ކޮވިޑް-19 ފެނުނުކަމަށް ބުނާ ވާހަކަ ބ. އަތޮޅު ހޮސްޕިޓަލުން ދޮގުކޮށްފި

large_158326596960RWH6.jpg

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭދަފުށީގެ އުތުރުން އޮންނަ ސޮނޭވާފުށީގައި މަސައްކަތް ކުރާ މުވައްޒަފެއްގެ ގައިން ކޮވިޑް-19 ފެނުނު ކަމަށް ފެތުރެމުންދާ ވާހަކަ ބ.އަތޮޅު ހޮސްޕިޓަލުން ދޮގުކޮށްފި އެވެ.

ހޮސްޕީޓަލުން މިހެން ބުނެފައިމިވަނީ ސޮނޭވާފުށީގެ މުވައްޒަފަކު ބ. އަތޮޅު ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިއުމުން އޭނާގެ ގައިގައި ކޮވިޑް-19 އަށް ޝައްކު ކުރެވޭ ނިޝާންތަކެއް ހުރި ކަމަށް ބުނެ، މާލެ ފޮނުވަން އެ ހޮސްޕިޓަލުން އަނގާފައިވާ ކަމަށް ސޯޝަލް މީޑިއާގައި އަޑުފެތުރެމުން ދަނިކޮށެވެ.

މިކަމާގުޅިގެން ބ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވީ ކޮވިޑް-19 ގެ ނިޝާންތައް ހުރި އެއްވެސް މީހަކަށް ހޮސްޕިޓަލްގައި ފަރުވާދީފައި ނުވާ ކަމަށެވެ.

“ދެ މީހަކު ރިސޯޓުން އައި. އެއީ ހުން އައިސްގެން އައި ދެ މީހުން. ކެއްސާ ކިނބިހި އަޅާ އެ ކަހަލަ އެއްވެސް ކަމެއް އެ މީހުންގެ ކިބައިގައި ނެތް،” މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ ދެމީހުން އެޑްމިޓްކޮށްފައި ނުވާ އިރު، ޑޮކްޓަރަށް ދެއްކުމަށް ފަހު އެ މީހުން އަނބުރާ ރިސޯޓަށް ފޮނުވާލާފައިވާ ކަަމަށެވެ.

މުހައްމަދު ރަޝީދު އިތުރަށް ވިދާޅުވީ އެހޮސްޕިޓަލަށް މިހާރު އާންމުކޮށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް ވެސް ކޮވިޑް-19 ގެ މައުލޫމާތު ފޯރުކޮށްދެމުންދާ ކަމަށެވެ. އެ އުސޫލުގެ މަތިން ރިސޯޓުން އައި ދެ މީހުންނަށް ވެސް ކޮވިޑް-19 ގެ މައުލޫމާތު ދިން ކަމަށް އޭނާ ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވަނީ ކޮވިޑް-19 ގެ އަލާމަތްތަައް ހުރި މީހަކު ފެނިއްޖެ ނަމަ، އެ މައުލޫމާތުތައް ހާމަކުރާނެ ކަމަށާއި އެ ނޫން ހާލަތުގައި އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް މިފަދަ ހައްސާސް މައްސަލައެއްގައި ޚަބަރު ނުފެތުރުމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top