އަމީން އިސްތިއުފާ ނުދެއްވާ، ރަސްމީ މަސައްކަތުން އެކަހެރިވެ ވަޑައިގެންފި.

ameen3.jpg

ހެލްތު މިނިސްޓަރު، އަބްދުﷲ އަމީން

މިނިސްޓްރީއޮފް ހެލްތުން، ކޮވިޑް19 އާ ގުޅިގެން ވެންޓިލޭޓަރުތަކެއް ހޯދުމުގައި އޮޅުވާލުމާއި މަކަރު ހަދައިފައިވާކަން އޮޑިޓަ ޖެނެރަލް ފާހަގަ ކުރައްވާފައިވާ މައްސަލައިގައި، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މައްސަލަ ވަކި ގޮތެއް ނިމެންދެން ރަސްމީ މަސައްކަތްތަކުން އެކަހެރިވެ ވަޑައިގެންފި އެވެ. މިމައްސަލައިގާ ގިނަ ބަޔަކު އަންނަނީ އަމީންގެ އިސްތިއުފާ އަށް ގޮވަމުންނެވެ.

“ކޮވިޑް 19-އާއިގުޅޭ މިނިސްޓްރީ އޮފް ހެލްތުގެ ޚަރަދުތަކުގެ ކޮމްޕްލައަންސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ގުޅިގެން، ކަމާބެހޭ މުއައްސަސާތަކުން މި މައްސަލަ ތަހުގީގުކޮށް ގޮތެއް ނިންމަންދެން ނުވަތަ މަނިކުފާނު އަޅުގަނޑަށް ވަކި ގޮތެއް އަންގަވަންދެން، މިނިސްޓްރީ އޮފް ހެލްތުގެ މަސައްކަތްތަކުން އެކަހެރިވުމަށް ގަސްތުކުރާ ވާހަކަ ދެންނެވީމެވެ،” ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހަށް އަމީން މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވެ އެވެ.

އެ ސިޓީ އަމީން ފޮނުއްވާފައި ވަނީ ހެލްތު މިނިސްޓްރީގެ ރަސްމީ ލެޓަރހެޑުގަ އެވެ.

ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓާ ގުޅޭ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ރައީސް ސޯލިހު މިއަދު ވަނީ އަންގަވައިފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވީ ހެލްތު މިނިސްޓަރުގެ ސިޓީ މިއަދު ލިބިވަޑައިގަތުމުން، މިނިސްޓަރަށް ވަކި އެއްޗެއް ނާންގަވާ ކަމަށާއި ނަމަވެސް އެ މިނިސްޓްރީގެ ފައިނޭންސް އެގްޒެކެޓިވް އާއި ބިޑް ކޮމިޓީގެ މެމްބަރުންނާއި ވެންޓިލޭޓަރު އެގްރިމަންޓުތަކުގައި ސޮއިކުރި ފަރާތް ގޭގައި މަޑުކުރުމަށް މިނިސްޓްރީ އަށް އަންގަވާފައިވާ ކަމަށެވެ. އެއީ އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް އަންގަވާފައިވާތީ ކަމަށް ވެސް ހޫދު ވިދާޅުވި އެވެ.

ވެންޓިލޭޓަރުތަކާ ބެހޭ އޮޑިޓް ރިޕޯޓުގައި، ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ބަޖެޓުން 57,193,156ރ. ޚަރަދުކޮށްގެން 30 ޖޫން 2020 ގެ ނިޔަލަށް 149 ވެންޓިލޭޓަރު ގަތުމަށް މިނިސްޓްރީ އޮފް ހެލްތުން ތިން ފަރާތަކާ ހަވާލުކޮށްގެން ހިންގި މުއާމަލާތްތަކުގައި މަކަރާއި އޮޅުވާލުން ހިމެނޭކަން ފާހަގަކޮށް، އެކަމުގައި އިހުމާލުވި ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ވަނީ އަންގަވައިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top