ރަށު ކައުންސިލުގެ ފުރަތަމަ 100ދުވަސް. މިސްރާބު ރަނގަޅު

viber_image_2021-09-12_10-44-21-419.jpg

މި ދައުރުގެ އޭދަފުށީގެ ކައުންސިލަރުން

(ގައްޔޫމް ނަސީރު)

އޭދަފުށީ ކައުންސިލު އާ ދައުރަކަށް އަލިވިލުނު ފަހުން 100 ދުވަސް ފާއިތުވެގެން ހިނގައްޖެ އެވެ. ހަތް މެންބަރުންގެ ޓީމެއް ކައުންސިލު ހިންގަން ރައްޔިތުން އިންތިޚާބު ކޮށްފައިވާއިރު ތަފާތުތަކެއް ފެންނާނެ ކަމަށް ރައްޔިތުން ތިބީ ނިކަން ހިނި އައިސްފައެވެ. އަންހެނުން ބާރުވެރިކޮށް ރަށުގައި ބަސްވިކޭ މަގާމަކަށް ގެނަސް ރަށު ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން ތިން އަންހެނުންވެސް މި ފަހަރުގެ ކައުންސިލުގައި ވަނީ ހިމަނާފަ އެވެ. ތަފާތުވަނީ މިހެންވީމަ އެވެ. ފަހަކުން ހަތަކަށް އަދަދުތައް އަރައިގެން ދިޔައިރު އެތަފާތު ދައްކަންޖެހޭނީ ރަށަށް އަންނާނެ ހެޔޮ ބަދަލު ތަކުންނެވެ.

100 ދުވަސް ގުނެވިގެން ދިޔައިރު ގަބޫލު ކުރަން ޖެހޭ ފުރަތަމަ ހަގީގަތަކީ ކަންތައްތަކެއް ކުރެވިފައިވާކަން ދެއްކުމަށް މިއީ އަވަސް މުއްދަތެއް ކަމެވެ. އެހެންނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދޭން ޕްލޭން ކުރެވި އެކަންކަން ކަރުދާހުން ފެށިގެން ”ފުރާނަ އެޅުވުމުގެ“ މަރުހަލާގައި ވާނަމަ ޝައްކެއްވެސް ނެތެވެ. އެދެވެނީ ރަނގަޅު މިސްރާބަށެވެ. ދަތުރައިގެން ކުރިއަށް ދާންވީއެވެ.

ހުރަސްތަކެއް އެބަހުއްޓެވެ. ހުންނަން ވެސް ޖެހޭނެ އެވެ. އެއީ މަސައްކަތްކުރާ ހިތްވާ ބަޔަކަށް ލިބޭނެ އިތުރު ބުންވަރެކެވެ.

ރަށުގެ ކޮންމެ ދިމާއަކަށް ބަލައިލިޔަސް ފެނިގެން ދަނީ ކުރިއެރުން އެތައް އަހަރެއްގެ ފަހަތަށް ގޮސްފައިވާ ތަނެވެ. ރައްޔިތުންގެ އިމާރާތްތައް ވީރަނާވުމުގެ ދަތުރަށް ފަށާފައިވާ ތަނެވެ. ދެކުނު ފަރާތުގައި ކުނީގެ ކުދިކުދި ގޮނޑުތަކެއް އަލަށް އުފެދި މަޑުމަޑުން ބިޔަވަމުން އެބަދެއެވެ. މަގުތަކުގެ އިންތިޒާމު ގެއްލި މަގުތަކަށް ދޭންޖެހޭ ހައްގުތައް ގެއްލެމުން ދާތަނެވެ. މިކަހަލަ ބައިވަރު ކަންތައްތަކުގެ ދިގު ލިސްޓެއް ލިޔެވިދާނެ އެވެ. ސުވާލަކީ މިހާ ހިސާބަށް ކަންތައް ދިޔައީ ކީއްވެގެން ހެއްޔެވެ؟އާ ކައުންސިލުން މިކަން ކަން ދިރާސާ ކުރުމާއެކު އެކަންކަމަށް އަބަދީ ފަރުވާ އެއް ހޯދައިދޭން ޖެހެއެވެ. ޔަގީނުންވެސް އެއީ ނިޒާމުގެ މައްސަލައެއް ނޫނެވެ. ޖަވާބަކީ އެއީ އެންމެ އެކަށީގެންވާ މީހާއަށް ވޯޓު ދިނުމުގެ ބަދަލުގައި ނަމަށް ބަލައިގެން ވޯޓު ދިނުމުގެ ނަތީޖާއެވެ.

ރައްޔިތުން އެދެނީ ތަރައްގީއާއި ކުރިއެރުމެވެ. އަމާން ހިތްފަސޭހަ ވެއްޓެކެވެ. ނިކަން ތަންދޮރު ފިލާފައިވާ ރަނގަޅާއި ނުބައި ވަކިކޮށް ދަންނަ އޭދަފުއްޓެކެވެ. އޭދަފުށީ ރައްޔިތުންނަކީ ތަރައްގީއާއި ކުރިއެރުމަށް ފެންބޮވައިގެންފައި ތިބި ބައެކެވެ. އެކަން ހެކިދެނީ ތާރީޚެވެ. ރަށުތެރެއަށް ބަލާލުމުން އެކަން އެނގޭނެއެވެ. އެ މަންޒަރު ބަދަލުވެއްޖެއެވެ. ކީއްވެގެން ހެއްޔެވެ. އެ އަމާން ވެށި، އެހިތްފަސޭހަ އޭދަފުށީ އަލުން ހޯދަން ކޮންމެ ރައްޔިތަކުވެސް އެދެއެވެ. އެކަަމަކު ވޯޓާ ހަމައަށް ދިއުމުން އެކަން ހަނދާން ނައްތާލަ އެވެ. ވޯޓުދެނީ ރައްޓެހި މީހާއަށް، ޕާޓީ ކެންޑިޑޭޓަށް، ތިމާގެ މީހާއަށެވެ. ރަށުގެ ތަރައްގީއާއި ކުރިއެރުން އެތައް އަހަރެއްގެ ފަހަތަށް ދިއުމުގެ މައިގަނޑު ސަބަބަކީ އެއީއެވެ.

މައްސަލައެއް ނެތެވެ. ކޮންމެ މިންގަނޑަކުން މިނާފައި ވޯޓު ދިންކަމަށް ވިޔަސް މިކައުންސިލު ތަފާތެވެ. ޒުވާން ޓީމެކެވެ. ޓީމުގެ ގުޅުން ވަރުގަދަ އެވެ. ޕްލޭންތަކެއް ކޮށްފިއެވެ. ކައުންސިލުގައި ޖެހިފައިވާ ނުބައި ލޭބަލް ފިލުވާލައި ގެއްލިފައިވާ އިތުބާރު ހޯދުމުގެ މަސައްކަތް ފުރަތަމަ ދުވަހުވެސް ވަނީ ފަށައިފަ އެވެ. ކުރީ ދައުރު ތަކުގައި ފަށާފައި ނުނިމިހުރި ކަންކަންވެސް ހިމަނައިގެން އާ ކަންތައްތަކެއް ކުރުމުގެ ޕްލޭން އަށް އަމަލީސިފަ ޖެއްސުމުގެ މަސައްކަތުގައި މެންބަރުން ފެންނަނީ ބުރަކޮށް އުޅުއްވާ ތަނެވެ.

ރަށު ކައުންސިލު ރައީސް މުހައްމަދު ފާތިހު ހުންނެވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަރުވާ ޖައްސަވައިގެން އޭނާގެ ޓީމާއެކު ހުރިހާ ވަގުތެއް ވަގުފު ކޮށްގެންނެވެ. ޒުވާން އަންހެން ކައުންސިލަރުންވެސް ފެންނަނީ އެ ކަނަބލުންގެ ދިގު ހެދުންތަކުން ދަރެއް ބަނދެގެން އުޅުއްވާ ތަނެވެ. މަންޒަރު ހިތްގައިމެެވެ. މުޅި ޓީމްގެ ބަހަކީ މިއެވެ. މި ތަނަށް ކަމެއް ގައެވެ. މިއައީ ނަމެއްގައެއް ނޫނެވެ. އެކަން އެންމެ ހިނދުކޮޅަކު ވެސް ހަނދާން ނައްތައެއް ނުލައްވާނެ އެވެ.

ކައުންސިލުން ކުރަން ރާވާފައިވާ ޕްރޮޖެކްޓް ތަކުގެ ދުވެލި ހުރީ 100 ދުވަހުގެ ދަތުރަކަށް ބަލާއިރު ފުލް ގިޔަރުގައެވެ. މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށް ދާ ޚަބަރު އީވީއަށް ދެއްވި އިރު ކައުންސިލަރުންގެ މޫނުމަތިން ފެންނަނީ އިތުބާރާ ޔަގީންކަމުގެ އުފާވެރިކަމެވެ.

ކައުންސިލުގެ ރައީސް މުހައްމަދު ފާތިހު، އޭނާގެ ރިޔާސަތުގެ ފުރަތަމަ 100ދުވަހާ ހަމައަށް ކޮށްފައިވާ މަސައްކަތްތަކުގެ ދިގު ލިސްޓެއް ކިޔައިދެއްވަން ފެއްޓެވީ ރަށުގެ ބޮޑު މިސްކިތާ ހަމައިންނެވެ. އާ ކައުންސިލު ހަވާލުވީއިރު މިސްކިތުގައި އަޅާފައިވާ ކާޕެޓްގެ މަތީގައި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ތަރަފާލު އޮތީ ވަރަށް ބޮޑަށް ހަލާކުވެ އާކުރަން ބޭނުންވެފައެވެ. ފާތިހު ވިދާޅުވިގޮތުން އޮފީހަށް ނުކުންނެވި ފުރަތަމަ ދުވަހުވެސް ރައްޔިތުން އައީ މިޝަކުވާ ހިފައިގެންނެވެ.

އެކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވިއެވެ.

“ރައްޔިތުން ބޭނުންވީ ނެވިލޯން އަޅަން. އެކަން ނިމިއްޖެ. އެކަމަކު އެއަގުބޮޑު މަޝްރޫއުގެ ވާހަކަ ދައްކާއިރު ޝުކުރު އަދާކުރަން ޖެހެނީ ދާއިރާގެ މެންބަރު ސަލީމަށް. ސަލީމަށް ދަންނަވާލުމާއެކު ވަގުތުން އެކްޝަން ނެންގެވި.”

ފާތިހު ވިދާޅުވީ މިސްކިތުގައި ނެވިލޯން އަޅައިދެއްވީ މިރަށަށް ގިނަ އެހީތަކެއް ވެދެއްވަމުން ގެންދަވާ އެމްޕީ. ސަލީމް ކަމަށެވެ.

ހަމަ މިއާއެކު ރަށުގެ ފުޓްސަލް ދަނޑު ބޮޑުކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ހިނގަމުން ދާއިރު އެދަނޑަށް ބޭނުންވާ ޓާފް އަޅައިދެއްވަނީވެސް ސަލީމު ކަމަށް ކައުންސިލުން ހާމަކުރެއްވި އެވެ.

ފާތިހުގެ ލިސްޓުން ދެން ފާހަގަކުރެއްވީ އެތައް އަހަރެން ވަންދެން ރައްޔިތުން އިންތިޒާރު ކުރަމުން އައި ފެރީޓާމިނަލް އެވެ. ދުވާލަކު ސަތޭކައިން ގުނާލެވޭ އަދަދަކަށް މީހުން ޒިޔާރަތް ކުރަމުން އަންނަ މި އޭދަފުށީގައި އެފަދަ ތަނަކަށް ބޭނުންވެފައިވާ ކިތަންމެ ދުވަހެއް ވެފައިވާ ކަމެއް މެއެވެ.

“2015 ވަނަ އަހަރު ބިންގާ އެޅި މި ފެރީ ޓާމިނަލްގެ ޑިޒައިނަށް ބަދަލު ގެނެސް މިހާރު އެކަން ބަޔަކާ ހަވާލުކޮށް ބާރު ސްޕީޑުގައި ކުރިއަށް އެބަދޭ. 180 ދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމާގޮތަށް އެއްބަސްވެފައިވާނީ.” ފާތިހު ވިދާޅުވިއެވެ.

ކުރެހުމުން ވަރަށް ނަލަ، 4900 އަކަފޫޓުގެ ދެ ބުރިއަށް އިމާރާތް ކުރާ މިފެރީ ޓާމިނަލުން ދެވޭ ޚިދުމަތްތަކުގެ ތެރޭގައި 80 މީހުންގެ ޖާގައިގެ ހޯލެއްގެ އިތުރުން ދެ ފާޚާނާއާއި ޅަދަރި މައިންނަށް ބޭނުންވާ ޚިދުމަތްވެސް ލިބެން ހުރެއެވެ. މަތީބުރި ޚާއްސަ ކޮށްފައި ވަނީ ވިޔަފާރި އުސޫލުން ކުއްޔަށް ދޫކުރާ ރެސްޓޯރެންޓް ނުވަތަ ކެފޭ އަކަށެވެ.

ފާތިހުގެ ދައުރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެރީޓާމިނަލްގެ މަސައްކަތް، ބަޔަކާ ހަވާލުކުރެވުނީ ނިމިދިޔަ ކައުންސިލުން ހުރިހާ ކަމެއް ނިމި އެގްރިމެންޓާ ހަމައިގާ އޮތުމުން ކަމަށް ކުރީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވެއެވެ.

“އަޅުގަނޑުމެން އޮންނާނީ މިއަހަރު ތެރޭގައި މަސައްކަތް ފެށުމަށް ހުރިހާ ތައްޔާރީތަކެއް ވެ ހަމައެކަނި އެގްރިމެނޓްގައި ސޮއިކުރާ ހިސާބުގައި.” ކުރީ ދައުރުގެ ރައީސް ތޮލާލު ވިދާޅުވި އެވެ.

ތޮލާލު ވިދާޅުވީ ފެރީޓާމިނަލް އަލުން ޑިޒައިންކޮށް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދައުރު ނިމުގެ ކުރިން ބިޑްޕްރޮސެސިން ވެސް ވާނީ ނިންމާފައި ކަމަށެވެ. ބިޑް ކާމިޔާބު ކުރި ކޮންޓެކްޓަރާ ހަވާލުނުކުރީ، އަލަށް އިންތިހާބުވި ކައުންސިލުން ކުރިއަށް ގެންދިއުމަށް އަންގާފައިވާތީ ކަމަށެވެ. 2021 ވަނަ އަހަރު ވަނަަ އަހަރު މިމަސައްކަތް ކުރުމަށް ތާވަލުކުރެވި މިކަމަށް ބޭނުންވާ ފައިސާވެސް ވާނީ ބަޖެޓު ކުރެވިފައިކަމަށް ތޮލާލު ވިދާޅުވިއެވެ.

ހަމައެގޮތަށް މިދައުރުގައި ބަހިއްޔާ ޕްރީ ސްކޫލް ހިންގުން ބަޔާކާ ހަވާލު ކޮށްފައިވާއިރު އެއީވެސް ކުރީ ދައުރު ބިޑްކޮށް ބަޔަކާ ހަވާލުކުރުމާ ހަމައިގާ އޮތް ކަމެއްކަމަށް ތޮލާލު ވިދާޅުވިއެވެ.

ރައީސް ފާތިހު ދެން ފާހަގަ ކުރެއްވީ އޭދަފުށި ރަމްޒުކޮށްދޭ މޮނިއުމަންޓެއް ހެދުމުގެ މަސައްކަތެވެ. އެކަން އަދި އޮތީ ޑިޒައިން ގައެވެ. މައްސަލައެއް ދިމާވެގެން މެދުކެނޑިފައި އޮތް އިސްލާމިކް ބޭންކު އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީއެވެ. ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ނިންމައި އަންނަ އަހަރު ކުރީކޮޅު އެބޭންކުގެ ޚިދުމަތް ދެވޭނެ ކަމުގެ އުފާވެރި ޚަބަރު ފާތިހު ދެއްވި އެވެ.

”މިސްކިތަށް އިތުރަށް ބޭނުންވާ ސްޓާފުން ނެގިއްޖެ. ގަބުރުސްތާނު ބަލަހައްޓަން މީހުން ހޯދަން އިއުލާނު ކޮށްފި. ކައުންސިލް ބެލުމުގެ ދަށުގައި ހުރި މަގު ބައްތިތައް ލެޑަށް ބަދަލު ކޮށްފި. ބަނދަރުގެ އުސޫލު ތަކެއް ހަދައިފިން. އަދި ބަނދަރު ބަލަހައްޓަން މިއުޅެނީ މީހަކު ނަގަން.” ފާތިހުވިދާޅުވިއެވެ. 

އިތުރު ކަންތައްތަކެއްވެސް ޕްލޭން ކުރެވިފައި އެބަހުއްޓެވެ. މިހުރިހާކަމެއް ކުރެވެމުން މިދަނީ ކައުންސިލަރުން ބުރަކޮށް މަސައްކަތުގައި އުޅުއްވާތީއެވެ.

”އެނގިވަޑައިގަންނަވާނެ 100ދުވަހު ތެރެއިން 50 އިންސައްތަ ދުވަސް ރަށްއޮތީ މޮނިޓަރިންގ ގަ.އެއީވެސް ކުރިއަށްދިއުމަށްއެޅުނު ހުރަހެއް. އެހެންނަމަވެސް މިހާރު ގިނަ ކަންތައް ތަކެއް ކުރެވިއްޖެ.” ޕީޕއެމް ކެންޑިޑޭޓެއްގެ ގޮތުގައި ކައުންސިލަށް ވާދަކުރެއްވި ފާތިހު ވިދާޅުުވި އެވެ.

ފާތިހު ބޭނުންވާ ސްޕީޑްގައި މަސައްކަތް ކުރިއަށް ގެންދިއުމަށް މެދުވެރިވާ ދަތިތަކެއްވެސް އެބަހުއްޓެވެ. ފަރުދީ ޒިންމާ އަދާކުރުމުގައި ރައްޔިތުން ފަހަށް ޖެހުމަކީ ފާހަގަ ކުރެއްވި އެއްކަމެވެ. ރަށުގެ ތަރައްގީގެ އެއްވެސް ކަމެއް ކުރެވެނީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ އާއެކުގައި ކަމަށްވާތީ އެއީ މަސައްކަތުގެ ސްޕީޑް އަދި އެކަމުގެ ޖޯޝްގައި ތިބި ބައެއްގެ ރޫހު ގެއްލިދާނެ ކަމެއްކަމަށް ވިދާޅުވި އެވެ.

”ސަރުކާރުގެ ސިޔާސަތު އޮންނަގޮތުން އެންމެ ކުޑަމިނުން އިމާރާތެއް ވެސް ކުރެވެނީ ލޭންޑް ޔޫސް ޕްލޭނެއް ހެދިގެން ނޫނީ ތަރައްގީގެ ޕްލޭން ހެދިގެން ސަރުކާރުގެ ކަމާބެހޭ ފަރާތުގެ ހުއްދަލިބިގެން. ހުރިހާ ކަމެއް ގޮސް މި ހުއްޓެނީ ލޭންޑް ޔޫސްޕްލޭނާ ހަމައިގާ.“މަސައްކަތް ލަސްވަމުންދާ ސަބަބުތައް ބަޔާންކޮށް ދެއްވަމުން ފާތިހު ވިދާޅުވިއެވެ.

ފާތިހު ވިދާޅުވި ގޮތުން ރަށުގެ ލޭންޑް ޔޫސް ޕްލޭން ހަދާނެ ބަޔަކު ހޯދަން އިއުލާނު ކޮށްގެން މިހާރު އޮތީ ބިޑް ކޮމިޓީގެ މަރުހަލާގައި. ޑެޑް ލައިނަކަށް ދީފައިވަނީ ނޮވެމްބަރު  31އެވެ.

އާކައުންސިލުން ތަފާތުތަކެއް އެބަފެނެއެެވެ. އެއްރޫހެއްގައި އެއްވާނެއްގައި ހިފަހައްޓައިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ރޫހު ހުރިކަން  ގަބޫލު ކުރެވެނީ ކައުންސިލަރުންގެ އުއްމީދީ ވާހަކަތަކުންނެވެ. ކައުންސިލަރުންގެ ހުރިހާވެސް ވާހަކައަކީ މި ފަސް އަހަރު ނިމޭއިރު ތަފާތު ތަކެއް ދައްކާނެ ކަމެވެ. އެކަމުގައި ކިތަންމެ ވަރުބަލި ވިޔަސް ފަހަތަކަށް ނުޖެހޭނެއެވެ. ގޮންޖެހުންތަކެއް ހުންނާނެ އެވެ.

“އިރާދަ ކުރެއްވިއްޔާ މި ފަސް އަހަރު ނިމިގެން ދާއިރު ތަރައްގީއާއި ކުރިއެރުން އައިސްފައިވާ އޭދަފުއްޓެއް އަޅުގަނޑުމެން ދައްކާނަން.” ކައުންސިލަރު ޒަހިއްޔާގެ ފަހު ބަސް ކޮޅަކަށް ބޭނުން ކުރެއްވި މި އިބާރާތުން އެކަނިވެސް މުޅިޓީމްގެ ހިތްވަރާއި ބުންވަރު ވަޒަން ކުރެވިގެން ދިޔައެވެ.

ތިޔަ ޓީމު ދަތުރު ކުރަމުންދަނީ ތިޔަ ގެންދަވަނީ ރަނގަޅު މިސްރާބުގައެވެ. ކާމިޔާބީއަށްއަށް އެދެމެވެ. މިސްރާބު އޮޅުވައި ނުލައްވާށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top