ކ.މާފުށީ ގެސްޓްހައުސް އެއްގެ ބޭރުގައި ބަހައްޓާފައި ހުރި ކްރިސްޓްމަސް ގަހެއް އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިތްހަމަ ނުޖެހުން ފާޅުކޮށް
އެއީ “ޓޫރިސްޓު ވިޔަފާރިއަށް ގެއްލުން ލިބިދާނެ” ކަމެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިފަ ކުރައްވައި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އާދިލް ސަލީމް ކުރެއްވި ޓްވީޓަކަށް ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓާ އެކައުންޓް، “އެލެކްސް އަހްމަދު” އިން ރައްދު ދެއްވައި ވިދާޅުވެފައިވަނީ މުޅި ރާއްޖޭގެ ހުރިހާ ދިވެހިންގެ އާއްމު ހާލަތު ހުޅިފައި ހުރީ ޓުއަރިސްޓް ވިޔަފާރިއާއި ކަމަށެވެ.
“ފުލުހުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޓްއަރިސްޓް ވިޔަފާރިއަށް ގެއްލުން ވެގެން ނުވާނެ.” ރައީސް ނަޝީދު ‘އެލެކްސް އަހުމަދު’ ގެ އެކައުންޓުން ވިދާޅުވެފައިވެއެވެ.
Mulhi Raajeyge hurihaa Dhivehinge aanmu haalathu gulhifai huree tourist viyafaari aai. Fulhun alhaa fiyavalhu thakuge sababun tourist viyafaari ah gehlun vegen nuvaane.
— MN unofficial (@anedhivehirajje) December 18, 2020
ރައީސް ނަޝީދު ގެ އެވާހަކައަށް އެތައްބަޔަކު ނުރުހުން ފާޅުކޮށްފައިވާއިރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފު ވިދާޅުވީ ވިޔަފާރި ފުޅާކުރުމަށްޓަކައި ގައުމުގެ ދީނާއި މިނިވަންކަން ގުރުބާން ކޮށްގެން ނުވާނެ ކަމަށެވެ.
ކްރިސްމަސް އަކީ ނަސާރާ ދީނުން އެބައިމީހުންގެ ކަލާނގެ ކަމަށްދެކޭ އީސާ އަލައިހިއްސަލާމް އާއި ގުޅުވައިގެން އެމީހުންގެ އަގީދާއާއިގުޅޭ މުގައްދަސް ފެސްޓިވަލެއް ކަމަށާ މި ކަމުގައި އެއްވެސް މުސްލިމަކު އެއްވެސް ހައިސިއްޔަތަކުން ބައިވެރި ވުމަކީ ހުއްދަ ވެގެންވާ ކަމެއް ނޫންކަމަށް ދީނީ އިލްމުވެރިޔާ އައްޝައިޚް ޒައިދު ވިދާޅުވިއެވެ.
ލޯކަލް ޓޫރިޒަމްވެސް ރާއްޖޭގައި ފުޅާވެފައި އޮތުމާއިއެކު ބައެއް ޓޫރިޒަމް އޮތް ރަށްރަށުގައިވެސް މީގެ ކުރީ އަހަރުތަކުގައިވެސް މިދުވަސް ނުކުރުމަށް އެރަށްތަކުގެ ކައުންސިލުން ވަނީ އަންގާފައެވެ.
ކްރިސްމަސް ދުވަހު އެކަކު، އަނެކަކަށް ތަހުނިޔާ ކިޔާ ހެދުމަކީ ކަނޑައެޅިގެން ހުރި ބޮޑު މުންކަރާތެއް ކަމާއި އަޅުގަނޑުމެންނަށް އަމުރު ކުރެވިގެންވަނީ އެބައިމީހުންނާ ތަފާތުވެ، ރަސޫލު الله صلى الله عليه وسلم ގެންނެވި ހިދާޔަތުގެ ތެދުމަގުގައި ހިފުމަށް ކަމަށް ދީނީ އިލްމުވެރިން ވިދާޅުވެއެވެ.





