ކޮޕީގަސްތަކުން އޭދަފުށީގެ މަގުތަކާއި ގޯޅިތައް ފެހިކޮށްލައިފި

DSCN7744.jpg

އޭދަފުށީގެ ގިނަ މަގުތައް މިދުވަސްވަރު ފެންނަނީ ތިމާވެއްޓާއި ރައްޓެހިގޮތަށް ވަރަށް ބޮޑަށް ޖަޒީރާއެއްގެ ސިފަ ޖެހިފައިވާތަނެވެ. މަގުތައް މުއްސަނދިވެފައިވަނީ ކޮޕީގަސްތަކުގެ ބޮޑެތި ފަތްތަކުންނެވެ. މިއީ ރޯދަމަހާ ދިމާކޮށް ރޯދައަށް ހައްދާފައިވާ ކޮޕީގަހެވެ. ކޮންމެ ރޯދަމަހަކަށްވެސް މިކަން ކުރަމުން އާދެއެވެ. ރޯދަމަސް ނޫނަސް ހިނގާމީހުންނަށް އުނދަގޫ ނުވާނެހެން މަގުގެ އަރިމަތީގައި ކޮޕީ ހައްދާފައި ހުރެއެވެ. އެކަމަކު މިހާ ގިނައެއް ނޫނެވެ. ފެންނަ މަންޒަރުތަކަށް ބުނެދެނީ އޭދަފުށީގެ ގިނަ ގޭގޭގައި ވަނީ ރޯދަމަހަށް ފުދޭ ވަރަށް ކޮޕީ ފަތް ހައްދާފައެވެ. އޭގެ އިތުރުން ހުސްބިން އޮތް ގޭގެ ގޯތިތައްވެސް ފުރިފައިވަނީ ކޮޕީގަސްތަކުންނެވެ.

އުފާވެރި ޚަބަރަކީ މަދު ގެއެއްގައިނޫނީ މި ފަހަރު ރޯދަމަހު ރޯދަވީއްލުމަށް ތައްޔާރު ކުރާ ސުފުރާމަތީގައި ކޮންމެހެން ހުންނަންޖެހޭކަމަށް ގިނަ ދިވެހިން ގަބޫލު ކުރާ ކޮޕީފަތު ސަޓަންޏަކީ ގޭގައި ހައްދާފައިވާ ގަސްތަކުން ލިބުނުފަތް ކަމަށް ވީތީއެވެ. ބައިވަރު ފައިސާ ސަލާމަތް ވީއެވެ.

މިރޯދަ މަހަށް އޭދަފުށި މިހާ ވަރެއް އަރުވާލައިގެން ހަނި ގޯޅިތަކަށް ދާންދެން ކޮޕީ ހައްދާފައިވަނީ ކީއްވެގެންބާއެވެ؟ އެހެންޏާ ނުހުންނަ ފޯރިއެއް އަރުވާލައިގެން މިއުޅުނީ ކީއްވެގެން ބާއެވެ.

“ފޯރިއަރުވާލައިގެން މިއުޅެނީ ހަމައެކަނި މި އަހަރަކު ނޫން. މިދިޔަ އަހަރުވެސް މިގޭގައި ރޯދައަށް ފުދޭ ވަރަށް ކޮޕީ ހެއްދިން. އަދި މާލޭގައި ދިރިއުޅޭ އާއިލާ އެންމެންނަށްވެސް ފޮނުވޭ ވަރަށް ހެއްދިން. ” އޭދަފުށީ ޑޭޒީ މަގުގައި ހުރި ގެއެއްގެ އަންހެނަކު ކޮޕީގަސްތަކަށް ފެންދެމުން ބުންޏެވެ.

އެހެން އަންހެނަކު ބުނީ އެގޭގައި ކޮޕީ ފަތް ގަސް ހައްދަނީ މިއަހަރު އަލަށް ކަމަށާއި ބޭނުންވީ މި ކަން ތަޖްރިބާ ކޮށްލުމަށް ކަމުގައެވެ. ” ވަރަށް ކުރާ ހިތްވާ ކަމަކަށް ވެއްޖެ. އެންމެ އުފާވަނީ އަމިއްލަ އަތުން ކުރި މަސައްކަތުން ރަނގަޅު ނަތީޖާއެއް ފެނި ކެމިކަލް ފްރީ ކޮޕީ ފަތް ލިބެތީ.”

“ކޮޕީ ފަތުގެ އަގު ރޯދަމަހާގުޅިގެން މާބޮދަށް އަރައިގެން ފދަނީ. މިދިޔަ ރޯދަމަހު އަހަރެން ގަތިން ފަސްރުފިޔާ އަސް ފަތެއް. އެހިސާބުން ނިޔަތް ގަތީ އަންނަ ރޯދަމަހު ގޭގައި ކޮޕީ ހައްދަން. ” މިއީވެސް ނަން ނުޖެހުން އެދި ގޯތިތެރޭގައި ބައިވަރު ކޮޕީ ހައްދާފައިވާ އަންހެނަކު ބުނި ވާހަކައެކެވެ.

އޭދަފުށީ އަންހެނުން ކޮޕީ ފަތް ހައްދަނީ ގަސްކާނާ ބޭނުން ކޮށްގެންނެވެ. އުކާލެވޭ ސައިފަތް ޕެކެޓާ ބިސް ތޮއްޓާ ދޮންކޭލުގެ އިތުރުން ތައްޔާރީ ގަސްކާނާ ބޭނުންކުރެއެވެ. އެކަމަކު ގަހުގެ ފަތްތައް ބޮޑެތި ކުރުމަށް މަދު މީހަކު ކެމިކަލް ބޭނުން ކުރި ކަމަށް ވިޔަސް އާއްމު ގޮތެއްގައި ބޭނުން ކުރަނީ ޔުނިގްރޯއާއި ގޭގައި ބޭނުން ކޮށްފައި އުކާލާ ކާތަކެއްޗެވެ.

ހަމަގައިމުވެސް މިފަހަރު ރޯދަމަސް ހުސްވަންދެން މާލެއިން ނުވަތަ އަތޮޅުތެރެއިން އޭދަފުއްޓަށް ކޮޕީފަތް އިމްޕޯޓްކުރަން ނުޖެހޭވަރަށް އޭދަފުށީ އަންހެނުން ކޮޕީހައްދައިފިއެވެ. ފާއިތުވި އަހަރުތަކަށް ބަލާއިރު ރޯދަމަހާ ދިމާކޮށް ކޮޕީފަތުގެ އަގު އަރައިގެންދާތީވެ މިފަހަރު އެމަޅީގައި ނުޖެހެންކަމަށް ބައެއް އަންހެނުން ބުނެއެވެ. ކުރިން ކުއްޅަފިލާފަތު ސަޓަންޏަކީ ރޯދަވީއްލާއިރު ކޮންމެ ގެއެއްގެ ސުފުރާމަތީގައި ކޮންމެހެން ހުންނަން ޖެހޭ އެއްޗެއްގެ ގޮތުގައި ދުށްނަމަވެސް ކުއްޅަފިލާފަތުގެ ބަދަލުގައި ސުފުރާއަށް އަތްގަދަކޮށްފައިވަނީ ކޮޕީފަތު ސަޓަންޏެވެ. ކުއްޅަފިލާފަތް ނުލިބުމުގެ އުޒުރު ދައްކާފައެއް ނޫނެވެ. އެއަށްވުރެ ސިއްހަތަށް ފައިދާހުރި އެއްޗަކީ ކޮޕީފަތު ސަޓަނިކަމަށް ވާތީއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top