ހައުސިން މިނިސްޓަރ ދެއްވީ އުއްމީދީ ޖަވާބުތަކެއް – ރައީސް ތޮލާލް

image-0-02-06-49216bb2d46b47cbd67d6975af7d4183e1e79a470f3f83f2ea76c9627624be3f-V-1.jpg

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް، ހައުސިން މިނިސްޓަރ މުއާޒް އާ ބައްދަލު ކުރެއްވުން - ފޮޓޯ : ތޮލާލް

އޭދަފުށީގެ ތަރައްޤީގެ މަޝްރޫއުތަކާ މެދު، ހައުސިން މިނިސްޓަރގެ ފަރާތުން އުއްމީދީ ޖަވާބުތަކެއް ލިބިއްޖެކަމަށް އޭދަފުށި ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން ވިދާޅުވެއްޖެއެވެ.

އޭދަފުށިގެ ތަރައްޤީގެ ބައެއް މަޝްރޫއުތަކާމެދު އުފެދިފައިވާ ކަންބޮޑުވުންތައް ހިއްސާކުރުމަށް އިއްޔެ ތޮލާލް ވަނީ ހައުސިންގް މިނިސްޓަރ ޑރ މުއިއްޒުއާއި މާލޭގައި ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމަށްފަހު އީވީއާ ވާހަކަ ދައްކަވަމުން ތޮލާލް ވިދާޅުވީ ހައުސިންގް މިނިސްޓަރަށް ހުށައެޅުއްވި މައިގަނޑު މައްސަލަތަކަކީ އޭދަފުށިގެ މަގުހެދުމުގެ މަޝްރޫއާއި، ގޯތިގެދޮރު އަދި އާ ބަނދަރެއް ހެދުމާބެހޭ ގޮތުން ރައްޔިތުންގެ ކަންބޮޑުވުންތައްކަމަށެވެ. އޭނާ ވިދާޅުވީ މިމައްސަލަތަކާމެދު މިނިސްޓަރގެ ހިޔާލުފުޅު ހުރީ ވަރަށް ޕޮޒިޓިވްކޮށް ކަމަށާ، އުއްމީދީ ޖަވާބުތަކެއް ލިބުނު ކަމަށެވެ.

“މައިގަނޑު މައްސަލައަކަށް ހުށައެޅީ މަގުހަދާއިރު ޕޭމަންޓް ފުޅާވުމުގެ މައްސަލަ، ދެން ޕާކިންގް ޒޯންތަކެއް ނެތުން، ދެން އިތުރު މަގުތަކެއްގައި ތާރު އެޚުމާބެހޭގޮތުން. ގޯތި ދޫކުރުމާ، ހައުސިންގް ޔުނިޓް މައްސަލައާ، އާ ބަނދަރުގެ މަސައްކަތާ ބެހޭގޮތުންވެސް މަޝްވަރާ ކުރެވުނު. ވަރަށް އުއްމީދީ ޖަވާބެއް ދެއްވީ ހުރިހާ ކަމަކަށްވެސް.” ތޮލާލް ވިދާޅުވިއެވެ.

މިނިސްޓަރާ ހަވާލާދީ ތޮލާލް ވިދާޅުވީ ތާރު އެޅުމަށް އިތުރު މަގުތަކެއް ހަމަނުޖެހުނު ނަމަވެސް ރައްޔިތުން އެދޭގޮތަށް ބައެއް މަގުތަކަށް ބަދަލުގެނައުމަކީ ވެދާނެކަމެއްކަމަށާ، އެކަންކަމާމެދު އިތުރަށް މަޝްވަރާކޮށް ގޮތްނިންމުމަށް އެދުނުކަމަށެވެ. އަދި މިއަހަރު ބަޖެޓް ކުރެވިފައިވާ 100 ހައުސިންގް ޔުނިޓްގެ މަސައްކަތްވެސް ވަރަށް އަވަހަށް އިޢްލާން ކުރެވޭތޯ ބައްލަވާނެކަމަށް ވިދާޅުވިކަމަށްވެސް ތޮލާލް ވިދާޅުވިއެވެ.

“ހަމައެގޮތަށް އާބަނދަރުވެސް އަންނަ އަހަރުގެ ބަޖެޓްގައި ހިމެނޭތޯ ކަމާބެހޭ ބޭފުޅުންނާ މަޝްވަރާ ކުރައްވާނެކަމަށް ވިދާޅުވީ. އަޅުގަނޑަށް ޔަގީން ކުރެވޭ އޭދަފުށި ރައްޔިތުން އެދޭކަންކަމަށް އެދެވޭ ހައްލެއް ހައުސިންގް މިނިސްޓަރ ގެނެސްދެއްވަން މަސައްކަތް ކުރައްވާނެކަމުގެ” ޕީޕީއެމްގެ ފަރާތުން ކައުންސިލަށް ހޮވިވަޑައިގަތް ތޮލާލް ވިދާޅުވިއެވެ.

ތޮލާލް ވިދާޅުވީ ހައުސިންގް މިނިސްޓަރަށް ހުށައެޅުނު މައްސަލަތަކާމެދު ކައުންސިލުން އިތުރަށް މަޝްވަރާ ކުރަމުންދާނެކަމަށާ، އެހެން ދާއިރާތަކުގެވެސް ރައްޔިތުންގެ ކަންބޮޑުވުންތައް ކަމާބެހޭ ފަރާތްތަކަށް ހުށައެޅުމަށް ކައުންސިލުން ތައްޔާރުވަމުން އަންނަކަމަށެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top