ބ. އަތޮޅުގެ ސިއްހީ ހިދްމަތަށް 50 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށްޓަކައި ބ. އަތޮޅު ހޮސްޕިޓަލުން ހުޅުވާފައިވާ ރަންޔޫބީލް ފަންޑަށް އެހޮސްޕިޓަލްގެ މުވައްޒަފުން ތިރީސްހަތްހާހަށްވުރެ ގިނަ ރުފިޔާ ހޯދައިދީފިއެވެ.
ރަންޔޫބީލް ފަންޑަށް މުވައްޒަފުން މިފައިސާ ހޯދީ ދެދުވަހެއްގެ މަތިން އޭދަފުށީގައި ކުރިޔަށް ގެންދިޔަ ޖަންބަލް ސޭލްއަކުންކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުންޏެވެ. އެހޮސްޕިޓަލްގެ މީޑިޔާ ކޯޑިނޭޓަރ ސިދުގީ އަބްދުﷲ އީވީއަށް މިރޭ ވިދާޅުވީ މިފައިސާ ލިބުނީ މިމަހުގެ ދެވަނަދުވަހާއި، މިއަދު ކުރިޔަށްގެންދިޔަ ޖަންބަލް ސޭލްގައި މުވައްޒަފުން އަމިއްލަ ހަރަދުގައި ގިނަތަކެތި ހަދައި ވިއްކައިގެންކަމަށެވެ.
“ކުރީދުވަހުގެ ސޭލުން ފަނަރަހާހަށްވުރެ ބޮޑު ފައިދާއެއް ލިބުނު. އެކާމިޔާބަށް ބަލާފައި އަނެއްކާ މިއަދު ހަވީރު އޭދަފުށީ ފުށިފަންނު ޕާކް ސަރަހައްދުގައި މިބޭއްވީ ވަރަށް ކާމިޔާބު ސޭލެއް. މިއަދު ލިބުނު ބާވީސްހާސް އެއްސަތޭކަ ތިރީސް ރުފިޔާ.” ބ. އަތޮޅުގެ ސިއްހީ ހިދްމަތުގައި ތިރީހަށްވުރެ ގިނަ އަހަރު ހޭދަކުރައްވާފައިވާ އަދި މިހާރުވެސް ހިދްމަތުގައި ދެމިހުރި ސިދުގީ ވިދާޅުވިއެވެ.
ސިދުގީ ވިދާޅުވީ މިހަރަކާތަށް ބ. އަތޮޅު ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުން ދެމުންގެންދާ އެއްބާރުލުމާމެދު އަޖައިބުވެ ވަޑައިގަންނަވާކަމަށާ، މިވަރުގެ ބޮޑު މަސައްކަތެއް މުވައްޒަފުން ކުރަމުންދަނީ އެމީހުންގެ ހިތާރޫހުން އެއްވެސް އަމިއްލަ އެދުމެއްނެތިކަމަށެވެ.
“އަޅުގަނޑު މިހިރީ ބުނާނެ އެއްޗެއް ނޭނގިފައި. މިކަންކަން ކުރިޔަށްގެންދާލެއް ފުރިހަމަކަމުން. މިއަދުވެސް ޖަންބަލް ސޭލްގައި ވަގުތުން ރޮއްޓާ މަސްހުނި، ހެދިކާވެސް ވަގުތުން ފިހެގެން ވިއްކާ ހަދައިގެން ބޮޑު އާމްދަނީއެއް ހޯދި. އަދިވެސް މިކަހަލަ ކިތަންމެ މަސައްކަތްތަކެއް މުވައްޒަފުން އެންމެން ގުޅިގެން ކުރުމަކީ މިއީ ފަހަކަށް އައިސް ރާއްޖޭގެ އެއްވެސް ތަނެއްގައި މިގޮތަށް ކޮށްފައި އޮތްކަމެއްނޫން. އަދި ކުރެވޭނެ ކަމެއްވެސް ނޫނޭ އަޅުގަނޑު ދަންނަވާނީ” ސިދުގީގެ ހިތުގެ ޝުއޫރުތައް މުވައްޒަފުންނަށް ބަންޑުންކޮށްލެއްވީ މިގޮތަށެވެ.
ބ. އަތޮޅުގެ ސިއްހީ ހިދްމަތަށް ފަންސާސް އަހަރު ފުރޭނީ އަންނަ މާރޗް 1 ވަނަ ދުވަހުއެވެ. އަތޮޅު ހޮސްޕިޓަލުން ބުނީ ބ. އަތޮޅުގެ ސިއްހީ ހިދްމަތަށް 50 އަހަރު ފުރޭ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން އެހޮސްޕިޓަލް ގޯތިތެރެއާއި، އިމާރާތްތައް ޒީނަތްތެރި ކުރުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިޔަށްދާކަމަށެވެ. އަދި ދުވަހާ ގުޅިގެން ބޭއްވޭ އެކިއެކި ހަރަކާތްތައް އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ކުރިޔަަށް ގެނދިއުމަށް ވިސްނާފައިވާކަމަށެވެ.