މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި : މުދައްރިސެއްގެ ގޮތުގައި މެދުނުކެނޑި 35އަހަރު

DSCN5547.jpg

ލަތީފާ ޔޫސުފް - އީވީ ފޮޓޯ

އެއީ މުދައްރިސުންގެ ދުނިޔޭފައި ފަނޑުވުމެއް ނާންނާނެ ނަމެކެވެ. މިހާ ހިސާބަށް ސަރުކާރުން ރާއްޖޭގެ ސްކޫލްތަކަށް ޓްރޭންކޮށްފައި ތިބި ހުރިހާ ޓީޗަރުންނަށް ބަލާލިއަސް މެއެވެ. ޚާއްސަކޮށް ބ.އަތޮޅު ގެ  ތައުލީމަށެވެ. ބ.އަތޮޅު ތައުލީމީ މަރުކަޒުގެ އުމުރުން 41 އަހަރު ފުރި ހަތަރުހާހަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލްކޮށް ނިމިފައިވާ އިރު އެ މަރުކަޒު ދުނިޔެއަށްލީ ފުރަތަމަ ނޭވާ އާއެކު އެ ސްކޫލްގައި ޚިދުމަތް ކުރައްވަން ފެއްޓެވި އޭދަފުށީ ދޭލިޔާގޭ ލަތީފާ ޔޫސުފަކީ އަކީ ރާއްޖޭގައި މިއަދު ފާހަގަ ކުރަމުން އަންނަ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ޝުކުރުވެރިކަމާއެކު ހަނދާން އާކުރުން އެންމެ އައުލާކަން ބޮޑު އެންމެ މުނާސަބާ ހަނދާން ތަކެކެވެ.

ސަރުކާރުން 1978 ވަނައަހަރު އަތޮޅު ތަކުގައި ކޮމިއުނިޓީ ސްކޫލް ތައާރަފްކޮށް ހިންގަންފެށުމަށްޓަކާ މުދައްރިސުން އުފެއްދުމުގެ ގޮތުން އިންސާވިސް ޓްރޭނިންގ ކޯސްގެ ނަމުގައި ހިންގެވި ކޯހުގެ ފުރަތަމަ ފުރަތަމަ ބުރު ، ނިންމަވައިގެން މި ސްކޫލްގެ ދޮރާށިން ފުރަތަމަ އެތެރެވި ފަސް މުދައްރިސުންގެ ތެރެއިން އެކަކީ ސްކޫލްގެ އިސްދަރިވަރުންގެ ލޯބި އެންމެ ބޮޑަށް ހޯއްދަވާފައިވާ ލަތީފާ އެވެ. އެހެންނަމަވެސް އޭނާ ޓީޗަތެއްގެ ގޮތުގައި ކްލާސްތަކަށް ނުކުންނެވީ އޭގެ އެއް އަހަރު ފަހުންނެވެ. އޭނާގެ ލިއުން ރީތިވުން އެއީ އެކަމަށް އޮތް ހުރަކަހަށް ވެ އޮފީހުގައި މަޑު ކުރަން ޖެހުނީއެވެ.

35 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށް ފަހު 55 އަހަރުވެގެން ރިޓަޔަރ ވަންދެން މަސައްކަތްކުރެއްވި ލަތީފާއަކީ އޭނާގެ ގާތުން ދަރިވަރުވި ތިންހާހަށްވުރެ ގިނަ ކުދިންގެ މަދަރުސީ މަންމައެވެ.

ލަތީފާއާމެދު ތެދުވެރިކަމާއެކު އޯގާތެރި ބަހެއް ބުނެލާނަމަ ފުރަތަމަ ބުނެވެނީ އެއީ ނިކަން އަޚްލާގު ރަނގަޅު ،ބުނާ ބަހަށްވުރެ ކުރާ އަމަލު ގިނަ ކަނބަލެއް ކަމުގައެވެ. ލިބިފައިވާ ތައުލީމު އެހެން މީހުންނަށް ފޯރުކޮށްދިނުމުގައި ވަރުބަލިކަމެއް ނެތި 35 އަހަރު އަމިއްލަ ދިރިއުޅުމަށްވުރެ ސްކޫލްދެކެ ލޯބިވާކަން އަމަލުން ދައްކައިދެއްވި އޭދަފުށީގެ ނަމޫނާ ކަނބަލެކެވެ.

އޭދަފުށީ މަދަރުސަތުލް ބަހިއްޔާއިން އެދުރުވެ މަދަރުސީ ދައުރު ނިންމާލިއިރު އޭނާވަނީ ބަހިއްޔާ އުފެއްދި އެންމެ މޮޅު 10 ގެ ތެރޭގައި ހިމެނިފައެވެ. ކުށެއްނެތް ސާފު ދިވެހި ބަހުން ވާހަކަ ދެއްކުމާ އޭދަފުށީގެ ލެއާ ގުޅިފައިވާ ރީތިކޮށް ތާނަ ލިއުމުގެ ފަންނުގައި މިއަދުވެސް އަރާ ހުންނެވި އުސްތާޒާ އެކެވެ. ދީންވެރިކަމާ އެހެން މީހުންނަށް ރިވެތި ނަމޫނާ ދެއްކުމުގައި އަދިވެސް އޭދަފުށީގެ އެއްވެސް އަންހެންނަކަށް އޭނާ ޖަހާލާފައި ކުރިއެރޭ ވަރެއް ނުވެއެވެ.

ލަތީފާ އާއެކު ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ޚިދުމަތަށް ނުކުންނެވި އެމަރުކަޒުގެ އެޑްމިނިސްޓްރޭޓަރ ގެ  މަގާމުގައި މިހާރު ހުންނެވި އަހްމަދު އަލީ، ލަތީފާ ސިފަކުރައްވަނީ ޖަވާހިރެއްގެ ގޮތުގައެވެ. “އެއީ ހަމަ ޖަވާހިރެއް. އެހާ އަޚްލާގު ރަނގަޅު ވެފައި ޚާއްސަކޮށް އޭނާ ކިޔަވައިދޭ ކްލާސްތަކުގެ ދަށް ކުދިންނަށް ވަރަށް ބޮޑަށް އަޅާލައްވާނެ. “އަހްމަދު އަލީ ވިދާޅުވިއެވެ.

އަހްމަދު އަލީ ވިދާޅުވީ ވަރަށް މަޑުމައިތިރި އަޚްލާގު ރަނގަޅުލަތީފާއަކީ ތާނަ ލިއުން އެހާ ރީތި އަދި ގުރުއާން ކިޔެވުމަށް ވެސް އަރާ ހުންނެވި ކަނބަލެއް ކަމުގައެވެ. މި ނޫނަސް އޭނާގެ ހުރި އެހެން މީހުން ބަލައިގަންނަން ޖެހޭ ރަނގަޅު ސިފަތައް ގިނަކަމުން ސްކޫލްގެ ތާރީޚްގައި ލަތީފާގެ ނަން ކިޔަން ޖެހޭނީ ރަން އަކުރުން ކަމަށް އަހުމަދު އަލީ ވިދާޅުވިއެވެ.

ލަތީފާގެ އަމިއްލަ ދިރިއުޅުމަށް ބަލާއިރު އެއީ ކާމިޔާބު މަންމައެކެވެ. އުމުރުން 25 އަހަރުގައި ކުރެއްވި ކައިވެނިން ލިބުނު ތިން ކުދިންނަށް ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ތައުލީމުދީ މައެއްގެ ވާޖިބު އަދާ ކުރުމުގައިވެސް ނަމޫނާ ދައްކަވާފައެވެ. ހިތްފަސޭހަ ދިރިއުޅުމަކާއެކު ދިރިއުޅުމުގެ ފަހު ދުވަސްތަކާ ކުރިމަތިލެއްވިއިރު ދިރިއުޅުމުގެ މިހާރުގެ ހާލަތު ސިފަކުރައްވަނީ ހަވީރުވެ ރަތްވިލާ ލުމުގެ އަލާމާތްތައް ފެންނަން ފަށާފައިވާ ދުވަހެއްގެ ގޮތުގައެވެ. އޮއްސުމުގެ ކުލަވަރުތަކާއެކު ދިރިއުޅުންވެސް ވަރަށް ބޮޑަށް ހުޅަނގު ފަރާތަށް ލެބިގެން ތިރިވެގެން އެބަދާކަން ދޭހަވާގޮތަށް ވާހަކަ ދެއްކެވިއެވެ.

“ކޮންމެ މީހަކަށްވެސް ދިރިއުޅުމުގެ ހަތަރުދަން ކުރިމަތިލާނެ. އުމުރުން 62 އަހަރުވެގެން ދާއިރު ދެން އޮންނާނީ ފަހުދަން. އެއީ އުޚުރަވީ ދުނިޔެ ލިބޭތޯ ގަދައަޅައި މަސައްކަތް ކުރަންވީ ދަންފަޅި. އެދުވަސްތައް މިހާރު ގުނެމުން ދަނީ ” ލަތީފާ ވިދާޅުވިއެވެ.

މިއީ ލަތީފާގެ ދިރިއުޅުން އެފުއް މިފުށަށް ޖަހާލީ ފިރިކަލުން ބާގިރުގެ ކުއްލިމަރާ އެކު ޚިޔާލަށާއި ވިސްނުމަކަށް އައި ބަދަލަކަށް ވެދާނެއެވެ. ހާޓް އެޓެއްކެއްގެ ޝިކާރައަކަށްވެ ލަތީފާއާ އޭނާގެ 3 ދަރިން ދޫކޮށްލާފައި ބާގިރު އާޚިރުގެ ގޮވައްޗަށް ދަތުރުކުރިތާ މިހާރު ދެއަހަރުވާން ކައިރިވެފައިވާ އިރު އަދިވެސް ލަތީފާ ހުންނެވީ އެހަނދާންތަކުގެ ތެރޭގައެވެ. އޭނާގެ އެންމެ ރިވެތި އެއް ސިފަ ކަމުގައިވާ އަމިއްލަ ހިތާމަތައް ފޮރުވާފައި އެހެންމީހުންނަށް ހިނިތުންވުމުގެ މޫނެއް ދައްކައިގެންނެވެ.

އޭނާގެ ހަޔާތުގެ ބޮޑުބައި ނުވަތަ 35 އަހަރު ހޭދަކުރެއްވި ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ހަނދާން ތައް އޭނާ އާކުރައްވަނީ ކޮންގޮތަކަށްތޯ އަހާލުމުން ވިދާޅުވިއެވެ.

“ބ. އަތޮޅު ތައުލީމީ މަރުކަޒަކީ އަޅުގަނޑުގެ ގެ. އިހްސާސްކުރެވެނީ އެތަނުގެ ކޮންމެ ދަރިވަރަކީ އަޅުގަނޑުގެ ދަރިއެއްކަމުގައި. އެތަން ކުރިއަރުވަން މަސައްކަތް ކުރާ މުޅި ޓީމަކީ އަޅުގަނޑުގެ އާއިލާގެ ބައެއް ކަމުގައި .” މިއީ ސްކޫލާ މެދު ލަތީފާ ދެކޭ ގޮތެވެ. 35 އަހަރަށް ވުރެ ގިނަ ދުވަހު ސްކޫލްގައި އުޅުއްވުމުން އެހެން ވެދާނެއެވެ. އެކަމަކު ދެންވެސް އުފެދުނީ ސުވާލެކެވެ.

ތައުލީމީ މަރުކަޒުގައި ހޭދަކުރެއްވި ގިނަ އަހަރުތަކުގައި ކުރެވުނު މަސައްކަތާމެދު ހިތްހަމަޖެހޭ ހެއްޔެވެ؟

“ވަރަށް ބޮޑަށް. ސަބަބަކީ ދުވަހުން ދުވަހަށް ސްކޫލް ހޯދާ ކާމިޔާބިތައް ގިނަވުމާއި ގައުމަށާއި ރައްޔިތުންނަށް ޚިދުކަމްތް ކުރާ އެތައް ބައިވަރު ދަރިންތަކެއް އެ ހިޔާވަހި ކަމުގެ ދަށުންނުކުމެގެން ދިޔައިރު އެދަރިން ބިނާކުރުމުގައި އަޅުގަނޑުގެ ހިއްސާ ވެސް އެކަމުގައި ވާނެތީ .”

ފަހު ބަހަކަށް ސްކޫލްގެ މިހާރުގެ ދަރިވަރުންނަށް ނަސޭހަތުގެ ބަސްކޮޅެއް ހަދިޔާ ކުރެއްވިއެވެ.

“ސްކޫލަކީ ދެކެންވާނީ ކޮންމެ ކުއްޖެއްގެ ވެސް ދެވަނަ މަންމަގެ ގޮތުގައި. ހަގީގަތުގައިވެސް އެއީ ދެވަނަމަންމަ. ފުރާނައިގެ ކާނާ ދެނީ ސްކޫލް.  މީހާ މީހަކަށް ހަދައިދެނީ ސްކޫލް. އެހެންވީމާ އެކަން ދަނެގެން އެމަންމަ ދޭ ނަސޭހަތުގައި ހިފަން ވާނެ. މިއަދު އެނަސޭހަތް އަޑުނާހާ އެމަންމަގެ ހިތުގައި ޖައްސައިފިނަމަ އެމަންމަގެ މަތިން ހަނދާންކޮށް ފަހުން ރޯން ޖެހޭނެ. އެމަންމަ މިއަދު ގަދަ އަޑުން އެގޮވަނީ ދީންވެރި އަޚްލާގު ރަނގަޅު ދަރިންތަކަކަށް ވެވޭތޯ މަސައްކަތް ކުރުމަށް. އެމަންމަ ލޯތްބާއެކު ފިރުމާލާފައި އެބުނަނީ ވަގުތަށް ކަމޭ ހިތުމަށް. އެމަންމަ ރޮއިރޮއިފާ އެގޮވަނީ ކުށުން ބަރީއަ ވެގެން ވާ ކުދިންތަކަކަށް ވުމަށް. ޓީޗަރުން ދައްކާ ވާހަކައަށް ނިކަން ރަނގަޅަށް އަޑުއަހަާށޭ. އެމަންމަ އެގޮވަނީ މަންމަގެ ބަސް ނާހައިފިނަމަ އެކަމުގެ ނަތީޖާ ފެންނާނީ ހަމައެކަނި މި ދުނިޔެއަކު ނޫނޭ. އާޚިރަތުގެ ގިންޏަކީ މިދުނިޔޭގެ ހޫނަށް ވުރެ އެތައް ގުނައެއް ހޫނުގަދަ ވޭންހުރި ކަމަކަށޭވާނީ.  އަޚްލާގު ރަނގަޅު ދަރިންތަކަކަށް ވެގެން ގައުމުގެ ހާލާއި ކުރިމަގު ބިނާ ކުރާ ބޭނުންތެރި ދަރިން ތަކަކަށް ވާށޭ.” ލަތީފާގެ ވާހަކަ ނިންމާލި އިރު އޭނާވެސް ހުރީ ޖަޒުބާތުގައި ޖެހި ލޮލުން ކަރުނަ ހިލިފައެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު