އެންމެ މީހަކަށްޓަކައި 157 މީހުންގެ ހައްގު ގެއްލުން ބަލައިނުގަނެވޭ – ރައީސް ފާތިހު

DSCN0305.jpg

އޭަދަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ފާތިހު--އީވީ ފޮޓޯ

އެންމެ މީހެއްގެ ހައްގުގައި އޭދަފުށިން ގޯތި ލިބޭ އެހެން މީހުންގެ ހައްގުތައް ގެއްލުވާލުމަކީ ގަބޫލު ކުރެވޭނެކަމެއް ނޫން ކަމަށް އޭދަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ފާތިހު ވިދާޅުވެއްޖެ އެވެ. 

ފާތިހު މިހެން ވިދާޅުވީ ކައުންސިލްގެ މިދައުރުގެ ފުރަތަމަ ސަތޭކަދުވަހުގެ މަސައްކަތްތަކާ ބެހޭގޮތުން އޭދަފުށީ ވޮއިސްއަށް ދިން އިންޓަވިއުގަ އެވެ. 

އޭދަފުށީގެ ހިއްކިބިމުން 158 ގޯތި ދިނުމުގެ މަޝްރޫއު 2020 ވަނަ އަހަރު ފެށިގެން ކުރިޔަށް ދިޔަނަމަވެސް، އާންމު ރައްޔިތަކު ހުށައެޅި މައްސަލައަކާއި ގުޅިގެން އެމަސައްކަތް މަޑުޖައްސާލުމަށް މިއަހަރު އޭޕްރީލްމަހު އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ. 

ކައުންސިލްގެ ރައީސް ފާތިހު ވިދާޅުވީ ގޯތި ދޫކުރުމުގެ ކަންކަން ވީހާވެސް އަވަހަކަށް ނިންމަން ބޭނުންވާކަމަށާ، އެހެންނަމަވެސް ކޯޓު އަމުރާ ގުޅިގެން އެއްވެސް ކަމެއް މިވަގުތު ކުރެވެން ނެތްކަމަށެވެ. އޭނާ ވިދާޅުވީ ކޯޓުގެ ނިންމުމަމަށް ފާޑުނުކިޔޭނެކަމަށާ، އެހެންނަމަވެސް އެކެއްގެ ހައްގަކާހެދި އެތައްބަޔެއްގެހައްގު ގެއްލުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ. 

“އެންމެ މީހެއްގެ ހައްގުގައި 157 މީހުންގެ ހައްގު ގެއްލުމަކީ އަޅުގަނޑު ގަބޫލުކުރާގޮތުގައި އެކަން ވާންޖެހޭނެ ގޮތެއްނޫން. އަޅުގަނޑު ގަބޫލުކުރަނީ އެކަން އެއަށްވުރެ ރަނގަޅުގޮތަކަށް ވާންޖެހޭނެކަމަށް. މިސާލަކަށް އެއް ގެވަޅު ބާއްވާފަ ދެންހުރި ގޯތީގެ ކަންތައް ކުރިޔަށް ގެންދެވިދާނެ. އެކަމަކު ކޯޓް މަރުހަލާގައި އޮތްކަމަކަށްވާތީ އެކަމަށް ފާޑުކިޔައި މިވާހަކަ ނުވެސް ދެއްކޭނެ ކަންނޭގެ” ފާތިހު ވިދާޅުވިއެވެ. 

އޭދަފުށީ ކައުންސިލުން ބުނީ ކޯޓުގައި ހިނގަމުންދާ މައްސަލަ އަވަސް ކުރުމަށް ކައުންސިލުން ކުރެވެން ހުރި ކަންކަން ކުރަމުން އަންނަ ކަމަށާއި، މައްސަލަ ދިގުލައިގެން ގޮސްފައިވަނީ ކޯޓްގެ އިދާރީކަމެއްގައި ހުއްޓުމެއް އައުމުގެ ސަބަބުންކަމަށެވެ. 

“ކޯޓުން މައްސަލަ ނިމުނުހާ އަވަހަކަށް މަސައްކަތް ފަށާނެވާހަކަ ދަންނަވަން. މިހާރު އެއް އަޑުއެހުން ނިމިއްޖެ. އަޅުގަނޑުމެންނަށް އޮތީ ޖަވާބުދާރީވާން 10 ދުވަހުގެ މުއްދަތު ދީފައި. އެކަންވެސް ނިމި މައްސަލަ ހުށައެޅި ފަރާތުން ހުށައެޅި ކަންތައްތަކަށް ޖަވާބުދާރީވެފަ އޮންނާނީ.” ޕީޕީއެމް ކައުންސިލަރު އަދި ރައީސް ވިދާޅުވިއެވެ

ދިރިއުޅުމަށް ބަންޑާރަ ގޯތީގެ ގޮތުގައި އޭދަފުށީގެ ހިއްކިބިމުން 1400 އަކަފޫޓުގެ 158 ގޯތި ދޫކުރަން ސަރުކާރުން ނިންމެވީ 2019 ވަނަ އަހަރުއެވެ.

ބިން ފުރި ތޮއްޖެހިފައިވާ އޭދަފުށީގެ ފަޅުހިއްކައި ރަށުގެ ބޮޑުމިން 31 ހެކްޓަރުން 56 ހެކްޓަރަށް ބޮޑުކުރީ 2014 ވަނައަހަރު ރައީސް ޔާމީންގެ ސަރުކާރުންނެވެ. އެ ބިމުގައި 100 ހައުސިންގް ޔުނިޓް އެޅުމަށް 2017 އަދި 2018 ވަނަ އަހަރު ބަޖެޓްވެސް ކުރިއެވެ. އެހެން ނަމަވެސް އިތުރު މަރުހަލާ އަކަށް އެމަސައްކަތް ވެސް ގޮސްފައެއް ނުވެ އެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top