ކިހާދޫ، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް) އިފްތިތާހު ކޮށްފި

38765217_10157755074358009_785635765676670976_n.jpg

ކިހާދުގައި ގާއިމް ކޮށްފައި ހުންނަ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް) ފޮޓޯ : މުހައްމަދު ޒުބޭރު އެފްބީ ޕޭޖް

ކޯސްޓްލައިން ފައުންޑޭޝަނުން  ބ.ކިހާދޫގައި އިމާރާތް ކުރި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް) އިއްޔެ އިފްތިތާހު ކޮށްފިއެވެ.

މި ސެންޓަރު އިފްތިތާހު ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ މިއަދަކީ ތައުލީމީ ދާއިރާ އަށް އަނެއްކާވެސް ވަރަށް އުފާވެރި ދުވަހެއްކަމަށާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މި ސެންޓަރުން ޒުވާނުންނަށް އިތުރު އުއްމީދުތަކެއް ލިބިގެންދާނެކަމުގައެވެ.

“ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަދި ގުޅިފައިވާ އެހެނިހެން ދާއިރާތައް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއެރުވުމަށް އެންމެ މުހިއްމު ކަމަކީ އިންސާނީ ވަސީލަތްތައް ބިނާކުރުން . އެގޮތުން ކޯސްޓްލައިންގެ އަގު ބޮޑު ހަދިޔާއަކީ، އެކަމަށް އެޅިގެންދާ ވަރަށް މުހިއްމު ބިންގަލެއް. ” އެކަމަނާ ވިދާޅުވިއެވެ.

222300 އަކަފޫޓްގެ ބިމެއްގައި ކިހާދޫގައި ގާއިމް ކޮށްފައިވާ މި ސެންޓަރުން ޑީސަލް އަދި ޕެޓްރޯލް އިންޖީން މަރާމާތުކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން އަދި އެއާކޮންޑިޝަން އާއި ރެފްރިޖަރޭޓަރު މަރާމާތު ކުރުމުގެ ކޯސްތަކުގައި 12 އަތޮޅަކުން 50 ދަރިވަރުން އަންނަނީ މިހާރު ހިލޭ ކިޔަވަމުންނެވެ.

ސެންޓަރުގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ނަޒީފް ވިދާޅުވީ އެ ސެންޓަރު އަމާޒުކޮށްފައިވަނީ، ރަސްމީ ތައުލީމް ނުނިންމާ ނުވަތަ ސެޓްފިކެޓެއް ނެތް ޒުވާނުންނަށް ކަމަށެވެ.

ޓިވެކް ހުޅުވުމުގެ ރަސްމިއްޔާތަށް ކިހާދޫ ޒީނަތްތެރި ވެފައި- ފޮޓޯ މުހައްމަދު ޒުބޭރު

ސެޓްފިކެޓް ލެވެލްގެ ކޯސްތައް ފެށިކަމުގައި ވިއަސް، ކުރިމަގުގައި އެޑްވާންސް ސެޓްފިކެޓްގެ ކޯސްތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ނަޒީފް ވިދާޅުވި އެވެ.

އެގޮތުން އެ ސެންޓަރުގެ ފުރަތަމަ ބެޗްގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ހިސާބުތަކުން 100 އަށް ވުރެ ގިނަ ދަރިވަރުން ކުރިމަތިލި އިރު، އިންޓަވިއުކޮށް ހޮވާފައިވަނީ 50 ދަރިވަރުންނެވެ. ނަމަވެސް ކޯސްޓްލައިން ފައުންޑޭޝަންގެ އަމާޒަކީ 200 ދަރިވަރުންނަށް އެއްފަހަރާ ކިޔެވޭނެ ފުރުސަތު ފަހިކޮށްދިނުމެވެ.

މި ސެންތަރުން ކިޔަވާ ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނުނަގައެވެ. 200 ކުދިންގެ ޖާގައިގެ ކެމްޕަހެއްވެސް ހުންނައިރު މިކެމްޕަހުގައި ދަރިވަރުންނަށް ކެއުން ވެސް ހަމަޖައްސައިދޭނީ ހިލެއެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top