ދޮންފަނު އިންވިޓޭޝަންކަޕް 2017 މުބާރާތުގެ ފުރަތަމަ މެޗްގައި ދިފައީ ޗެންޕިއަން ކިހާދޫ ޓީމް މޮޅުވިޔަނުދީ ދޮންފަނުން ހިފަހައްޓައިފިއެވެ.
ކުލަގަދަ ރަސްމިއްޔާތަކާއެކު އިއްޔެ ދޮންފަނުގައި ފެށި މިމުބަރާތުގެ ފުރަތަމަ މެޗްގައި ކިހާދޫއާ ދޮންފަނު ބައްދަލުކޮށް މެޗް ނިމިފައިވަނީ 1-1 އެއްވަރުވެގެންނެވެ. މެޗްގެ ފުރަތަމަ ލަނޑުޖަހާ ދޮންފަނުން ލީޑުވެސް ނަގާފައިވަނިކޮށް ކިހާދޫ އެއްވަރުކުރީ ދެވަނަ ހާފްގައި އެޓީމްގެ ހުސައިން އީމާން ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑުންނެވެ.
މިމެޗްގައި ދޮންފަނު ޓީމުން މޮޅު ކުޅުމެއް ފެނުނުއިރު ޗެންޕިއަން ކިހާދޫގެ ކުޅުންގަނޑު އެހާ ހިތްގައިމެއްނޫނެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިމެޗްގައި ދޮންފަނުޓީމަށް މޮޅު ކުޅުމެއް ދެއްކި ދޮންފަނު ޓީމްގެ އުއްމީދީ ކުޅުންތެރިޔާ އަހްމަދު އިފްހާމެވެ.
މިމުބާރާތް ހުޅުވުމަށްޓަކައި މިދިޔައަހަރު ކުޅުނު ފުރަތަމަ މެޗްގައިވެސް މިދެޓީމް ވާދަކޮށް މެޗްނިމިފައިވަނީ 1-1ން އެއްވަރުވެގެންނެވެ. ފުރަތަމަ މެޗްގެ ނަތީޖާއާއެކު ދެޓީމްވެސް އޮތީ ޓޭބަލްގެ އެއްވަނާގައި އެއްޕޮއިންޓާއެކުއެވެ.
23 އަހަރުން ދަށަށް ހުޅުވާލައިގެން ބާއްވާ މިމުބާރާތުގައި މިއަދު ބައްދަލުކުރާނީ ގަދަފަދަ ގޮއިދޫއާއި ދަރަވަންދޫއެވެ. ގޮއިދޫ މިއަހަރު މިމުބާރާތުގައި އަލަށް ވާދަކުރާއިރު، ދަރަވަންދޫއަކީ މިދިޔަ އަހަރުގެ ރަނައަޕް ޓީމެވެ.