ރާއްޖޭގެ ފުރަތަމަ ހާބަރު މާސްޓަރު އޭދަފުށީ ރަސްހުވަނދު އަހުމަދު ރަޝީދު ، 24 އަހަރުގެ ޚިދުމަތަށް ފަހު މިއަދު ރިޓަޔާ ކުރައްވައިފި އެވެ.
ރާއްޖޭގެ ފުރަތަމަ ހާބަރު މާސްޓަރުގެ ގޮތުގައި، ކެޕްޓަން އަހުމަދު ރަޝީދު އެމްްޕީއެލްއާ ގުޅިވަޑައިގަތީ 1997 ވަނަ އަހަރެވެ. އެމްޕީއެލުން ބުނީ އެ ކުންފުނިން ފާއިތުވި 24 އަހަރު ހޯދި ކުރިއެރުންތަކުގައި، ކެޕްޓަން އަހުމަދު ރަޝީދުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.
އެމްޕީއެލުން ބުނީ ޕައިލަޓޭޖް އެންޑް މެރިން ސާވިސަސްގެ އެންމެ އިސްވެރިއެއްގެ ގޮތުގައި މެރިން އޮޕަރޭޝަންސްތައް ހަރުދަނާކޮށް، އެ ދާއިރާ އިން މުވައްޒަފުން ތަމްރީނު ކުރުމުގައި، ކެޕްޓަން އަހުމަދު އަގުނުކުރެވޭ ފަދަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާ އޭނާ އަކީ ޕްރޮފެޝަނަލް މިންގަނޑުތައް ހިފަހައްޓައި، މަސައްކަތުގެ މައްސޫލިއްޔަތުތައް ވަރަށް ރަނގަޅަށް އަދާކުރެއްވި ބޭފުޅެއް ކަމަށެވެ.
ކެޕްޓަން އަހުމަދު ރަޝީދު، މިހާ ދިގު މުއްދަތެއްގައި އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާތީ އެމްޕީއެލުން އެކަން ފާހަގަކުރުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި އޭނާގެ ހިދުމަތުގެ އަގުވަޒަންކޮށް، ހާއްސަ ޝީލްޑަކާއި ހަނދާނީ ފިލާއެއް ދީފައިވާ ކަމަށް އެމްޕީއެލުން ބުންޏެވެ.
ހާބަރު މާސްޓަރަކީ ޕޯޓެއްގެ ހުރިހާ އޮޕަރޭޝަންތައް ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މީހާއެވެ. މީގެ ތެރޭގައި ޕޯޓަށް ކައިރިކުރާ ބޯޓުތަކުގެ ނެވިގޭޝަނާއި ޕޯޓުގެ ސެކިއުރިޓީ ބެލެހެއްޓުމާއި މެރިޓައިމް ދާއިރާއިން ކަނޑައަޅާފައިވާ ގަވާއިދުތައް ތަންފީޒު ކުރުން ހިމެނެއެވެ.
ހާބަރު މާސްޓަރު ކަމުގެ މަގާމު އޭނާ އަދާކުރައްވަން ފެށުމުގެ ކުރިން އޭނާވަނީ ރާއްޖޭގެ ޝިޕިންގު ކުންފުނީގެ ބޯޓުފަހަރުގައި ކެޕްޓަން ކަމުގެ މަގާމުވެސް ގިނަ އަހަރު ތަކެއްގައި އަދާކުރައްވާފަ އެވެ.
ހާބަރު މާސްޓަރު ކަމާ ދެން ހާވަލުވާނީ ކެޕްޓަން ހަސަން ޒަރީރެވެ. އޭނާ އަކީ މި ދާއިރާއިން 30 އަހަރުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން މަސައްކަތް ކުރެއްވީ އެސްޓީއޯގައެވެ.