަޅު ނެގެމުންދާނީ ނޭދެވޭ އަސަރުތަކެކެވެ.“ހުތުބާގައި ބުންޏެވެ.

ދަރީންނަށް ތަރުބިއްޔަތު ދިނުމުގެ މުހިންމުކަމުގެ މައްޗަށް ބިނާކޮށްފައިވާ މިއަދުގެ ހުކުރު ހުތުބާގައި އިތުރަށް ބުނެފައިވަނީ ބައެއް މައިންބަފައިން މިއަދު ދައްކާ ވާހަކައަކީ، އެމީހުންގެ ދަރީން ކުއްލިއަކަށް ނަމާދާ ދުރުހެލިވާ ވާހަކަ ކަމުގަ އެވެ. ފޯނާއި ކޮމްޕިއުޓަރު ފަދަ ޒަމާނީ ވަސީލަތްތަކުގެ ތެރެއަށް ގެނބި، މާތް ﷲ ހަރާމްކުރެއްވި ކަންތައްތަކަށް އަރައިގަންނަމުންދާ ވާހަކައެވެ. ކުއްލިއަކަށް މާބޮޑަށް މިނިވަންވެ، މައިންބަފައިންނަށް ނުވެސް އެނގި، ހަޔާތުގެ ބައިވެރިޔަކު ހޯދުމުގެ މަސައްކަތް ފެށި ވާހަކައެވެ. މިފަދަ ބަލިތަކާއި، ރޯގާތައް އެކުދިންނަށް މި ޖެހެނީ، އެ ފަދަ ކަންކަމުން އެކުދިން ހިމާޔަތް ކުރުމަށް އަޅަން ޖެހޭ ހަރުދަނާ ފިޔަވަޅުތައް ނާޅާތީއެވެ.

މީގެ އިތުރުންވެސް، ޔަތީމުންނަކީ ހަމައެކަނި މައިންބަފައިން މަރުވެފައިވާ ކުދީންނެއް ނޫން ކަމަށާއި، އަޅާނުލާ މަޔަކު ލިބިފައިވާ ކޮންމެ ކުއްޖަކީ ވެސް ޔަތީމެއް ކަަމަށާއި، އަދި ބައްޕަ އަވަދިނެތި އުޅުމުގެ ސަބަބުން، ވަގުތުކޮޅެއް ނުދެވޭ ކުއްޖަކީ ވެސް، ހަމަ ޔަތީމެއް ކަަމަށް ވިދާޅުވެ އަމިއްލަ ދަރިން ޔަތީމު ނުކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.

“ދަރީންނަށް ރަނގަޅު ތަރުބިއްޔަތެއް ދެވޭނީ އަމަލީ ހެޔޮ ނަމޫނާއިންނެވެ. ލޯތްބާއި އޯގާތެރިކަމާއި ކުލުނުގެ ވެއްޓެއްގައި ދަރީން ތަރުބިއްޔަތުކޮށްގެންނެވެ. ހަރުކަށިކަމާއި ހިތްހަރުކަމާ ދުރުވެގެންނެވެ…،” ހުތުބާގައި ބުނެފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top