އޭދަފުށީގެ 15މަގު ތާރު އަޅައިގެން ހެދުމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)އާ މިއަދު ހައުސިންގ މިނިސްޓްރީގެފަރާތުން ހަވާލުކޮށްފިއެވެ.
މިމަސައްކަތް އެމްއާރުޑީސީއާ ހަވާލުކޮށްފައިމިވަނީ ސަރުކާރުން ކުރިއަށްގެންދާ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އޭދަފުށީގައި ތާރުއަޅާނީ 14 މަގެއްގައި ކަމަށް އޭދަފުށީ ކައުންސިލުން އިއްޔެ ބުނިކަމަށް އޭދަފުށި ޓައިމްސްގައި އިއްޔެ ޝާއިއުކޮށްފައިވާ ޚަބަރެއްގައި ވަނިކޮށެވެ.
އޭދަފުއްޓާއެކު އިތުރު ހަތަރު ރަށެއްގެ މަގުހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހައުސިންގ މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެމްއާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އިބްރާހީމް ނާޒިމްއެވެ.

އަތޮޅު ހޮސްޕިޓަލް ކުރިމަތިން އޮންނަ އޯކިޑްމަގުން ބަޔަކު ހިނގާފައިދަނީ. ވިއްސާރަ މޫސުމަށް ފެންބޮޑުމާ މިމަގުވެސް ތާރުއެޅުމަށް ސަރުކާރުންވަނީ ނިންމާފައި / އީވީ ފޮޓޯ
އޭދަފުށިގެ 15 މަގު ހެދުމަށް އެމްއާރްޑީސީ އާ ހަވާލުކޮށްފައިވަނީ 33 މިލިޔަން ރުފިޔާއަށް މަސައްކަތްފަށާތާ އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިމަޝްރޫއުގެ ދަށުން އޭދަފުށީގެ މަގުތަކުގައި ތާރުއަޅާނީ ޖުމްލަ 3.36 ކިލޯމީޓަރުގައެވެ.
މިއަދުއޮތް ރަސްމިއްޔާތުގައި މަގުހެދުމަށް ހަވާލުކުރެވުނު ފަސް ރަށް ހިމެނޭ ދާއިރާތަކުގެ މަޖްލިސް މެންބަރުންވެސް ބައިވެރިވެވަޑައިގަތެވެ. އެގޮތުން އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ބައިވެރިވެވަޑައިގަތެވެ.
އޭދަފުށީގެ މަގުތައް އަޑިގުޑަންވެފައިވުމުގެ ސަބަބުން ތަފާތު ދަތިތަކާ ދިމާވެފައި ވަނިކޮށް ، މިމަސައްކަތް ސަރުކާރުން ބަޔަކާ ހަވާލުމިކުރީ މިއަހަރު އޭދަފުށީގެ މަގުތައް ހެދުމުގެ މަސައްކަތް ފަށާނެކަމަށް ރައީސް ޔާމީން އޭދަފުށީގައި މިދިޔައަހަރު އިޢްލާންވެސް ކޮށްފައިވަނިކޮށެވެ.