އޭދަފުށިން ގޯތި ދޫކުރަން ފަށާނީ ކޮން ދުވަހަކުން ؟

DSCN3530-800x490-800x490-800x490-800x490.jpg

އޭދަފުށީގެ ދެކުނު ފަރާތުގައި ހިއްކާފައިވާ ބިން

އޭދަފުށީގެ ބިން ހިއްކާފައިވަނީ ބިން ހުސްވެގެން ރަށުން ގޯތި ދިނުން ހުއްޓާލިތާ 27 އަހަރު ފަހުން ނެވެ.

2014 ވަނަ އަހަރު ޖޫން މަހު ފެށި މި ޕްރޮޖެކްޓް ހަފްތާ އެއްހާ ދުވަހުގެ ތެރޭގައި ނިންމާލީ އޭދަފުށީގެ ފަޅުން ނެގެން އޮތް އެންމެ ބޮޑު މިނަކަށް ބަލައި އޭދަފުށީގެ 31 ހެކްޓަރ ގެ ބިމަށް 25 ހެކްޓަރު އިތުރު ކޮށްފައެވެ. އެ ދުވަހުން ފެށިގެން ގޯތީގެ ހުވަފެން ދެކެން ފެށި މީހުން އަދިވެސް އެތިބީ އެހުވަފެނުގެ ތެރޭގައެވެ. ހިއްކި ބިމުން ގޯތި ދޫކުރާނެ ދުވަހަކަށް ނުވަތަ އެ ބިމުގައި ފްލެޓް އަޅައިގެން އެތަނަށް ދެވޭނެ ދުވަހަކަށް އެދިއެދިއެވެ.

މި ހުވަފެން ހަގީގަތަށް ވުންއޮތީ ވަރަށް ކައިރީގައި ކަން އޭދަފުށީ ރައްޔިތުންނަށް އިހުސާސްކުރެވުނީ އެ ބިމުގައި ފްލެޓް އަޅައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނު ކުރުމާ އެކުގައެވެ. ކޮންޓްރެކްޓަރ އަމިއްލަ ޚަރަދުގައި 100 ހައުސިންގޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން މިއަހަރުގެ މާރިޗް މަހު އިއުލާނު ކުރިއެވެ. އެކަމަކު އޭގެ އެއް ދުވަސް ފަހުން އެއިއުލާނު ބާތިލު ކުރީ ކީއްވެގެން ކަންވެސް ނުބުނެ ބާތިލު ކުރުމަށް ފަހު އަލުން މޭ 22 ގައި އަނެއްކާވެސް އޭދަފުށީގައި 100 ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް އިއުލާނު ކުރިއެވެ. އެހެންނަމަވެސް  އެ ޕްރޮޖެކްޓަށް އެއްވެސް ފަރާތަކުން ޝައުގު ވެރިވި ކަމެއް ނުވަތަ ޝައުގުވެރިވީ ކިތައް ފަރާތުން ކަމެއް ވެސް މީޑިއާ އަށް ތިލައެއް ނުވެއެވެ. އޭދަފުށީ ކައުންސިލަށް ވެސް ރަސްމީކޮށް އެނގޭ ކަމަކަށް ނުވެއެވެ.

ބިން ހިއްކި ފަހުން މިހާރު ހަތަރު އަހަރު ވީއެވެ. ހަތަރު އަހަރަކީ ކުރު މުއްދަތެއް ނޫނެވެ. އަމުދުން ގޯއްޗެއް ނުލިބިގެން ވަކި ދިރިއުޅުމެއް ނުފެށި އެކަމަކު މަޖްބޫރު ހާލަތުގައި ދިރިއުޅުމުގެ ތަފާތު މައްސަލަތަކުގެ ތެރޭގައި ތާށިވެފައިވާ އާއިލާތަކަށް ހަތަރު އަހަރު ހީވާނީ އެއަށް ވުރެ މާގިނަ އަހަރު ތަކެއްގެ ގޮތުގައެވެ.

އެންމެ ފަހުން އޭދަފުށިން ގޯތި ދޫކޮށްފައިވަނީ 1989 ވަނަ އަހަރު އެވެ. ދިރިއުޅޭނެ ގޮތެއް ނެތް އެތައް އާއިލާ އަކާއި އެއް ގެއްގައި އެއް އާއިލާ އަށްވުރެ ގިނަ އާއިލާ އުޅުމުން ނުކުންނަމުން އަންނަ އިޖްތިމާއީ މައްސަލަ ތަކަށް ހައްލު ހޯދައި ދިނުމަށެވެ. ރައްޔިތުންގެ އެތައް ދުވަހެއްގެ އާދޭސް ތަކަށް ފަހުއެވެ. އެކަމަކު އެފަހަރުވެސް ގޯތި ދޫކޮށްފައިވަނީ ގޯތި ލިބުން އެންމެ ހައްގުކަން ބޮޑު މީހުންގެ މަތިން ހަދާން ނައްތާލާފައި ވެރިކަމުގައި އޭރު ތިއްބެވި ބަޔަކަށް ފެނުނު ބަޔަކަށެވެ. ނުވަތަ އެކަން ހިންގަވަން ތިއްބެވި ވެރިންގެ އިންސާފުގެ ތަރާދުން ކިރައިގެން “އެންމެ އެކަށީގެންވާ މީހުންނަށެވެ.” މީގެ ހެކި މިހާރުވެސް އެހެރީ ފެންނާށެވެ. އިތުރު ވާހަކައެއް ދައްކާކަށް ނެތީމެވެ. ގޯތި ދިން މީހުންގެ ތެރެއިން އެ ތަނުގައި ދިރިއުޅެނީ ކިތައް އާއިލާތޯ ބައްލަވާށެވެ. ގޯތީގެ ވެރިފަރާތް ކަމުގައިވާނަމަ އެއީ އޭރުވެސް ގޯތި ލިބުން ހައްގުވާ މީހުންނެވެ. އޭރުއްސުރެ ނުވަތަ ވޭތުވެދިޔަ 28 އަހަރުން ފެށިގެން މިއަދާ ހަމައަށް އިމާރާތް ނުކޮށް ހުރި ގޯތި ތަކާއި، ލިބިފައިވާ ގޯތީގައި އިމާރާތް ކޮށް ކުއްޔަށް ދީފައި އެހެރީ ހައްގު ނޫން ފަރާތް ތަކެވެ. އެންމެ އެކަށީގެންވާ މީހުން ހޮވި ގޮތާމެދު އިތުރު ބަހުސެއްނެތެއް ނޫން ހެއްޔެވެ؟ މާފު ކުރެއްވުން އެދެމެވެ.

ގެއެއްގައި އެއް އާއިލާއަށްވުރެ ގިނަ މީހުން ދިރިއުޅުމަކީ މައްސަލަ ތަކެއް އުފަންވެ ބޮޑެތި ވަމުން ދާ ކަމެއް ކަން އޭދަފުށީގައި އެގޮތަށް ދިރިއުޅޭ އާއިލާ ތަކުން ވެސް އެބަ ދައްކައެވެ. ދަރިންގެ ކިޔެވުމާއި އަޚްލާގަށާ ދެމަފިރިންގެ ކައިވެނީގެ ގުޅުމަށް ބުރޫއަރައި އާއިލާތައް ރޫޅެން ދިމާވެ މިކަމާ ވިސްނަމުންގޮސް ބޯހަލާކުވެ ބައެއް ފިރިން މޮޔަ ވެފައި ވެސް އެބަހުއްޓެވެ.

ދެމަފިރިން އެކަކު އަނެކަކާ އެކަހެރިވެ އާއިލާ ރޭވުމާ ދަރިންގެ ކަންކަމާ މަޝްވަރާ ކޮށްލާނެ މާހައުލެއް އޮތް ގެއެއް ހުރުމަކީ ދިރިއުޅުމުގެ އެއް ރުކުނެވެ. އެ ރުކުން ފުރިހަމަވެފައި ނެތުމުގެ މާނައަކީ އެގޭގައި އެއް އާއިލާ އަށް ވުރެ ގިނަ އާއިލާ ދިރި އުޅުމެވެ. އެހެންކަމަށް ވާނަމަ މިއީ ސަރުކާރުން ފަހި ކޮށްދޭން ޖެހޭނެ އަސާސީ ޚިދުމަތެއް ކަމުގައި ނުވެ ނުދާނެއެވެ.

އޭދަފުށީގެ ބިން ހިއްކިތާ ތިން އަހަރު ފަހުން ފެބްރުއަރީ 2017ގައި އޭދަފުށިން ގޯތިދޫކުރަން ހަމަޖެހިފައިވާކަން ހައުސިންގް މިނިސްޓްރީން ނިންމަވައި އެކަން އޭދަފުށީ ކައުންސިލަށް އެންގެވިއެވެ. މިކަމާ ގުޅިގެން ހައުސިން މިނިސްޓްރީން ކައުންސިލަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ އޭދަފުށިން ގޯތިދޫކުރުމަށް ހަމަޖެހިފައިވާކަމަށާ، އެކަން އިއުލާން ކުރެވޭނީ އޭދަފުށީގެ ލޭންޑް ޔޫސް ޕްލޭން ނިމުމުން ކަމަށެވެ.

އެ ހިސާބުން ބޯޅަ އެއޮތީ ކައުންސިލް ކޮޅަށް ޖަހާފައެވެ. ކައުންސިލުން ކުރަން ޖެހޭ ކަމެއް ނުކުރެވި  އިހުމާލުވެފައިވާ ކަމަށް މި ސިޓީން އެބަ ފަހުމް ކޮށްދެއެވެ. އެހެންވީމާ އަޅުގަނޑުމެން ބުނަންވީ ގޯތި ދިނުން ލަސްވަނީ ސަރުކާރުގެ ސަބަބުން ނޫންކަމާއި ކައުންސިލް ގެ ޒިންމާ އަދާ ނުކުރެވުމުން ކަމުގައެވެ.

ހައުސިންގ މިނިސްޓްރީގެ ސިޓީގައި މިހެންވިދާޅުވެފައި އޮތުމުން އީވީގެ ފަރާތުން އޭދަފުށީ ކައުންސިލްގެ ރައީސް އަރިހުގައި ދެންނެވުމުން އޭރު ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން މިހާރު އޮތީ ނިމުމުގެ މަގުމަތީގައި ކަމުގައެވެ.

ރައީސުްޖުމްހޫރިއްޔާ، އޭދަފުށީގައި މަގު ހެދުމާއި ފެނުގެ މަޝްރޫއު ފައްޓަވައި ދެއްވުމަށް އޭދަފުއްޓަށް ވަޑައިގަތީ އޭގެ މަސް ތަކެއްގެ ފަހުންނެވެ. މި ދަތުރުފުޅުގައި އޭދަފުށި ރައްޔިތުން އުއްމީދު ކޮށްގެން ތިބީ އޭދަފުށިން ގޯތި ދިނުމާ ބެހޭ ގޮތުން ދެއްވާނެ އުއްމީދީ ވާހަކަ ކޮޅަކަށެވެ. އެހެން ނަމަވެސް އެމަނިކުފާނު އޭދަފުށީގައި ހުންނަވައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވީ އޭދަފުށީގެ ރައްޔިތުންނާ ސީދާ ގުޅުމެއް ނެތް ސިޔާސީ ވާހަކަ ތަކެކެވެ. ގޯތީގެ ވާހަކަ ނަންވެސް ނުގަނެއެވެ.

އަޅުގަނޑު ހަނދާންވާ ގޮތުގައި މިދިޔަ މަހު ނުވަތަ މިމަހުގެ ކުރީކޮޅު ހައުންސިން މިނިސްޓަރ އަނެއްކާވެސް އުއްމީދުގެ ބަސްކޮޅެއް އިއުލާނު ކުރެއްވިއެވެ. ” ބިން ހިއްކާފައިވާ ރަށްރަށުން ގޯތި ދޫކުރަުމަށް އެރަށްރަށުގެ ކައުންސިލަށް މި ދަނީ އަންގަމުންނެވެ. ”

މި ޚަބަރާއެކު ސަރުކާރަށް ސަޕޯޓް ކުރާ އޭދަފުށީ ރައްޔިތުން އަތް ޖަހަން ފެށިއެވެ. މިކަން މި ދެން ނިމުނީ ކަމަށް ހީކޮށް އުފާ ފާޅު ކުރިއެވެ. ރަށު ކައުންސިލްގެ ރައީސަށް އުނދަގޫ ވާވަރަށް ގޯތި ދޭން ފަށަނީ ކޮން އިރަކުންތޯ އަހަމުން ސުވާލުތައް ހުށަޙަޅަމުން ގެންދިޔައެވެ. އެހެން ނަމަވެސް އޭދަފުށީ ކައުންސިލަށް އެފަދަ އެންގުމެއް ހައުސިންގ މިނިސްޓްރީން އަދި އަންގަވާފައި ނުވާ ކަމަށް ވިދާޅުވުން ފިޔަވައި އެކަމަށް ދޭނެ އެހެން ޖަވާބެއް ތޮލާލުގެ އަތަކު ނެތެވެ. އެއީ ލޭންޑް ޔޫސް ޕްލޭން ވެސް ވަނީ ނިމި ހައުސިންގ މިނިސްޓްރީއަށް ފޮނުވާފައިކަމަށް ރައީސް ތޮލާލު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ތަރައްގީގެ ގިނަ މަޝްރޫއު ތަކެއް ރާއްޖޭގެ ހުރިހާ ހިސާބަކު ވެސް އެބަ ހިންގައެވެ. އެކަމަށް އެއްބަސް ނުވާ މީހުން އުޅުމަކީ މުޅިން އެހެން ކަމެކެވެ. ދިމާލަށް ލޮލުގެ ކުރިމަތިން ފެންނަން ހުންނަ މަންޒަރު ތަކާއި ޚަބަރު ފަތުރާ ވަސީލަތް ތަކުން އެންމެ އާއްމުކޮށް އިވެމުން ފެންނަމުން ދަނީ މި ވާހަކަ ތަކެއް ނޫން ހެއްޔެވެ.

އޭދަފުށީގައި މިހާރުވެސް ތަރައްގީގެ ބޮޑު ތިން ޕްރޮޖެކްޓް އެބަ ހިންގައެވެ. އެހެން ނަމަވެސް މި ތިން ޕްރޮޖެކްޓްވެސް ހިނގަމުން ދަނީ އެވިދާޅުވާ ރޮކެޓް ސްޕީޑަކު ނޫނެވެ. ރޮކެޓް ސްޕީޑްގައި ޕްރޮޖެކްޓްތައް މެކުހަށް ޖަހާފައި ވާނަމަ އޭދަފުށީގެ ބިން ހިއްކާ ނިމިފައި އޮންނަތާ ހަތަރު އަހަރު ވީއިރު ގޯތި ދޭން ނުފެށުނީ ކީއްވެގެން ހެއްޔެވެ. އިތުރު އެއްޗެކޭ ބުނާ ނަމަ  އެއް އަހަރު ދުވަހުން ނިންމަން ހަވާލު ކުރި މަގު ހެދުމުގެ ޕްރޮޖެކްޓް ތިން އަހަރުވެގެން ހަތަރު އަހަރަށް ދާއިރު ނުނިމޭންވީ ކީއްވެގެން ހެއްޔެވެ. ފެނުގެ މަޝްރޫއުވެސް ނިންމަން ބުނި މުއްދަތު ފާއިތުވެގެން އިތުރު އެއް އަހަރު ފުރެން ދަނީއެވެ .

ތަރައްގީގެ އިންޖީނުގައި އިތުރު ބޮޑު ބޫސްޓަރެއް ހަރުކޮށްގެންވެސް މިހާރު މިކަން ނިމެން ވެއްޖެ ދޯއެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top