ގައުމެއްގައި ހެޔޮލަފާ ޙާކިމަކު ހުރުމަކީ އެގައުމަކަށް ﷲ ލައްވާފައިވާ ނިއުމަތެއްކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިމައުޟޫއުގައި ޚުތުބާ ކުރިއަށް ގެންދަވަމުން ވިދާޅުވަނީ އެއީ އޭނާގެ ސަބަބުން ދީން ރައްކާތެރި ކުރެވޭތީއާއި ގައުމުގެ މުއްސަދިކަމާ ރައްޔިތުންގެ ލޭއޮހޮރުވުން މަނާކުރެވޭތީއާއި ގައުމުގެ ކަރާާމާތާއި ރައްޔިތުންގެ ސަލާމަތާއި އަބުރާ އިއްޒަތް ރައްކާތެރިކުރެވުމުގެ އިތުރުން އޭނާގެ ބަހުގެ ސަބަބުން ގައުމުގެ ފިކުރު އެއްގޮތް ވެގެން ދާތީ ކަމުގައެވެ. މިހެންވެ ހާކިމާއަށް ކިޔަމަން ގަތުމަކީ ގައުމުގެ ރައްޔިތުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެއްކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިއްވި ޚުތުބާގައި އިތުރަށް ބުނެފައި ވަނީ، ވެރިންނަށް އެއްޗެހި ގޮވުމަކީ ދީން ހުއްދަ ކުރާ ކަމެއް ނޫންކަމަށާއި އެ މީހުންގެ މައްޗަށް ބަދު ދުއާ ކުރުމަކީ ދީން މަނާ ކުރާ ކަމެއްކަމަށެވެ.
ހުތުބާގައި ބުނީ ހާކިމާއަށް ނަސޭހަތެއްދޭން ބޭނުންވާ މީހާއަށް އެކަން ކުރަން ޖެހޭނީ ރިވެތިގޮތުގައި ކަމަށެވެ. އަދި ނަސޭހަތްދޭންވާނީ އޭނާގެ އިއްޒަތަށާއި ކަރާމާތަށް އުނި ކަމެއް ނުލިބޭ ފަދަ ގޮތަކަށް ރިވެތި ބަހުން ކަމަށެވެ.
މާތް ﷲއަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވުމާއެކު ވެރިމީހާއަށް ކިޔަމަންވުމަށް މާތް ﷲ އަޅުގަނޑުމެނގެ މައްޗަށް ވާޖިބު ކުރައްވާފައިވާކަމަށްވެސް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.