ހައްވާފުޅު

ރރރރ.jpg

(15 އޯގަސްޓް އާއި ގުޅޭ)
އަހުމަދާ ވަކިވަން ރާއިފާ ނިންމީ އޭނައާއެކު އިތުރަށް ދެން ނޫޅެވޭނެތީ އެވެ. ކުށުގެ ވެށިން ދެން އޭނާ ނުނުކުމެވޭނެ ކަމަށް ބަލާފަ އެވެ. އެކަމަކު މިހާރު އެނިންމުމާ މެދު ދެވަނަ ވިސްނުމަކަށް ދާންޖެހޭ ކަމަށް ހިތް އެބަބުނެއެވެ. މިހާރު އޭނާއަކީވެސް ފަސްބައި ތާހިރު މީހެއް ނޫނެވެ. ދެން އޮތް ގޮތަކީ ދެމީހުންވެސް ތައުބާ ވެ ދަަރިންނަށް ޓަކާ އެކުގައި އުޅުމެވެ. އެހެން ނޫނަސް ދިރިއުޅުމަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރުކުރާނީ އެކަނި އޭނާއަކަށް ނޫނެވެ. އޭނާއެކޭ އެއްވަރަށް ނުވަތަ އެއަށްވުރެ ބޮޑަށް ދަރިންގެ ކުރިމަގަށް އަސަރު ކުރާނެއެވެެ. އެންމެ ދަރިއެއް ނޫނެވެ.

ދިރިއުޅުމުގެ ދެވަނަ ނަމަކީ މަޖްބޫރެވެ. އޭނާވަނީ މަޖްބޫރުވެފައެވެ. ދަރިންނަށް ޓަކައެވެ. މުޖްތަމައުގެ ރައްކާތެރިކަމަށް ޓަކައެވެ. އޭނާގެ ސަލާމަތަށް ޓަކައެވެ. އަންހެނުންނަކީ ކިހާ ބަލިކަށި ބައެއް ހެއްޔެވެ. ކިހާ ނިކަމެތި ބައެއް ހެއްޔެވެ. އޭނާގެ ދިރިއުޅުން ބަރުބާދު ކޮށްލާފައި ކުޑަކުޑަ ތިންދަރިންނާއެކު ދޫކޮށްލާފައި ދިޔަމީހާ އެނބުރި އައިސް އަނެއްކާވެސް މިއިނީ ކުރިމަތީގައެވެ. އަނބިމީހާއާއި ދަރިންގެ އިއްޒަތާ އަބުރު ރައްކާ ކޮށްދޭން ހުވާކޮށްގެން ހުރި މީހާ، ހުވާއާއި ޚިލާފުވެ އެމީހުންނަށް ވާނެގޮތެއް ވާން ދޫކޮށްލާފައި އައިއިރު ޚުދު އޭނާވެސް މިވަނީ ދުނިޔެއަށް މޫނު ދައްކަން ނުކެރޭ ހާލުގައެވެ.  މިއީ ކޮންކަހަލަ ދުނިޔެއެއް ހެއްޔެވެ. ……. މިތަނުގައި މިޖެހެނީ އެހެން މީހުންނަށްޓަކާ ދިރިއުޅޭށެވެ. ތިމާރޮމުން އެހެންމީހުން ހިނިތުން ކުރުވަން މަސައްކަތް ކުރާށެވެ. ހިތާމައިގެ ކަނޑުގައި ޣަރަގުވަމުން ދާއިރު ވެސް އެހެންމީހުން ސަލާމަތްކުރަން މަސައްކަތް ކުރާށެވެ. މިއީ އަންހެނަކަށްވީތީ އުޅެން ޖެހޭ ގޮތެވެ. އަންހެނުން އުފައްދަވާފައިވާ މަގްސަދެވެ.

އަންހެން ކުއްޖަކު އުފަންވާއިރުވެސް އެއީ އެހެންމީހަކަށް ޓަކާ ބޮޑުކުރަންޖެހޭ ދަރިއެއްކަން މަންމަ ވިސްނާނެ އެވެ. . ކޮންމެވެސް ދުވަހަކުން އެހެން ގެއެއްގެ އަލިކަމަށް ވެގެން ގެއާއި އާއިލާ ދޫކޮށްލާފައި އޭނާގެ އަސްލު މަކާނަށް ދާނެ އެވެ. އެއީ އަންހެނުންގެ ދުނިޔެ އާބާދުކުރާ ގޮތެވެ. އަމިއްލަވަންތަ ކަމެއްނެތި އެހެން މީހުންނަށް ޓަކައެވެ. އެއްގެއިން އަނެއް ގެއަށެވެ. ފަހުނޭވާއާ ހަމައަށް އެހެންމީހުންގެ ބޭނުންތައް ފުއްދައި ދިނުމުގައެވެ. އުފަލެއް ލިބިއްޖެނަމަ އެކަމުގާ ހިއްސާވާ އެތައްބަޔަކު ތިބޭނެއެވެ. އެކަމަކު ހިތާމައެއް ކުރިމަތިވާ ހިނދު އެ ހިތާމަކުރާނީ އޭނާ އެކަންޏެވެ.

ރާއިފާގެ ތިން ދަރިންގެ ޚިޔާލު ހުރިގޮތް ފެނިއްޖެއެވެ. ނިޔާޒް އެދިޔައީ ބައްޕަ ހިފަހައްޓަން ބުނެފައެވެ. ނާޒްގެ އެބެލުމާއި ބީރައްޓެހިކަމަކީ ބައްޕައާމެދު އުފެދިފައިވާ ހަމްދަރްދީއާއި ލޯތްބެވެ. ދެންހުރީ އަޔާޒްއެވެ. އޭނާވެސް ބޭނުންވާނީ މަންމައަށް ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ ގޮތެކެވެ. އާއިލާ އިތުރަށް ރޫޅޭކަށް ބޭނުމެއް ނުވާނެ އެވެ. މަންމަ ނިކަމެތިކަމާއެކު އެކަނިމާއެކަނި ދުނިޔޭގައި އުޅޭކަށް ނޭދޭނެއެވެ. އެހެންކަމަށްވާނަމަ އޭނާއަށް އޮތް ހަމައެކަނި ގޮތަކީ އަހުމަދާ އެކު އުޅުމެވެ. އަމިއްލަ އުފާތަކުގެ ބަދަލުގައި ދަރިންނަށް ޓަކައި ވާ ގުރުބާނީ އެވެ.

އެގޮތަށް އޭނާގެ ނިންމައިފި އެވެ. ބޮޑުކަމެއް ހަނދާން ނައްތާލާފައެވެ. އޭނާގެ ބަނޑުގައިވަނީ އަހުމަދުގެ ދަރިއެއް ނޫނެވެ. ދެން………؟

ހިތާމައިގެ ނޭވާއަކާއެކު ރޮވިއްޖެއެވެ. އޭނާއަށް ހަމްދަރްދީ ވާނެ މީހަކު ނެތްއިރު ރުއިމުގެ ބޭނުމެއްނެތަސް ހިތުގެއުދާސްތައް ބޭރުކޮށްލެވޭނެ ގޮތަކީ އެއީ ކަމަށް ވާތީ ގަދަކަމުން ރުއިން ހުއްޓާލާކަށް ނޫޅެއެވެ. އެހެން ނަމަވެސް މިފަހަރު ކެތްތެރިކަން ކޮޅުން ލީ އަހުމަދެވެ. އެމަންޒަރު ދެކެން އޭނާއަކަށް ނީނދެވުނެވެ.

ރާއިފާ ގާތަށް ހުއްޓި އޭނާގެ މޭގައި ލައްކޮށްލި އެވެ. ރާއިފާގެ ރުއިން އަހުމަދުގެ ހިތުގެ އެންމެ ފުންމިނަށް އަސަރު ފޯރުވައިފިއެވެ.

“ނުރޮއި ރާއިފާ… ! ޒުވާން އުމުރު ހޭދަކުރަމުން ތިޔަދަނީ ރޮއިރޮއި އިނދެގެން. އަޖައިބަކީ ރޮމުންރޮމުން ވެސް ވާޖިބަށް ފަރުވާކުޑަ ކޮށްލާފަ ނެތްކަން. ދަރިންނަށް ކިޔަވައިދެމުން އެކުދިން ތަރުބިއްޔަތު ކުރަމުން ތިޔަގެންދަނީ އެކަނިމާއެކަނި. އެކުދިންނަށް ހެޔޮނުބައި ވަކިކޮށްދީފީމު. އެއީ އަހަރެންގެވެސް ވާޖިބެއް. އެކަމަކު އަހަންނަށް މަގުއޮޅުނީ. ބެހިގެން ދެވުނީ. ރާއިފާގެ ހަޔާތާ ދުރަށް. ދަރިންނާ ދަރިންގެ މުސްތަގްބަލާވެސް ދުރަށް. ހިއެއް ނުކުރަން މިކަހަލަ އިއްތިފާގަކުން ވިޔަސް އެނބުރި އާދެވިދާނެ ކަމަކަށް. އެކަމަކުވެސް މިންވަރުކުރެއްވީ އަނެއްކާވެސް އެނބުރި އައުމަށް ކަމަށް ވާނަމަ އެކަމުގައި ކުރެވޭނެ ކަމެއް ނެތް.“

ޖަޒުބާތުގައި ޖެހި އަހުމަދަށްވެސް ރޮވެން ފށައިފި އެވެ. އޭނާ ބުންޏެވެ. ”އަހަންނަކަށް ނޭގެ ރާއިފާއަށް ޝުކުރު އަދާ ކުރާނެ ގޮތެއް. ބައްޕައެއްގެ އެހީތެރިކަމާ ނުލާ ތިންދަރިން ތަރުބިއްޔަތު ކޮށްފަ އެތިބީ ރާއިފާގެ ހުރިހާ ހަކަތައެއް ހުސްކޮށްލައިގެން. އެކަން ހަށިގަނޑު އެބަ ހެކިދޭ. ވަރަށް ބޮޑަށް ނިކަމެތިވެއްޖެ. އެކަމަކު އެކަމުގައި ދެން ރާއިފާ އާއި ބައިވެރި ވުމަކީ ވަރަސް ބޭނުން ކަމެއް. މި ފުރުސަތު ދީ !“

“ހުއްޓާލާ އަހުމަދު!. ” ރާއިފާ ، އަހުމަދުގެ ވާހަކަ ހުއްޓުވިއެވެ.
“މުޖްތަމައުގެ ފިއްތުންތަކާ މީހުންގެ މަލާމާތަކީވެސް ބަލަންޖެހޭނެ ކަންތައްތައް. ފެނޭތަ އަހަރެން އިން ހާލު؟ މިއީ އަހުމަދު އަހަންނާ މެދު އިހުމާލު ވުމުގެނަތީޖާ. މީގައި އަހަރެންގެ ކުށެއް ނެތްކަން ބުނެދިނުމަކީ ބޭނުންހުރި ކަމެއްނޫން. އެވާހަކައެއް ނުދައްކާނަން. އެކަމަކު މިހެން ދިމާވުމުން އަހަންނާއި އަހުމަދާ ދެމެދުގައި ވަނީ ކިހާ ދުރުމިނެއް ކަން އެނގެންޖެހޭނެ. އަހަރެންގެ މުޑުދާރު މިއަމަލަކީ ގަސްދުގާ ކުރިކަމެއް ނޫން. އެކްސިޑެންޓެއް ކަމުގައި ހީކޮށްލާ ! ވަރަށް ކުރުކޮށް މިބުނީ. ”

އެދެމީހުންގެ ވާހަކަތައް އެކަކު އަނެކަކާ ހިއްސާ ކުރަމުން ގެންދިޔައެވެ. އެންމެ ފަހުން  އެއްބަސްވުމަކަށް އާދެވުނީ ދަރިންނަށް ޓަކައި ގުރުބާން ވުމަށެވެ. ތިމާމެންގެ މުޑުދާރު ފަސްބައިގާ ހުރި ހަޑިތައް ދެކެފައި މީހުން ކޮންމެ އެއްޗެކޭ ހީކުރިއަސް ދަރިންގެ ހައްގުގާ އެދެމީހުން ގުޅެން މަޖްބޫރުވީއެވެ.

ގޭގެ ދެކުނު ފަރާތުގައި ހުރި ޖޯލިފަތީގައި އަހުމަދު އޮތްއިރު ނާޒް އާއި ނިޔާޒްބވެސް އެތަނުގައި ކުޅެން އުޅެއެވެ. އޭނާއަށް ނުފެނިގެން މިއުޅެނީ އަޔާޒްއެވެ. އޭނާ އަންނާނީ ކޮންއިރަކުން ބާއެވެ. އަނެއްކާ ގެއަށް އައިއިރު ބައްޕަނއުޅޭތީ ރުޅިއައިސްގެން ދިޔައީ ބާއެވެ. އަހުމަދު އޮތީ މިވިސްނުމުގަބއެވެ. އިރުކޮޅެއް ފަހުންނއަޔާޒް އަންނަ ތަން ފެނިއްޖެއެވެ. ބައްޕަ ފެނުމާއެކު އިސްޖަހާލިއެވެ. އެއީ ލަދުން ކަމެއް ނުވަތަ ނުރުހުންވެގެން ކަމެއް ނޭގެއެވެ. ޔަގީން ކުރުމަށް އަހުމަދު އަޔާޒަށް ގޮވާލިއެވެ. އަޔާޒް ބަލައިލިއެވެ. އޭނާ އައިސް އަހުމަދުގެ ގާތަށް ހުއްޓުނެވެ.

”މަންމަބުނި ކްލާސްކުދިންނާއެކު ހޯމްވާކް ހަދަން ދިޔަވާހަކަ. ”

“އެއީ ތެދެއް. ނިމުމާއެކު މިއައީ. ބައްޕަ ކިހިނެއްތޯ ހާލު؟ ”

އަނެއްކާވެސް އޭނާއަށް ފާހަގަކުރެވުނީ ރާއިފާގެ ތަރުބިއްޔަތުގެ ފުރިހަމަ ކަމެވެ.

“ހަމަ ވަރަށް ރަގަޅު. ދަރިފުޅު ކިހިނެއް؟ ”

“އަޅުގަނޑުވެސް ވަރަށް ރަނގަޅު. ބައްޕަ އައުމުން ވަރަށް އުފާ ވެއްޖެ.”

 

ރާއިފާ، ވިހެއުމާ ހަމައަށް އެދެމެދުގައި އޮންނަން ޖެހޭނެ ދުރުމިން އެގޮތުގައި ދެމިއޮތެވެ. އެނޫން ހުރިހާކަމެއްގައި ވެސް ދެމީހުންގެެ ބައިވެރިވުން އެއްވަރެއްގައި އޮވެގެން ދިރިއުޅުމުގެ ދަތުރު މަގުން ކައްސާނުލައި ކުރިއަށް ގެންދިޔައެވެ.

އަހުމަދަކީ ފެހުމުގެ ފަންނުގައި ވަރަށް މޮޅު މީހެކެވެ. އޭނާ ގަސްދުކުރީ ފަހައިގެން އާމްދަނީ ހޯދާށެވެ. އޭނާގެ ވަގުތުތައް ހޭދަކުރަމުން ދިޔައީ ފަހާފޮށި ކައިރީގައެވެ. ލިބޭ ގިނައޯޑަރު ތަކުން ދިރިއުޅުމަށް ބޭނުންވާ ޚަރަދުކޮށް އިތުރުވެސް ވެއެވެ.

 

ރާއިފާ ވިހެއީ ފިރިހެން ކުއްޖެކެވެ. އެއީ ވަލު ދޮރާށިން ވަދެގެން އައި ކުއްޖެއް ކަމުގައި ވިޔަސް ތަފާތު ކުރުމެއް ނުގެންގުޅެއެވެ. ދޮށްޓަށް ތިބި ތިންކުދިންގެ ލޯބިވާ ކޮއްކޮއެވެ. އަހުމަދުވެސް ބަލަނީ އެއީ ދަރިއެއްގެ ގޮތުގައެވެ.

އަހުމަދުގެ އުޅުން ބަދަލު ވެއްޖެއެވެ. އޭނާ ގެއިން ބޭރަށް ނުކުންނަނީ ހަމައެކަނި މިސްކިތަށް ދާށެވެ. އެނޫން ވަގުތު ހޭދަކުރަނީ ގޭގައެވެ. ގިނަވަގުތު ފަހާފޮށި ކައިރީގައެވެ. ދަރިންގެ ފިލާވަޅުތައް މުތާލިއާ ކުރުވުމުގައެވެ. އެކުދިންނާއެކު ކުޅެ ސަކަރާތް ގަތުމުގައެވެ. މި ހެޔޮ ބަދަލު އައުމުން ރުޅިއައިސްފަ ތިބި އާއިލާ މީހުންވެސް އެގެއަށް އަންނަން ފަށައިފިއެވެ. އިބްރާހީމް ބޭބެ ވެސް އަހުމަދުއާ ގާތްކަން ބާއްވައެވެ. އޭނާއަކީ މިހާރު އަތޮޅުވެރިން ފިޔަވައި ސަރުކާރު ތަމްސީލު ކުރަން ހުންނަ އެންމެ ބާރުގަދަ މީހާއެވެ. (ނުނިމޭ)

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top