ދޮންފަނުގައި މިހާރު ކުރިޔަށްދާ ދޮންފަނު އިންވިޓޭޝަން ކަޕްގެ ފައިނަލްގެ ފުރަތަމަ ޖާގަ އޭދަފުށީ ފުޓްބޯޅަ ޓީމުން ހޯދައިފިއެވެ.
އޭދަފުށީ ފައިނަލަށް ދިޔައީ މިއަދު ހަވީރު ކުޅެވުނު މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗްގައި އެންމެފަހުގެ ޗެންޕިއަން ކިހާދޫ ޕެނަލްޓީ ޖަހައިގެން 8-9ން ބަލިކޮށްގެންނެވެ. މިއަދުގެ މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އޮތީ 2-2ން އެއްވަރުވެފައެވެ.
މިއަދުގެ މެޗްގެ ފުރަތަމަ ލަނޑު އޭދަފުށިން ޖެހީ މެޗްގެ ފުރަތަމަ ހާފްގައި ކެޕްޓަން ޝާހީ މޫސާއެވެ. ކިހާދޫގެ ފުރަތަމަ ލަނޑަކީ ފުރަތަމަ ހާފުގައި އޭދަފުށީ ޑިފެންޑަރ އަފްރާހްއަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ކިހާދޫން މެޗްގެ ހަތްދިހަވަނަ މިނެޓްގައި ލީޑްނެގުމާއެކު މެޗްގެ ފޯރި ވަރަށް ގަދަވިއެވެ. މިލަނޑު އެޓިމަށް ކާމިޔާބުކޮށްދިނީ އަލީ އަނީސް އެވެ. ނަމަވެސް އޭގެ ނުވަ މިނެޓްފަހުން އޭދަފުށީގެ މިމްރާހްވަނީ ކިހާދޫގެ އުއްމީދުތައް ފެނަށް ދުއްވާލައި މެޗް ޑްރޯކޮށްލާފައެވެ. މެޗް ނިމުނީ 2-2ން ޑްރޯވެގެންނެވެ.
ޕެނަލްޓީގައި އޭދަފުށިންޖެހި ހަތްޕެނަލްޓީ ކާމިޔާބުކުރިއިރު، ކިހާދޫގެ ހަތްޕެނަލްޓީގެ ތެރެއިން އެއް ޕެނަލްޓީ އޭދަފުށީ ކީޕަރު ހިޝާން މަތަކުރުމާއެކު އޭދަފުށީ މޮޅުވީ 9-8 ގެ ނަތީޖާއަކުންނެވެ.
އޭދަފުއްޓާ ކިހާދޫގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ފޯރިއާއެކު މިއަދުގެ މެޗް ވެގެންދިޔައީ މިމުބާރާތުގައި އެންމެ ގިނަ އަދަދަކަށް ކުޅިބެލުންތެރިން ހާޒިރުވި މެޗަށެވެ. ދެޓީމްގެ ސަޕޯޓަރުންގެ ތެރޭގައި ދޭތެރެ ދޭތެރެއިން ޒުވާބުތައްވެސް ހިނގިއެވެ. ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ނުހިނގައެވެ.
މިއަދުގެ މެޗަށްފަހު ކިހާދޫ ޓީމްގެ ކޯޗު މައުރޫފް އާދަމް އީވީއަށް ބުނީ މެޗްގައި ކިހާދޫން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭކަމަށެވެ. އެހެންނަމަވެސް ޕެނަލްޓީއަކީ ފިފްޓީ ފިފްޓީ ޗާންސެއްކަމުން މިނަތީޖާއާމެދު ހިތްހަމަޖެހޭކަމަށެވެ.
“ވަރަށް ރަނގަޅަށް ޓީމުގެ ކުޅުން ކުރިޔަށްދިޔައީ. އޭދަފުށީގެ ހުރިހާ ޑިޕާޓްމަންޓެއްވެސް ފެނުނީ ވަރުގަދަކޮށް އެހެންނަމަވެސް ކިހާދޫގެ އެޓޭކްތައް ވަކި ހުއްޓުވިފައެއްވެސް ނެތް. އޭދަފުށިކަހަލަ ބޮޑު ޓީމަކާ ކުޅެ ޑްރޯ ކުރެވުމަކީވެސް މޮޅުވުމެއް. ޕެނަލްޓީއަށް ދިޔައީމާ އެއީ ފިފްޓީ ފިފްޓީ ޗާންސެއް އޭގައި ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ” މާއްޓޭ ބުންޏެވެ.
އޭދަފުށީ ޓީމްގެ އެސިސްޓެންޓް ކޯޗް އަދި ޓްރޭނަރ މުހައްމަދު ފާސިރު ފާއްޓޭ ބުނީ މެޗްގައި އޭދަފުށިން ދެއްކީ ހިތްހަމަޖެހޭ ކުޅުމެއް ކަމަށާ، އޭދަފުށީގެ ބީ ޓީމާ ބަލާފައި މިނަތީޖާ ހިތްހަމަޖެހޭކަމަށެވެ.
“ވަރަށް ހިތްހަމަޖެހޭ ކުޅުމާމެދު. ކިހާދޫން ހީކޮށްފާނެ މިއީ އޭދަފުށީގެ 23 އަހަރުން ދަށުގެ ފުލްޓީމް ކަމަށް. ނޫން ފުލްޓީމްގެ 9 ކުޅުންތެރިން ފުރަތަމަ ޑިވިޜަންގައި ކުޅޭތީ ޓީމަށް ނުގެނެވުނު. މިހާރު މިކުޅެނީ އޭދަފުށީ އަންޑަ 23 ބީ ޓީމް. މިޓީމް ގޮވައިގެން ފައިނަލަށް ދިއުމަކީ ޗެންޕިއަންކަން ހޯދުން ކަހަލަ ކަމެއް”
މުބަރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗްގައި މާދަމާ ބައްދަލުކުރާނީ ގޮއިދޫއާ، ދޮންފަނެވެ. ފައިނަލް މެޗް އޮންނާނީ ހުކުރު ދުވަހުއެވެ.