ރޯދައިގެ ކުރިން އޭދަފުށީގެ ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުކުރެވޭތޯ އެބަބަލަން – ކައުންސިލް

އޭދަފުށީ އިންޖީނުގެ. ރޯދައިގެ ކުރިން އޭދަފުށީގެ ކަރަންޓްގެ މައްސަލައަށް ހައްލެއް ހޯދަންޖެހޭކަމަށް އޭދަފުށީ ކައުންސިލުން ބުނޭ / އީވީ ފޮޓޯ: އަލީ އިމާދު

އޭދަފުށީ އިންޖީނުގެ. ރޯދައިގެ ކުރިން އޭދަފުށީގެ ކަރަންޓްގެ މައްސަލައަށް ހައްލެއް ހޯދަންޖެހޭކަމަށް އޭދަފުށީ ކައުންސިލުން ބުނޭ / އީވީ ފޮޓޯ: އަލީ އިމާދު

އޭދަފުއްޓަށް ދިމާވެފައިވާ ކަރަންޓް ކެނޑުމުގެ މައްސަލަ ރޯދައިގެ ކުރިން ހައްލުކުރެވޭތޯ ކަމާބެހޭ ފަރާތްތަކާއެކު ވަރަށްބޮޑަށް މަސައްކަތް ކުރަމުންދާކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.

އޭދަފުށީ ކައުންސިލުން ބުނީ އޭދަފުށީގެ ކަރަންޓްގެ ހާލަތު މިހާރުހުރި ގޮތުން ރޯދަމަހު ކަރަންޓްގެ ހިދްމަތް މުޅިރަށަށް ފޯރުކޮށްދިނުމުމުގައި ދަތިތަކަކާ ދިމާވެދާނެ ކަމަށްޓަކައި ކަމާބެހޭ ފަރާތްތަކާއެކު އަބަދުވެސް މަޝްވަރާ ކުރެވޭކަމަށާ، މިހާރުވެސް އެކަން ކުރިޔަށްދާކަމަށެވެ. އޭދަފުށީ ކައުންސިލްގެ ރައީސް އަލީ ވަހީދު ވިދާޅުވީ ފުރަތަމަ ކައުންސިލުން ބަލަނީ ފެނަކައިން މިކަމަށް ގެންނަ ހައްލުކަމަށާ، ދެވަނަ ވިސްނުމަކާމެދުވެސް މިހާރު ހިޔާލުކުރެވެމުންދާކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ގޮތަކުންނަމަވެސް އޭދަފުއްޓަށް 500 ކިލޯއަށްވުރެ ކުޑަނޫން ޖަނަރޭޓަރެއް މިވަގުތު ވަރަށް މުހިއްމުކަމަށެވެ.

” 500 ކިލޯއަށްވުރެ ކުޑަނޫން ޖަނަރޭޓަރެއް ރޯދައަށް ނުބެހެއްޓިއްޖެނަމަ ކަރަންޓްގެ ހިދްމަތާމެދު ސުވާލުއުފެދޭނެ. ކަރަންޓްގެ ހިދްމަތް މެދުނުކެނޑޭނެއެކޭ އަޅުގަނޑު ނުބުނާނަން ރޯދަމަހަކު. އެހެންވީމާ ފެނަކަ އިން ކުރަމުންދާ މަސައްކަތްވެސް މިދަނީ ބަލަމުން. އަދި ކައުންސިލުން ވަކިން މިކަމާމެދު ގޮތެއް ހަމަޖެއްސޭތޯ ބަލަމުން އެބަދަން. ވަރަށްބޮޑަށްހީވޭ އަލިމަގެއް ފެންނާނެހެން” އަލީ ވަހީދު ވިދާޅުވިއެވެ.

އޭދަފުށީ އިންޖީނުގޭގައި ބޭނުންކުރާ ޖަނަރޭޓަރުތައް ކުދިވުމުގެ ސަބަބުން މިދިޔަ ދެއަހަރެއްހާދުވަހުގެ ތެރޭގައި ދޭތެރެދޭތެރެއިން ރަށުގެ އެކިހިސާބުތަކުން އަދި މުޅިރަށުންވެސް ކަރަންޓްކެނޑުމުގެ މައްސަލަ ދިމާވަމުންދެއެވެ.

24 ގަޑިއިރު ކަރަންޓް ޔަގީންކޮށްދިމުގެ ޕްރޮޤްރާމްގެ ނަމުގައި ފެނަކައިން މީގެ ދެމަހެއްހާ ދުވަސްކުރިންވަނީ ރާއްޖޭގެ ރަށްރަށުގެ ކަރަންޓްގެ ހިދްމަތް މަތިކުރުމަށް 77 ޖަނަރޭޓަރު ގެނައުމަށް ބަޔަކާ ހަވާލުކޮށްފައެވެ. އޭގެތެރެއިން 600 ކިލޯވޮޓްގެ 1 ޖަނަރޭޓަރު ރޯދައިގެ ކުރިން އޭދަފުއްޓަށް ގެންނާނެކަމަށްވެސް އަޑުތައް ފެތުރެމުން ދެއެވެ.

1994 ވަނައަހަރުން ފެށިގެން ސްޓެލްކޯއިން އަދި މިހާރު ފެނަކައިގެ ކުޑައިގެ ދަށުން ހިދްމަތް ފޯރުކޮށްދެމުންގެންދާ އޭދަފުށީ އިންޖީނުގޭގެ މިހާރުގެ ލޯޑް ކެޕޭސިޓީއަކީ 750 ކިލޯވޮޓްއެވެ. އޭދަފުށީގެ އިތުރުން ފެނަކައިން ބ. އަތޮޅުގެ މީހުންދިރިއުޅޭ އެހެންރަށްރަށަށްވެސް ދަނީ ކަރަންޓްގެ ހިދްމަތް ފޯރުކޮށްދެމުންނެވެ.

Share this post

PinIt
scroll to top