ހަގީގީ ވާހަކަ – ލޯބީގެ އަނެއް ފަރާތް

o-MOTHER-GAY-SON-facebook.jpg

( ވާހަކަ ލިއުނީ : އައިޝާ )

(މިއީ ހަގީގަތެއްގެ މައްޗަށް ބިނާކޮށްގެން ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ. )

ފައިނާ އަކީ ރީތި ކުއްޖެއްކަން އަމިއްލައަށް ގަބޫލު ކުރެވުނީ އެހެން މީހުން އޭނާގެ ރީތިކަމަށް ތައުރީފު ކުރަން ފެށުމުންނެވެ. އެއްފުރައިގެ ކުދިންނާ ކްލާހުގައިވެސް އޭނާއަކީ އެންމެ ރީތި ކުއްޖާކަމުގައި ފާހަގަ ކުރެވެން ފެށި ފަހުންނެވެ.

މަންމައާއެކު ނުވަތަ ރައްޓެހިންނާއެކު ހިނގާލަން ދާއިރު މީހުންގެ ލޯތައް އަމާޒުވާކަން އިހްސާސްވުމާއެކު ލަދުން އިސްޖަހާލެވުނަސް އެކަމުން ކޮންމެވެސްވަރެއްގެ އުފަލަކާއި ބޮޑާކަމުގެ ނުރައްކާތެރި ލޭގެ ރާޅެއް ހަށިގަނޑުގައި ދަތުރުކުރާހެން ހީވިޔަސް އޭނާއަކީ ބޮޑާ ކުއްޖެއްނޫނެވެ.

މޫނު ބަލާ ލޯގަނޑު ކައިރިއަށް ހުއްޓިހުރެ އަމިއްލަ ސޫރައަށް ނިކަން ފަރުވާތެރިކަމާއެކު ބަލައިލިއެވެ. ކުރިން އޭނާ ލޯގަނޑު ކައިރިއަށް ހުއްޓެނީ ރީތި ވާށެވެ. މޫނާއި އިސްތަށިގަނޑު ބޭނުންގޮތަކަށް ބައްޓަން ކޮށްލާށެވެ. ސޫރައަށް އިންސާފުކުރާކަށް ނޫނެވެ. ނަމަވެސް މިއަދު ލޯގަނޑު ކައިރީގައި އެހެރީ އަމިއްލަ ސިފައިގެ ރީތިކަން ދެކިލުމަށެވެ.

ހީލިއެވެ. މޮޑެލް ކުރާ ކުއްޖަކު ރޭންކްގައި ހިނގާލާފައި ދާއިރު ހީލާހެންނެވެ. އެހީލުމުން ދެތުންފަތް ދުރުވެލިއިރު އަންނާރު އޮއްތަކެއް ކަހަލަ ދަތްތަކުގެ ވިދުން ފުރަތަމަވެސް ފާހަގަ ކުރެވުނެވެ. ރީތި ދިގު އިސްކޮޅެކެވެ. ފަން އިސްތަށިގަނޑު، ހިމަ ހޯލި އިނގިލިތަކުން ދެފަރާތަށް ވިހުރުވާލުމުން އިސްތަށިގަނޑު އޭގެ އަމިއްލަ ބާރުގައި ފަންކާގެ ވަޔާއެކު ދެފަރާތަށް ވިރުވިގެން ދިޔައެވެ. އަނެއްކާވެސް ހީލިއެވެ. ދެކޯތާފައިގައި ދީޕިކާ ޕަޑުކޯންގެ އިންނަކަހަލަ ދެ ޑިމްޕަލް އޭނާގެ ރީތިކަމަށް ތައުރީފްކުރި ކަހަލައެވެ. ފިނިފެންމާ ކުލައިގެ ތުންފަތުގައި ހުރި ފިޔާތޮށިކުލައަކީ ލިޕްސްޓިކްގެ ޖާދޫން އުފައްދާފައިހުރި ނަގްލީ ކުލައެއް ނޫނެވެ. އެއީ ރީތި އަންހެނެއްގެ ތުންފަތުގައި ހުންނާނެ އެންމެ ރީތި ކުލައެވެ.

ވިސްނާލިއެވެ. ޒުވާންކަން ވަށައިގެން ހޯރަ އަޅަނީއެވެ. މީހުންގެ ކަތި ނަޒަރުތަކުން އޭނާ ލަދު ގަންނުވަނީއެވެ.

އެކުގައި ސްކޫލް ނިންމި ކުދިންތައް ބިޓުން ނަގާ ނިމުނުއިރުވެސް އޭނާ ހުރީ ހުހަށެވެ. ބޭނުންވާ ސިފަތައް ހުރި މީހަކު ނުފެނިގެންނެވެ.

އޭނާ ހުރީ އެސިފަހުރި މީހަކު ފެންނާނޭ ދުވަހެއްގެ އިންތިޒާރުގައެވެ.

ފައިނާގެ ރީތިކަމާ އަޅާކިޔޭވަރުގެ ރީތި ނަތީޖާއެއް އޯލެވެލް އިމްތިހާނަކު ނުހޯދުނެވެ. އޭލެވެލް އަށް ވަދެވޭ ވަރުވެސް ނުވީއެވެ. އެހެންވެ ދާން ޖެހުނީ މާލެއަށެވެ. އިތުރަށް ކިޔެވުމަށެވެ.

އެއީ ހަމަ އިއްތިފާގެކެވެ. ވިލާކޮލެޖުން ގަޑި ނިންމާލާފައި އެކުވެރި ދެކުއްޖަކާއެކު އެދުވަހު ނުކުތީ އެމަގުގެ އަތިރިމަތީގައި ހުރި ގާޑިޔަލަކުން ކުރުނބާ ބޯން ދާށެވެ. ބޮޑުތަކުރުފާނު މަގު ހުރަސްކުރީ އެހެންޏާ ވެސް ހުންނަ ސަކަރާތާއެކުގައެވެ. އެކަމަކު ފައިނާގެ މިޒާޖުގައި ހުންނަ އިސްޖަހައިގެން ހިނގުމުގެ އާދައިގެ މަތިން އެދުވަހު ވެސް ނުކުތީ އެގޮތަށެވެ. އެހެންވެ އަނެއް ދެކުދިންނަށްވުރެ އޭނާއަށް ހުރެވުނީ ތަންކޮޅެއް ފަހަތުގައެވެ.

ކުއްލިއަކަށް ހަމަވަރަށް ކައިރިން ސައިކަލެއްގެ ބްރެކްގެ ތޫލި ޗީޒް އަޑުން ސިއްސައިގެން ގޮސް އިސްއުފުލާލެވިއްޖެއެވެ. އޭނާގެ ގައިގާ ސައިކަލް ނުޖެހުނީ ދުއްވަން އިން ކުއްޖާގެ ހުޝިޔާރުކަމުންނެވެ.

“ބަލާލައިގެން ނުކުތް ނަމަ….!” އޭނާގެ މޫނުން ފެނުނު ހާސްކަމަށްވުރެ ފައިނާ އަށް ފާހަގަ ކުރެވުނީ ރީތި ފިރިހެނީ ސޫރައަށެވެ. އެއީ އޭނާ ބޭނުންވެގެން އުޅޭ ސިފައެވެ. ފުރަތަމަ ނަޒަރުންވެސް މަންޒިލް ފެނުނީކަން ދެނެގަންނާކަށް ލަހެއް ނުވިއެވެ.

“މާފަކަށް ނޭދޭނަންތަ؟”

ފައިނާ ސިހިއްޖެއެވެ. މާފަށް އެދެންވީ އޭނާ ހެއްޔެވެ.

“އާނ. ބަލައިނުލާ މަގު ހުރަސް ކުރަން އުޅުނީ. އަހަރެންގެ ކުޅަދާނަކަމުން އެކްސިޑެންޓަކުން ސަލާމަތް މިވީ.” އެސުވާލުގެ ޖަވާބު ލިބުނީއެވެ.

މައާފަށް އެދެން ހިތަށް އެރިއެވެ. އެކަމަކު އެއަށްވުރެ ކުރިން އެކުވެރިންގެ ލާނެތް ހުނުމުގެ އަޑުން ލޯބީގެ މި ފުރަތަމަ މަންޒަރު ނިމުނީއެވެ.

ފައިނާގެ ހުސްހިތުގައި ފުރަތަމަ ފަހަރަށް އިޝްގުގެ ވިންދު ޖަހަން ފަށައިފިއެވެ. އެކަމަކު ރީތި ހުވަފެނެއް ފަދައިން މަދު ސިކުންތުކޮޅުގެ އެބައްދަލު ވުމަށް ފަހު އޭނާ ގެއްލުނީއެވެ.

އެރޭ އިޝްގުގެ ފުރޭތަ ބޮލަށް ސަވާރުވެގެން އިދެ ފައިނާގެ ނިދި އެތައް ކޯހެއްގެ ދުރަށް ގެންދިޔައެވެ. އެނުދަންނަ މީހާ ދެކޭހިތުން އެތައް އިރަކު އެނދުގައި ތެޅިފޮޅެމުން ދިޔައެވެ.

އަނެއް ދުވަހަކީ ބުރާސްފަތި ދުވަހެވެ. ކޮލެޖުން ނިމިގެން ގެއަށް ދާން ނުކުތްތަނާ ފައިނާ ހިނގަމުން އަންނަ މަގުގެ ވާތް ފަރާތުގައި ސައިކަލްގެ ހުންގާނުގައި އަތްއަޅާލައިގެން އެއޮތީ އޭނާ އެވެ. ހަމަސީދާ ފައިނާ އަށް ބަލަހައްޓައިގެންނެވެ.

ލަދުވެތިކަން މި ބައްދަލުވުމަށް ހުރަސް އަޅާފާނެތީ ހަގީގަތުގައިވެސް ފައިނާ ހުރީ ކަންބޮޑުވެފައެވެ. އަލަށް ފެނުނު މީހަކާ އެހާ އަވަހަށް ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއް ނޫންކަމަށް އަމިއްލައަށް ވެސް ވިސްނުނެވެ. އެއީ އޭނާގެ މިޒާޖެއްވެސް ނޫނެވެ. އައި ކޮޅަށް އަނބުރާލީ އެހެންވެއެވެ. އެކަމަކު އޭނާގެ ފަހަތުން އެސައިކަލްގެ އަޑު އިވޭކަހަލަ އެވެ. ފަހަތުން އެބަ އަންނަހެން ހީވެއެވެ.

“ކިހާ ހިސާބަކު ގެ ހުންނަނީ؟” އެއީ އޭނާގެ އަޑެވެ. ސުވާލަށް ޖަވާބުނުދީ އުޅެނިކޮށް އަނެއްކާވެސް  ބުނެފިއެވެ.

“ބޭނުންނަމަ ލިފްޓެއް ދީފާނަން.”

މި ފިރިހެނާގެ ޖެހިލުން ކުޑަކަމާއެކު ފައިނާ އަކީ ތިޔަ ހީކުރާ ވަރުގެ ޗީޕް ކުއްޖެއް ނޫނޭ ބުނަން ހިތަށް އެރިއެވެ.

އެގޮތް ގަބޫލު ނޫންނަމަ ހަމަ އެންމެ މިނިޓަކު މަޑު ކޮށްލުމަށް އެދުނެވެ. އެ އެދުމަށް އޯކޭ އޭ ބުނުމުގެ ގޮތުން ވަގުތުން ފައިނާގެ ފައިގާ ބްރެކް ޖެހިއްޖެއެވެ.

“އެކްސިޑެންޓެއް ނުވެ ސަލާމަތްވީ އަހަރެންގެ ކުޅަދާނަކަމުންނޭ އިއްޔެ ބުނެވުނަސް އެއީ ރަނގަޅު ވާހަކައެއް ނޫން. އެކްސިޑެންޓް ވި. އެތަދުގެ އިހްސާސް އެބަކުރެވޭ މިހާރުވެސް. ރޭ އުޅެން ޖެހުނީ ނިންޖާވެސް ވަރަށް ދުރުގަ.”

ފައިނާ ބަލާލިއެވެ. އެމޫނުން އާ ސިފައެއް ފެނުނެވެ. ޝައުގުވެރިކަމެވެ. ކަމަކަށް އެދުމުގެ ކެތްތެރިކަން ކުޑަކަމެވެ. އެއީ ދަހިވެތި ނަޒަރެކޭ ނުބުނެވޭނެއެވެ. އަހަރެންވެސް އުޅުނީ ތިޔަ ހާލުގައޭ ބުނަން ބޭނުންވިއެވެ.

އޭނާގެ ވޮލެޓުން އެޑްރެސް ކާޑެއް ނަގާފައި ދިއްކޮށްލިއެވެ. ރައްޓެއްސަކަށް ވުމުގެ ޝައުގުވެރިކަމުގައި އެބަހުރިން ކަމުގައި ބުނަމުން ހިނގައްޖެއެވެ.

ކެތްތެރިކަމެއް ނެތި ފައިނާ އެކާޑަށް ހަމައެވަގުތު ބަލައިލި އެވެ.

“އަހްމަދު އައްފާން އަލީ.” މަޝްހޫރު، އެސް އޭއެމް ކުންފުނީގެ ސީއީއޯއެވެ. އެކާޑުގައި މޯބައިލް ނަންބަރާ އޮފީސް ނަންބަރުގެ އިތުރުން އީމެއިލް އަދި ކުންފުނީގެ ވެބް އެޑްރެސް ވެސް އެބައޮތެވެ.

ނިދަން އޮށޯތުމުގެ ކުރިންވެސް ފައިނާ އެކާޑު ކިތަންމެ ފަހަރަކު ބެލިއެވެ.

މިކަހަލަ ކަމެއްގައި އަންހެނުން އިސްނެގުމަކީ ލަދުވެތިކަމަކަށް ވާތީވެ ފޯނު ކުރާކަށް ނުކެރުނެވެ. އެކަމަކު ނިދި ގެއްލި އެތައް ދަމެއް ވޭތުވެގެން ދާން ފެށުމުން ހިތަށް ހަމަޖެހުމެއް ގެނައުމުގެ ގޮތުން އެސް އެމްއެސް އެއް ފޮވުވާލިއެވެ. ”  އަހަންނަކީ  ފައިނާ.”

ސެންޑަށް ޖަހާލިކަމެއް ނޭގެއެވެ. ފޯނު މޮޔަވެގެން ހަޅޭއްލަވަން ފަށައިފިއެވެ. އެއީ އައްފާންއެވެ.

ހާސްވެއްޖެއެވެ. ހަމަޖެހިލެވުނީ ސިކުންތު ކޮޅެއްގެފަހުންނެވެ.

“ހައި.”  ފައިނާގެ އަޑުގައި ހުރި ހާސްކަން އައްފާނަށް ފާހަގަ ކުރެވުނެވެ. ހޭންފެށީ އެހެންވެގެންނެވެ. އެކަމަކު ފައިނާ އެކަމާބެހެ ގޮތުން އެއްޗެކޭ ނުބުނެ އޮތީ އަޑުއަހާށެވެ. ހުނުން ނިންމާލާފައި އައްފާން އަމިއްލަ އަށް ތައާރަަފް ވާން ފެށިއެވެ.

އައްފާނަކީ ދެމަފިރިއެއްގެ ހުރި އެންމެ ދަރިއެކެވެ. މާސްޓަރސް ނިންމާލާފައި މެލޭޝިއާއިން އައިތާ އަދި މިވީ އަހަރެއްހާ ދުވަހެވެ. އުމުރަކީ 28 އަހަރެވެ. ކުއްޖަކާ ރައްޓެހިވެ ބިޓު ކަޓައިގެން އެ “ބަލީގައި” ދުވަސް ކޮޅަކު އުޅެ ހަމައަކަށް އެޅުނުތާ މިހާރު އަހަރެއް ވަނީއެވެ. ބައްޕަ ނިޔާވިޔާ ތިން އަހަރު ވިޔަސް މަންމަގެ މި ރަން ދަރިފުޅާއެކު މެލޭޝިޔާގައި މާސްޓާރސް ފުރިހަމަކުރީ މަންމަ ގެ ހިޔާވަހިކަމުގެ ދަށުގައި ހުރެގެންނެވެ.

އެންމެ ފަހުން މާދަމާ ރޭވެސް ގުޅާނެކަމަށް ބުނެ ފޯނު ކަނޑާލީއެވެ.

އަނެއް ރޭ އައްފާން ގުޅިއެވެ. އެކޯލަށް ފައިނާވެސް ވަގުތު ގުނާލާ ގުނާލާ އިންދައެވެ. ދެމީހުން ގެ ވާހަކަ ދިގު ކުރަމުން ގޮސް އެކަކު އަނެކަކަށް މީރު ކާއެއްޗިއްސާ ހަމައަށްވެސް ދިޔައެވެ.

އެއީ ފެށުމެވެ. ދެރައްޓެހިންގެ ގޮތުގައެވެ. އެކަމަކު އަންހެނަކާ ފިރިހެނަކާ ދެމެދު މާގިނަ ދުވަހަކު ރައްޓެހި ކަމަކަށް ދެމި ނޯވެވޭނެކަން ނޭގޭތީއެއް ނޫނެވެ. ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ދުލުން ފާޅުކުރަން ނުކެރޭ އިހްސާސްތަކާ އިޝާރާތުން ދެމީހުންނަށްވެސް ލޯބި ވެއްޖެކަން ގަބޫލު ކުރެވުނެވެ.

އެ ހަވީރު އައްފާންގެ އަށް ބުރި އިމާރާތުގެ ތިންވަނަ ފްލޯގެ ދޮރުންއެތެރެ ވީއިރު ފައިނާ އަށް ލިބުނު ހައިރާން ކަމާއެކު ބޮޑު ސިންގާ ސިޓިންގެރޫމްގައި އަޅާފައިއޮތް އީރާނީ ބޯ ކާޕެޓާ 60 އިންޗީގެ ކާވް ޓީވީއިން އައްފާންގެ މުއްސަނދިކަމުގެ ވާހަކަ ކިޔައިދެއެވެ.

މާލޭގެ މި ފެންވަރުގެ ގެއެއްގެ ވެރިއަކު ހުންނާނެ ބޮޑާކަމާ ދެއްކުން ތެރިކަމުގެ ބަދަލުގައި އައްފާންގެ މަންމަ ފަރީދާ އައިސް ފައިނާގެ އަތުގައި ހިފާލީ ހިލާފައި ދަރިފުޅާއޭ ކިޔާފައެވެ.

އަމިއްލަ ދަރިއަކާ ވާހަކަ ދައްކާހެން ކައިރީގައި ބައިންދައިގެން ފަރީދާ ވާހަކަ ދައްކަންފެށިއެވެ. އެ ގޭގައި ދިރިއުޅެނީ އައްފާންމެން ދެމައިން އެކަންޏެވެ. ދެން އެމީހުންގެ ނޭޕާލް ނޯކަރެވެ.  މި ފަޅުކަމާ އެކަނިވެރިކަން ނިމުމަކަށް ގެނައުމަށް ދެން މާގިނަ ދުވަހެއް ނަގާނެކަމެއް ނެތެއް ނޫންހޭ ފަރީދާ ބުނެލީ އެއްފަހަރު އައްފާން އަށް އަނެއްފަހަރު ފައިނާ އަށް ބަލަމުންނެވެ.

ފައިނާ ލަދުން އިސްޖަހާލިއެވެ.

ކައިވެންޏާ ހަމައަށް ދިޔައީ އަހަރެއްހާ ދުވަސް ފަހުންނެވެ. ދެފަރާތުންވެސް ވާހަކަ ދެއްކުމަށް ފަހު އަވަސްކުރަން ބާރު އެޅުމުންނެވެ.

ކައިވެނި ޕާޓީ އެހާ ކުލަގަދަ ކުރަން ފައިނާ ބޭނުމެއް ނޫނެވެ. އެކަމަކު އައްފާންގެ އާއިލާ ބޭނުންވީ އެއާއިލާގެ ހަމައެކަނި ފިރިހެން ދަރިފުޅުގެ ކައިވެނި ކަމަށް ވާތީ އާއިލާގެ ގަދަރުވެރިކަން އެކައިވެނިންވެސް ދައްކާލުމަށެވެ. އައްފާން އަށްވެސް އަންނާނެ އެންމެ އުފާވެރި ދުވަސް ކަމަށް ވާތީ އަހަރުގެ އެންމެ ބޮޑު ވެޑިންގ ޕާޓީގެގޮތުގައި ފާހަގަ ކުރާށެވެ. ކަން ނިމުނީ ދެމީހުންގެވެސް މި ކަމުގައި ބާރެއް ނުފޯރުވޭ ގޮތަށް ދަރުބާރުގޭގައި ބޭއްވި އަހަރުގެ އެންމެ ބޮޑު ވެޑިންގ ޕާޓީގެ ގޮތުގައެވެ.

ބ.އަތޮޅު ތުޅާދޫ އާދައިގެ އާއިލާއަކުން އުފަންވި ފައިނާ މާލޭގެ މުއްސަނދި އާއިލާ އެއްގެ ބަހޫއަކަށް ވީއެވެ. ފައިނާއަށް އޭނާ ބޭނުންވާސިފަތައް ހުރި ބައިވެރިއަކު ލިބުނީއެވެ. އައްފާންގެ އެންމެ ރަނގަޅު ސިފައަކީ ފައިނާދެކެ ލޯބިވުމުގައި އިމެއް މިނެއް ނެތް ވަރަށް ލޯބި ވުމެވެ. އެއީ ފައިނާ ބޭނުންވާ ގޮތެވެ. އެފަދަ މީހަކާ ނޫނީ ނީނާނެކަމުގައި އޭނާވަނީ ރައްޓެހިންގެ ގާތުގައި ވެސް ވަރަށް ގިނަފަހަރު ބުނެފައެވެ.

“ބޭނުންވަނީ އަހަންނާހެދި ދީވާނާ ވާ ވަރަށް ލޯބިވާ މީހެއް. ރީތި ހިތްހެޔޮ ރޮމޭންޓިކް މީހެއް” މިއީ އޭނާގެ ފިރިމީހާގެ ތަސްވީރު ކުރެހިގޮތެވެ.

ކައިވެނީގެ ފަހުން ހަނީމޫން އެވެ. މެލޭއިން ސިންގަޕޯރުން ބެންކޮކަށެވެ. މަހަކަށްވުރެ ގިނަ ދުވަސް ހަނީމޫންގައި ހޭދަކުރުމަށް ފަހު މާލެއައިއިރު ދެމީހުން ތިބީ ކައިވެނީގެ އާކަން ކެނޑިފައެވެ.

ދިރިއުޅުމުގެ އާ ބާބެކެވެ. ދެމަފިރިންގެ ގޮތުގައި އާ ދިރިއުޅުމެކެވެ. ވަޒީފާއަކަށް ދާން ފައިނާ ބޭނުންވީ ޒިންމާދާރު އަންހެންކަށް ވުމުގެ ގޮތުންނާއި އަމިއްލަ މަސައްކަތުން ހޯދާ ފައިސާގައި ބަރަކާތްތެރިކަން ބޮޑުވާނެކަމަށް ބަލާފައެވެ. ނަމަވެސް އައްފާން އެގޮތް ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ މަންމަ އާއެކު ގޭގައި އިނުމަށެވެ. އެކަން ގަބޫލުކުރީ ފިރިމީހާއަށް އިހްތިރާމް ކުރުމުގެ ގޮތުންނެވެ.

ކައިވެނީގެ ދޮޅުއަހަރު ފަހުން ފުރަތަމަ ދަރިފުޅު ލިބުމާއެކު އައްފާންގެ އޯގާތެރިކަމާއި އަޅާލުން މާބޮޑަށް އިތުރުވިއެވެ. އިތުރުވީއެއް ނޫނެވެ. ހައްދުފަހަނައަޅާ ދިޔައީއެވެ. އައްފާން ބޭނުންވީ ފައިނާގެ މުޅި ދިރިއުޅުން އެއީ އައްފާންގެ މިލްކަކަށް ހަދާށެވެ. ނޭވާލުމުން ފެށިގެން ފައިނާގެ ކޮންމެ ހަރަކާތަކީވެސް އައްފާންގެ ރިމޯޓުން ކޮންޓްރޯލް ކުރެވޭ ކަންކަމަށް ހަދާށެވެ. އެކަމަކު މިއީ ފައިނާ ބޭނުން ގޮތެއް ނޫނެވެ. އޭނާއަކީ އައްފާންގެ އަނބިމީހާއެވެ. އައްފާންގެ ބައިވެރިޔާއެވެ. މުސާރަ ދީގެން ގެންގުޅޭ ނޯކަރެއް ނޫނެވެ. އެކަން އައްފާން ޖެހޭނީ ގަބޫލު ކުރާށެވެ.

އޭނާ އައްފާން އާ އެމައުޟޫއަށް ވާހަކަ ދެއްކިއެވެ.

“އަހަންނަކީ އައްފާން ކުޅެން ގެންގުޅޭ ގޭމެއް ނޫން. އަނބި މީހާ. އައްފާން އާ އަހަންނަކީ ދެ ޕާޓްނަރުން. ތަފާތަކީ ހަމައެކަނި ޖިންސުގެ ތަފާތު. އެކެއްގެ ބޭނުންތަކަށް އަނެކަކު އިހްތިރާމް ކުރުމަކީ ދެމީހުން ވެސް އެއް ހަމައެއްގައި ކުރަން ޖެހޭ ކަންކަން.” އައްފާން އެވާހަކަ ތައް އަޑުއެހިއެވެ.

އެހެންނަމަވެސް އައްފާންއުޅެ ބޮޑުވީ އޭނާ ބޭނުންކޮންމެ ކަމަކީ ވާންޖެހޭނެކަންތައް ކަމުގެ ނުބައި އާދަ އާއެކުގައެވެ. އެހެންވީމާ ފައިނާ ދެއްކި ވާހަކަ އަޑުއެހިނަމަވެސް އެވާހަކަ ގަބޫލެއް ނުކުރެއެވެ.

ދެންއަންނަންފެށީ އޯޑަރެވެ.

އައްފާން ގޭގައި އުޅޭ ވަގުތު ފޯނު އޮންނަން ޖެހެނީ ނިއްވާލާފައެވެ. ބައްދަލު ކުރަން މީހުން ގެއަށް  އައުމާއި އާއިލާއާއެކު ވަގުތު ކޮޅެއް ހޭދަކުރުން މަނާކޮށްފައި ނުވިނަމަވެސް އެއީ އައްފާން ރުހޭ ކަމެއް ނޫނެވެ. އޭނައަށް ދޭންޖެހޭ ވަގުތުން ބައެއް އެހެން ބަޔަކަށް ހިއްސާ ކުރެވޭތީއެވެ.

މިއީ ބައްޔެކެވެ. އެކަމަކު ފަރުވާ އެއް ނެތް ބައްޔެއް ކަމަށް ފައިނާ ގަބޫލެއް ނުކުރިއެވެ. އެހެންވެ މައި ދައިތައާ ވާހަކަ ދައްކައިގެން ކައުންސިލިންގ ދޭން ނިންމިއެވެ. އެކަން ކުރިއަށް ގެންދިޔައެވެ. އެކަމަކު ނަތީޖާ އެއް ނުނުކުތެވެ.

އައްފާންގެ ޝަކުވާއަކީ އޭނާއަށް ދޭންވާ ސަމާލުކަން ދިނުމުގައި ފައިނާ ފަރުވާ ކުޑަކުރަނީއެވެ. ފައިނާގެ ހިތްހެޔޮ، ހުރިހާ އެންމެންނާވެސް ގާތް ކަމާއެކު ސަމާސާކޮށް އުޅުމުގެ އެމިޒާޖު އައްފާނަށް ކަމަކު ނުދެއެވެ.

އައްފާން އަކީ ނުބައި ފިރިއެއް ނޫނެވެ. ފައިނާ އަށް ޓަކާ އޭނާ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއެވެ. ފައިނާ ބޭނުން ކޮންމެ ކަމެއްގެ އިތުރުން ފައިނާ ބޭނުންވާނެ ހެން ހީވާ އެއްޗެއްވިޔަސް ފައިނާގެ އުނގަށް އަޅާލުމަކީ އައްފާންގެ އެންމެ ބޮޑު އުފަލެވެ. ފައިނާގެ އާއިލާ އާ އޮންނަ ގާތްކަމާ އެހީވުމާއި ދަނބި ކޮޔެއްގެ ވާޖިބު އަދާކުރުމުގައި މިސާލެކެވެ. އެކަމަކު އެމީހުންނާ ބައްދަލުކުރަން ފައިނާ ދިއުމާއި އެމީހުން ފައިނާގެ ގާތަށް އައުމަކީ އައްފާން ގަބޫލުކަމެއް ނޫނެވެ. ފައިނާ އިންނަންޖެހޭނީ 24 ގަޑިއިރު އައްފާންގެ ޚިދުމަތުގައެވެ.

އެއް ދުވަހަކު އައްފާން ބުންޏެވެ.

“ފައިނާ ކޮންކަމަކާ ފިކުރު ކުރަންވީ! ފައިނާ ބޭނުންވަރަކަށް ޚަރަދުކުރުމަށް ފައިސާ އެހެރީ.”

މިއަޑު އިވުމުން ފައިނާގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ.

“ފައިސާއިން ހުރިހާ އެއްޗެއް ގަނެވިދާނެތަ. ހުރިހާ ބޭނުމެއް ފުއްދިދާނެތަ؟ އެހެންވިއްޔާ އަހާ! އަހަރެން ބޭނުމީ އަހަރެމެން ދެމަފިރިންގެ ހަމަޖެހުމާ އުފާވެރިކަން. މިކަން ފައިސާ އިން ގަނެވިދާނެތަ !” އޭނާ އަށް ރޮވިއްޖެއެވެ. ހިތުގައި އަދަމުން ދިޔަ ޝަކުވާގެ ގިނިތައް ކަރުނައިގެ ސިފާގައި އައްފާންގެ ކުރިމައްޗަށް އޮހެން ފަށައިފިއެވެ.

“އަހަރެން އައްފާން އާ އިނީ ފައިސާ އަކަށް ނޫން. ރަނގަޅު ފިރިއަކަށް ވާނޭ ކަމުގެ ޔަގީން ކަމުގައި. ގަބޫލު ސިފަތަކެއް ހުރެގެން ބޭރާއި އެތެރޭގައި ހުންނަނީ އެކައްޗެއް ކަމުގައި ދެކިކޮށްގެން . އަހަރެންގެ އާއިލާ އާ ރައްޓެހިންނަކީ ދޫނުކުރެވޭނެ ބައެއް. އެއީ ﷲ އަހަރެންގެ ލޭގައި އުފެއްދެވި ގުޅުމެއް. އެގުޅުން އަހަރެން ކަނޑާލަން އުޅުނަސް އެކަމެއް ނުވާނެ. އެކަމަކު އަހަންނާ އައްފާންގެ ގުޅުމަކީ އުފައްދައިގެން އުޅޭ ގުޅުމެއް. މި ގުޅުން ބޭނުން އިރަކު ކެނޑިދާނެ. އެހާ ބަލިކަށި ގުޅުމެއް މިއީ.”

ފައިނާގެ ކަރުނަތައް އޭނާގެ ހިއްސުތަކުގައި ގަނޑުފެން އަޅައިފިއެވެ. ވަގުތުން މައާފަށް އެދުނެވެ.

ދިރިއުޅުމުގެ މި ތޫފާނަށް ފަހު ދެން މި ހަމައަކަށް އެޅުނީ ކަމަށް ފައިނާ ހީކުރިއެވެ. މަހެއްހާ ދުވަހު އެގޮތުގައި ވޭތުކުރެވުނެވެ. ނަމަވެސް އައްފާންގެ މޫނުން ތަރުޖަމާކޮށްދެނީ އެއީ އަސްލަށްވުރެ ދެއްކުންތެރި ކަމެއް ކަމުގައެވެ. ނޫނީ ފައިނާ އިތުރަށް ހިތުގައި ޖައްސަން ބޭނުން ނުވަނީއެވެ.

މައްސަލަ ޖެހުނީ އޭގެ ފަހުންނެވެ. ފައިނާގެ ރައްޓެއްސެއްގެ ވެޑިންގ ޕާޓީއަށް ދައުވަތު ލިބުމާއެކު ދެމަފިރިންވެސް ތައްޔާރުވީ އެޕާޓީއަށް ދިއުމަށެވެ. ލުއިލުއި މޭކަޕަކާއެކު ފައިނާ ރީތިވަމުން ދިޔައިރު އައްފާން އޮތީ އޭނާއަށް ބަލަހައްޓައިގެން ޑްރެސިންގ ޓޭބަލް ކައިރީގައި ހުރި އެނދުމަތީގައެވެ.  ފައިނާއަށް މި މަންޒަރު ފެނުމުން ދިރިއުޅުމުގެ އާހިތްވަރެއް ލިބުނެވެ. ކައިވެނީގެ ފަހުން އައްފާން އެގޮތަކަށް ނުބަލައެވެ. ލޯބީގެ ބަސްތަކުން ތައުރީފެއް ނުކުރެއެވެ. އެކަމަކު މިރޭ އެހެރީ ކައިވެނީގެ ކުރިން އޭނާ ދުށް އައްފާންގެ ސިފައިގައެވެ. އައްފާންގެ މި ލޮބުވެރިކަން ފެނިފައި ފައިނާ ހީނލިއެވެ. އެގޮތަށް ހީލުމުގެ ފުރުސަތުވެސް އައްފާން މިދިނީ އެތައް ދުވަހެއްގެ ފަހުންނެވެ.

“ހިތަށް އަރާ އަހަރެންގެ އަނބިމީހާ އަށް ވުރެ ވަކިން ރީތި އެހެން އަންހެނަކު ހުންނާނެ ބާއޭ.” އައްފާން ބުނެލިއެވެ. ފައިނާ ލަދުން އައިސް އައްފާން އާ ބޮނޑިވެގަތެވެ.

ދެމަފިރިން ދަރުބާރުގެއަށް ވަންތަނާ މެހްމާނުންގެ ލޯތައް ފައިނާއަށް އަމާޒުވެއްޖެހެން އައްފާން އަށް ހީވިއެވެ. އެއާއެކު އޭނާގެ މޫޑު ބަދަލު ވެއްޖެއެވެ. އެކަމަކު އެކަން ފައިނާ އަށް ނާންގާ ވޭތޯ މަސައްކަތް ކުރިއެވެ.

ފައިނާއަށް ކޮންމެވެސް މީހަކު ގޮވާލި އަޑު އިވުމާއެކު ދެމީހުންނަށްވެސް ބަލާލެވުނީ އެއް ފަހަރާއެވެ. އެއީ ފައިނާގެ ކޮލެޖް ރައްޓެއްސެކެވެ. ފައިނާވެސް ހިނިތުންވެލާފައި އޭނާ ސަލާމަށް ދިއްކޮށްލި އަތުގާ ހިފައި ސަލާން ބަލައިގަތެވެ.

ފައިނާގެ އެރަހްމަތްތެރިޔާ، އައްފާން އަށް ތައާރަފް ކޮށްދިނެވެ. ދެއެކުވެރިން ނުފެންނަތާ ގިނަ ދުވަސް ވުމުން ވާހަކަ ތަންކޮޅެއްދިގުވީއެވެ. އިތުރު ކަމެއް ހިނގީއެއް ނޫނެވެ. އެހެންނަމަވެސް އައްފާންއަށް ކެތެއް ނުކުރެވުނެވެ. ދަނީއޭބުނެ ފައިނާގެ އިޒުނައަކަށްވެސް އެދުމެއްނެތި އެ މަހެފިލުންވެސް ނުކުމެގެން ދިޔައީއެވެ.

ފައިނާ ވަރަށް ލަދު ގަތެވެ. ގާތް ރައްޓެއްސެއްގެ ކުރިމަތީގައި ބޭޒާރުވުމާއެކު އައްފާންގެ މި ގޮތެއް ނެތް އަމަލުގެ ސަބަބުން އައްފާން ދެކެ ފާޑަކަށް ފޫހިވެއްޖެއެވެ. އައްފާން އާއެކު މިއަށްވުރެ ދުރަށް ދެވިދާނެ ކަމާމެދު ސުވާލު އުފެދިއްޖެއެވެ.

އޭނާ ނިންމީ އައްފާންގެ ގާތުން ވަކިވާށެވެ. ކޮށްޓެއްގައި ބަންދުކޮށްފައިއިން ދޫންޏެއްގެ ހައިސިއްޔަތު ލިބިގެން ދިރިއުޅުމަކީ ދިރިއުޅުމެއް ނޫނެވެ.

ގެއަށް ވަދެ މައިދައިތަގެ ގާތުގައި އެވާހަކަ ދައްކައިފިއެވެ.

ހީކުރި ގޮތާ ޚިލާދަށް މައިދައިތަ މިކަން ސީރިއަސް ކަމަކަށް ނުނެގިއެވެ. އޭގެ ބަދަލުގައި މައިދައިތަ ފައިނާއަށް ވިސްނައިދވޭތޯ އުޅުނީ ދިރިއުޅުމުގައި އެކި މީހުންނަށް ކުރިމަތިވާނީ އެކި ކަހަލަ އިމްތިހާން ކަމާއި ކޮންމެ ދިރިއުޅުމަކީވެސް މައްސަލަ ފުންޏެއް ކަމުގައެވެ.

“ދިރިއުޅުމުގައި މައްސަލަ ނުޖެހި އުޅުމަކީވެސް މައްސަލަ އެއް. އެއީ ދިރިއުޅުމަކަށް ނުކިޔާނެ.” ފަރީދާ ބުންޏެވެ. ދިރިއުޅުމުގެ ކަނޑަށް ހަމަނުކުންނައިރަށް ތިމާ ހިތްހަމަޖެހޭ ގޮތަށް އޮޔާއި ވައި ހުންނަނަމަ ދިރިއުޅުމުގެ ހަގީގީ މީރުކަމެއް ދުވަހަކުވެސް ނުލިބޭނެކަމުގައި މައި ދައިތަ ބުންޏެވެ. “ދާށެވެ.! ދިރިއުޅުމާ ކުރިމަތިލާށެވެ.! އައްފާން ގާތުގައި ތިޔަ ވާހަކަ ދައްކަން ޖެހޭނީ ފައިނާ. ތިޔައީ ދެމަފިރިންގެ މައްސަލައެއް.” އޭނާ ފައިނާ ފޮނުވާލައިފިއެވެ.

ކޮޓަރިއަށް ވަން އިރު އައްފާން އޮތީ އެދުމަތީގައި އެއްޗެތިވެސް ބަދަލުނުކޮށް ޕާޓީން އައި ގޮތަށެވެ.  ފައިނާ އައިސް އެނދުގައި އިށީނުމާއެކު އައްފާން ތެދުވެއްޖެއެވެ. އޭނާއަށް ކުރެވުނީ ރަނގަޅުކަމެއް ނޫންކަމާއި ދެން އެފަދަކަމެއް ދުވަހަކުވެސް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ދެމުން ފައިނާގެ ކިބައިން މައާފަށް އެދުނެވެ. އެހެންނަމަވެސް މި ފަހަރު ފައިނާ އައްފާން އަށް މައާފް ދިނީ މިއީ ފަހު ޗާންސް ކަމަށް ހަނދާން ކޮށްދީފައެވެ.

އޭގެ ފަހުން އަނެއްކާވެސް ދުވަސްކޮޅެއްގެ ހިމޭންކަން އެދިރިއުޅުމުގައި ވޭތު ވެގެން ދިޔައެވެ. އެއީ އެކަމަކު މައްސަލަ ޖެހެން މެދުވެރިވާ ހުރިހާ ކަމަކާ ވަކިވެ ހަމައެކަނި ގޭގައި އިންނާތީއެވެ.

އެއްދުވަހަކު އައްފާން އޮފީސް ނިންމާލާފައި ގެއަށް އައިއިރު ފައިނާ އިނީ ގޭގެ ލައިން ފޯނުގައި މަންމައާ ވާހަކަ ދައްކާށެވެ.

އޭނާގެ ފޯން ނިއްވާލާފައި އޮންނާތީ މަންމަ ގުޅަނީ ގޭގެ ލައިން އަށެވެ. މަންމާ ކިޔާފައި ވާހަކަ ދައްކާތީ އައްފާން އަށްވެސް އެއީ މަންމަ ގެ ފޯނެއްކަން އެނގެއެވެ. އައްފާނަށް ކެތްކޮށްލެވުނީ ފަސް މިނިޓެއް ހައި އިރަށެވެ. އަދިވެސް ނިމޭކަށް ނޫޅޭހޭ ކިޔާ ހަޅޭއް ލަވައި ގަތީއެވެ.

އެއަޑު ބާރުކަމުން ބަދިގޭގައި ކައްކަން ހުރިނޯކަރާ ކޮޓަރީގައި އުޅުނު ފަރީދާވެސް ސިޓިންގ ރޫމަށް ނުކުތެވެ. ފައިނާއަށް ލިބުނީ ޝޮކެކެވެ. އޭނާ އަށް ރޮވިއްޖެއެވެ. ފިރިމީހާގެ މި ބޭއަދަބީ ބަސް މަގުގެ ހުތުރުކަމަށް މައާފްކުރާކަށް ބޭނުމެއް ނުވިއެވެ. އެ ދަރަޖައަށް ފިރިމީހާގެ އަމަލުތައް ދަށްވެގެން ދާނެކަމަށް އޭނާ ހީއެއް ނުކުރެއެވެ. ފައިނާ ވާހަކަ ދެއްކީ އުފަން މައިމީހާ އަށެވެ. މަންމަ ހީކުރާނީ ކީކޭ ހެއްޔެވެ.

ހަމަވަގުތުން ކޮޓަރިއަށް ވަދެ އަލަމާރި ހުޅުވާފައި އަންނައުނު ކޮޅު ދަބަހަށް އަޅަން ފެށިއެވެ. ފައިނާ ގެއަށް ދިއުމަށް ތައްޔާރުވަނީއެވެ. ދަރިފުޅު އުރާލައިގެން ކޮޓަރިން ނުކުމެ ލިފްޓާ ދިމާއަށް ދަނިކޮށް މައިދައިތަ އެކަން ހުއްޓުވަން މަސައްކަތް ކުރިއެވެ. ފައިނާ ބުނެލީ އެންމެ ބަހެކެވެ.” މިއީ އަހަރެންގެ ފަހަރު. އަހަރެން ނުހުއްޓުވާތި. ދަރިފުޅަށްޓަކާ ދުނިޔޭގައި ހުންނަން އެބަޖެހޭ. އެހެންކަމަށް ވާނަމަ މި ދިރިއުޅުން ދޫކޮށްލުން ނޫން އެހެން ގޮތެއް ނެތް. މާފް ކުރާނެކަމަށް ހީކުރަން.”

އައްފާން ހުރީ އަދިވެސް އެރުޅީގައެވެ. އޭނާގެ މަންމަ އައްފާންގެ ގާތުގައި ފައިނާ ހުއްޓުވަން އެދި އާދޭސް ކުރަނީއެވެ. އެކަމަކު އައްފާނަށް އެއަޑު އިވޭހެން ހީއެއް ނުވެއެވެ. ގަނޑުވެފައިވާ މީހެއް ފަދައިން އޭނާ ހުރީ ނަޒަރުން ގެއްލެމުންދާ އަނބިމީހާއާއި ކުޑަދަރިފުޅަށް ބަލަހައްޓައިގެންނެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top