ސީއައިޓީއެމް, އެމްކިޔުއޭގެ ބްލެކްލިސްޓަށް

file_ytpkks.jpg

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ބައްދަލުވުމެއްގެ ތެރެއިން --ފޮޓޯ: މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ކަނޑައަޅާފައިވާ ގަވާއިދުތަކާ ހިލާފަށް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (ސީއައިޓީއެމް) އިން ކޯސްތައް ހިންގަމުން ގެންދާތީ އެ ސެންޓަރުން ހިންގަމުން އައި ހުރިހާ ކޯސްތަކަކަށް ދީފައިވާ ހުއްދަތައް ބާތިލުކޮށް، މިއަދު އެ ސެންޓަރު “ބްލެކްލިސްޓް” ކޮށްފި އެވެ.

އެމްކިއުއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ގަވާއިދާ ހިލާފަށް އެ ސެންޓަރުން ކޯސްތައް ހިންގަމުންދާ މައްސަލަ އެ އޮތޯރިޓީގެ ބޯޑަށް ހުށަހެޅި، އެންމެ ފަހުން ބޭއްވި ބޯޑުގެ ބައްދަލުވުމުގައި ނިންމާފައި ވަނީ އެ ސެންޓަރަށް ހިންގުމުގެ ހުއްދަ ދީފައިވާ މަތީ ތައުލީމުގެ ޕްރޮގްރާމްތަކުގެ ހުއްދަތައް ބާތިލުކޮށް، އެ ސެންޓަރު “ބްލެކްލިސްޓް” ކުރުމަށް ކަމަށެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުން ސީއައިޓީއެމް އިން ކުރިޔަށް ގެންދާ އެމްކިޔުއޭ އިން ހުއްދަދީފައިވާ މަތީ ތައުލީމުގެ ޕްރޮގްރާމްތަކަށް ވަނުމުގެ ޝަރުތު ހަމަނުވާ ބައެއް ދަރިވަރުން ވެއްދުމާއި، ބެޗުުތައް ނިންމުމަށް ފަހު ސަނަދު ދޫކުރުމުގެ ކުރިން އެ އޮތޯރިޓީ އަށް ހުށައަޅަންޖެހޭ މައުލުމާތު ތަކާއި ލިޔުންތައް
ބަރާބަރަށް ހުށަނާޅައި ސުޕަވިޝަން މަރުހަލާ ފުރިހަމަ ނުކުރުން ހިމެނެއެވެ.

އޭގެ އިތުރުން ސުޕަވިޝަން މަރުހަލާ ފުރިހަމަނުކޮށް ސަނަދު ދޫކުރުމުގެ ހުއްދަ އެ އޮތޯރިޓީން ދިނުމުގެ ކުރިން ބައެއް ދަރިވަރުންނަށް ސަނަދު ދިނުމާއި، ސީއައިޓީއެމް އިން ކުރިއަށް ގެންދާ އެމްކިޔުއޭ އިން ހުއްދަދީފައިވާ މަތީ ތަޢުލީމުގެ ޕްރޮގްރާމްތައް ފުރިހަމަ ކުރާ ދަރިވަރުންނަށް އެ އޮތޯރިޓީން ސަނަދު ދިނުމުގެ ހުއްދަ ދިން ނަމަވެސް، ސަނަދު ދޫ ނުކުރުމާއި ސަނަދު ދިނުން ލަސްވުން ވެސް ހިމެނޭ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

މީގެ އިތުރުން 2014 ވަނަ އަހަރުން ފެށިގެން އެއޮތޯރިޓީއަށް ހުށަހަޅަން ޖެހޭ ބިފޯރ ކޮމެންސިންގ ފޯމް’ ހުށަހަޅަމުން އައިސްފައި ނުވާކަން ވެސް ފާހަގަ ކޮށްފައި ވެއެވެ.

އެ އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން އެ ސެންޓަރުން މިހާރު ކުރިއަށް ގެންދާ ކޯސްތަކުގެ ބެޗުތައް ފިޔަވައި އިތުރު އެއްވެސް ބެޗެއް ނުފެށުމަށާ އެ އެންގުމާ ހިލާފަށް އާ ބެޗެއް ފަށައިފި ނަމަ އެ އޮތޯރިޓީން އެ ބެޗެއް ބަލައި ނުގަންނާނެ ކަމަށާއި އަދި އެ ދަރިވަރުންނަށް ދޫކުރާ ސެޓްފިކެޓް ވެސް ބަލައިނުގަންނާނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ދަރިވަރުންނަށް ސަނަދު ދޫކުރުމުގެ ކުރިން ސީއައިޓީއެމް އިން އެ އޮތޯރިޓީއަށް މިހާރު ހުށަހަޅަންޖެހިފައިވާ ސުޕަވިޝަން އާ ގުޅުންހުރި ލިޔުންތައް، އެ އޮތޯރިޓީ ގެ އެޑްވައިޒަރީ ބޯޑު ގެ ނިންމުމާ އެއްގޮތަށް، މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އެ އޮތޯރިޓީއަށް ހުށަހެޅުމަށް މިހާރު ސީއައިޓީއެމް އަށް ލިޔުމުން އަންގާފައި ވާނޭ ކަމަށްވެސް އެމްކިއުއޭއިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top