ގޯތި ދޫކުރުން ވިލަރެސް ކުރާ ކޮމިޓީއަށް 5 މެންބަރުން އައްޔަންކޮށްފި

Doc1.jpg

ވިލަރެސްކުރާ ކޮމެޓީގެ މެމްބަރުން މަތީގައި ކަނާތުން ވާތަށް ، އަލީ ޝަފީޤް، އަހްމަދު އަސްލަމް، ރިފާއު ޔޫސުފް، ތިރީގައި އިބްރާހީމް މުހައްމަދު، އަހްމަދު ނާސިރު / އީވީ ފޮޓޯ

އޭދަފުށިން ގޯތި ދޫކުރުމުގެ ކަންކަން ވިލަރެސްކުރާ ކޮމިޓީއަށް ފަސް މެންބަރުން އައްޔަން ކޮށްފިއެވެ.

މިކޮމެޓީއަށް ފަސް މެންބަރުން އައްޔަންކުރީ ކޮމިޓީގެ މެންބަރުކަމަށް އެދޭ ފަރާތްތަކަށް އާއްމުކޮށް ފުރުސަތު ހުޅުވާލުމަށްފަހު، އެކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން އޭދަފުށީ ކައުންސިލުން ފާސްކުރި ފަސް ނަމުގެ މައްޗަށެވެ.

އޭދަފުށީ ކައުންސިލުގެ މިދައުރުގެ 101 ވަނަ ޖަލްސާއިން މިކޮމިޓީއަށް އައްޔަން ކުރީ ބ. އޭދަފުށީ / އާޝާމް، އަލީ ޝަފީޤް، ބ. އޭދަފުށީ / ސިއްދަތުރަ، އަހުމަދު ނާސިރު، ބ. އޭދަފުށީ / ސޯސަންގޭ، އިބްރާހީމް މުހައްމަދު، ބ. އޭދަފުށީ / އުތުރުގެއާގޭ، ރިފާއު ޔޫސުފް، ބ. އޭދަފުށީ / މައިނާގޭ، އަހްމަދު އަސްލަމެވެ.

އޭދަފުށީ ކައުންސިލުން މިދިޔަ މަހު ބުނެފައިވަނީ އޭދަފުށިން ގޯއްޗަށް އެދޭ ފަރާތްތަކަށް ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލުން ލަސްވަމުންދަނީ، އެމަސައްކަތް ވިލަރެސްކުރާ ކޮމިޓީ އެކުލަވާނުލެވިގެން ކަމަށެވެ.

ކޮމިޓީ އެކުލަވާލުމާ ގުޅިގެން އޭދަފުށި ކައުންސިލުގެ ރައީސް ތޮލާލް އަބްދުއްރަހްމާންއާ މިއަދު އީވީން ގުޅާލުމުން ވިދާޅުވީ ވިލަރެސް ކުރާ ކޮމިޓީއާއެކު ކައުންސިލުން މަޝްވަރާ ބައްދަލުވުމެއް ބޭއްވިފައިވާކަމަށާ، ކޮމިޓީން ލަފާދީފައިވަނީ ގޯތި ދޫކުރުމުގެ ކަންކަމުގައި އާންމު ރައްޔިތުންނާއެކު އިތުރު ބައްދަލުވުމެއް ބޭއްވުމަށް ފެންނަކަމަށެވެ. އެހެންކަމަށް އެބައްދަލުވުމަށް ތައްޔާރުވަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.

ދިރިއުޅުމަށް ބަންޑާރަ ގޯތީގެ ގޮތުގައި އޭދަފުށީގެ ހިއްކިބިމުން 1400 އަކަފޫޓުގެ 158 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމަވާފައެވެ.

ބިން ފުރި ތޮއްޖެހިފައިވާ އޭދަފުށީގެ ފަޅުހިއްކައި ރަށުގެ ބޮޑުމިން 31 ހެކްޓަރުން 56 ހެކްޓަރަށް ބޮޑުކުރީ 2014 ވަނައަހަރު ރައީސް ޔާމީންގެ ސަރުކާރުންނެވެ. އެ ބިމުގައި 100 ހައުސިންގް ޔުނިޓް އެޅުމަށް ފާއިތުވެ ދިޔަ ދެއަހަރު ބަޖެޓްވެސް ކުރިއެވެ. އެހެން ނަމަވެސް އިތުރު މަރުހަލާ އަކަށް އެމަސައްކަތް ވެސް ގޮސްފައެއް ނުވެ އެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު