ލަންކާއަށް ދާ އެންމެން 14 ދުވަހަށް ކަރަންޓީން ކުރަނީ!

58669662_2726994957370892_8561620213374648320_n.jpg

ލަންކާގެ އެމްސީ ހުންނަ ސަރަހައްދު - ފޮޓޯ : ވަގުތު

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ސްރީލަންކާގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އެ ގައުމަށް ދަތުރު ކުރާ އެންމެން 14 ދުވަހަށް ކަރަންޓީނު ވާން ޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ 11 އިން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް، އެ ގައުމަށް ދަތުރުކުރާ އެންމެހާ ފަރާތްތައް އެ ގައުމުގެ ސަރުކާރުން ކަނޑައަޅާ ކަރަންޓީނު ހޮޓަލެއް ނުވަތަ ކަރަންޓީނު ސެންޓަރެއް، ނުވަތަ ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ލެވެލް 1 ގެ ހޮޓަލެއްގައި 14 ދުވަހުގެ މުއްދަތައް ކަރަންޓީނުވާން ޖެހޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.

އެގޮތުން އޭގެ ތެރޭގައި ކޮވިޑް-19ގެ ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތައް ވެސް ހިމެނޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ލަންކާއަށް ދަތުރުކުރާ 12 އަހަރުން ފެށިގެން މަތީގެ ފަރާތްތައް 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ދޫކުރެވޭނީ، އެ ގައުމަށް ދަތުރުކުރާ ފުރަތަމަ ދުވަހު ހަދާ “އޮން އެރައިވަލް” ޕީސީއާރު ޓެސްޓާއި، ކަރަންޓީނުގެ 11 ވަނަ ދުވަހާއި 14 ވަނަ ދުވަހާ ދެމެދު ހަދާ “އެގްޒިޓް” ޕީސީއާރު ޓެސްޓުގެ ނަތީޖާ ނައްސިވުމުން ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެރައިވަލް އަދި ކަރަންޓީނުން ވީއްލާއިރު ހަދާ ޕީސީއާރު ޓެސްޓު ހެދުން އިސްތިސްނާވާނީ ދެ އަހަރުން ދަށުގެ ކުދީން އެކަނި ކަމަށެވެ.

ކަރަންޓީނު އުސޫލަށް މިގޮތަށް ބަދަލު ގެނެސްފައިވީ ނަމަވެސް، ކްރިޓިކަލް ފަރުވާއަށް ގޮސް ހޮސްޕިޓަލުގައި ކަރަންޓީ ނުވާން އެދޭ ފަރާތްތަކުން، ހޮސްޕިޓަލާއި ސްރީލަންކާގެ ހެލްތް މިނިސްޓްރީގެ ޚާއްޞަ ހުއްދައިގެ ދަށުން، ބޭސްފަރުވާއަށް ދަތުރު ކުރުމުގެ ފުރުޞަތު ކުރިއެކޭ އެއްގޮތަށް މި މުއްދަތުގައި ވެސް ފަހިވެފައި އޮންނާނެ ކަމަށް އެ ޤައުމުން އަންގަވާފައިވާ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ލަންކާއަށް ދަތުރު ކުރާ ފަރާތްތަކުން ކަރަންޓީނު ވާން އެންގި ނަމަވެސް އެ ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވާތީ މިނިސްޓްރީން ވަނީ އެގައުމަށް ދަތުރު ކުރާ ފަރާތްތަކުން އެކަމުގެ މައުލޫމާތު އޮޅުން ފިލުއްވައިގެން ދަތުރު ކުރުމަށް އިލްތިމާސް ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top