“އީދުބޭ” އަރާނީ ހިތާދުއަށް އެކަނި

kcf.jpg

ހިތާދޫގައި މީގެ ކުރިން އެރި "އިދުބޭ" އެރަށުގެ މަގުތަކުގައި ހިނގާފައިދަނީ. މި ކުޅިވަރު ބ. އަތޮޅުގައި ހަމައެކަނި ބާއްވާ ރަށަކީ ހިތާދޫ / ފޮޓޯ: އަބްދުﷲ

މިއަހަރުގެ އަޟްހާ އިދުގެ ފޯރީގެ ތެރެއަށް އަތޮޅުގެ ރަށްރަށުގެ ރައްޔިތުން ގެނބެމުންދާއިރު، ކޮންމެ ރަށަކުންވެސް ކާބަފައިން ކޮށްފައިވާ ގަދީމީ ކޮންމެވެސް މޮޅުކަމެއް ކޮށްނުލާ ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ.

އެގޮތުން ބ. އަތޮޅުގެ ދޮންފަނުގައި މިއީދުގައި ރަދުން ހިއްޗަށް ވަޑައިގަންނަވާ ކުޅިވަރު ބާއްވާނެކަން އިއްޔެ ވަނީ ހާމަވެގެން ގޮސްފައެވެ. މިއަދު ބ. ހިތާދޫން ލިބުނު ހަބަރަކީ އެރަށުގެ އީދު ކުޅިވަރު ފެށޭނީ އީދު ދުވަހުގެ ފަަތިސްނަމާދަށްފަހު އެރަށުގެ މޫދުން އަރައިގެން އަންނަ ބޮޑު މީހާ “އީދުބޭ” އެރަށަށް އަރައި ރަށުގެ މަގުތަކުގައި ބާއްވާ ޕެރޭޑަކަށް ފަހު ކަމަށެވެ. އީދުބޭއަކީ އެރަށަށް އީދު އައިސްފިކަން އަންގައިދިނުމަށް އެރަށުގެ ކާބަފައިން މީގެ އެތައް އަހަރެއްކުރިން ކުޅެމުން އަންނަ ކުޅިވަރެކެވެ. ފަނުންނާއި، އެހެނިހެން އާލާތްތައް ބޭނުންކޮށްގެން ހަދާ އީދުބޭގެ އިސްކޮޅުގައި އަށްފޫޓާ ދިހަފޫޓާ ދެމެދުގެ އަދަދެއް ހުންނައިރު އެބޭ ހިނގާފައި ރަށުތެރޭގައި ދާނީ އޭގެ ތެރެއަށް މީހަކު އެރިހުރެގެން ކަމަށް ހިތާދޫ ކައުންސިލުން ބުނެއެވެ.

މިދިޔަ އަހަރު ހިތާދޫގައި އަޟްހާ އިދު ފާހަގަކުރުމަށް ސަގާފީ ކުޅިވަރެއް އެރަށު މަގުމަތީގައި ކުރިޔަށް ގެންދަނީ. މިއަހަރުވެސް ސަގާފީ ކުޅިވަރުތައް އޮންނާނެކަމަށް ބުނޭ / ފޮޓޯ: ފޭސްބުކް

ހިތާދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ ވާފިރު ހާރޫން އީވީއަށް ވިދާޅުވީ އީދު ފެށުމުގެ ގޮތުން އީދުބޭ ރަށަށް އަރައި، ބޮޑުބެރުގެ ހަރަކާތަކާއެކު އިދުބޭ ރަށުގެ ބޮޑެތި މަގުތަކުގައި ހިނގާނެއެވެ. އޭނާ ބުނީ ބ. އަތޮޅުގައި ހަމައެކަނި މިކުޅިވަރު އަދި ކުޅެމުންއަންނަނީ ހިތާދޫގައިކަމަށާ، މިއީ އެރަށުގެ ކާބަފައިން މީގެ އެތައް އަހަރެއްކުރިން އުފައްދައި ކުޅެމުން އަންނަ ކުޅިވަރެއްކަމަށެވެ.

“ވަރަށް ގިނަ ބަޔަކު ޝައުގުވެރިވޭ މިއައިޓަމަށް ކޮންމެ އަހަރަކުވެސް. އީދުބޭ ފަތިސްނަމާދަށްފަހު ރަށުތެރެއަށް އަރައިގެން އަންނާނީ ހުޅަނގު ފަރާތު މޫދުން. އިދުބޭ އެރުމަކީ ރަށަށް އީދު އައީކަން އަންގައިދިނުން. މީގެ ބައިގަރުނު ކުރިންވެސް މިކުޅިވަރު ހަމަ މިގޮތަށް ކާބަފައިން ކުޅެމުން އާދޭ. އަޅުގަނޑަށް އެނގޭ ގޮތުގައި މިކުޅިވަރު ރާއްޖޭގައިވެސް މިކުޅެނީ މިރަށުގައި އެކަނި” ވާފިރު ވިދާޅުވިއެވެ.

ބ. ހިތާދޫގެ އީދު ކުޅިވަރުގެ ތެރެއިން މިދިޔަ އަހަރު / ފޮޓޯ: ފޭސްބުކް

ވާފިރު ވިދާޅުވީ އީދުގެ ކުޅިވަރު ތަކުގެ ތެރޭގައި މިއަހަރުވެސް ބޮޑަށް ފާހަގަވެގެންދާނީ ސަގާފީ ކުޅިވަރުތައް ކަމަށާ، ޒަމާނީ ކުޅިވަރުތައްވެސް ކުރިޔަށް ދާނޭކަމަށެވެ.

“މިއަހަރުވެސް އޮންނާނެ ސަގާފީ ކުޅިވަރު، އޭގެތެރޭގައި ލަނގިރި، ދަފި، ގާއޮޑި ލަވަ، ބޮޑުމަސް ބޭނުން ކަހަލަ ކަންކަން އޮންނާނެ. މިކަންކަމުގައި ޒުވާނުންނާއި، ހަރުމީހުންނެކޭ އެއްގޮތަށް އުމުރުން ދުވަސްވީ މީހުންވެސް ބައިވެރިވެގެން ކުރިޔަށް ދާނީ. ފުޓްބޯޅަ އާއި ބަށި މުބާރާތެއްވެސް އެބައޮތް”

ހިތާދޫގެ މިދިޔަ އަހަރުގެ އީދު ކުޅިވަރުގެ ތެރެއިން / ފޮޓޯ: ފޭސްބުކް

ވާފިރު ވިދާޅުވީ އީދުގެ ކުޅިވަރުތައް ކުރިޔަށް ގެންދިއުމުގައި އެރަށުގެ ޔޫތު ވިންގް ޖަމިއްޔާއާއި، ހެޔޮއެދޭ ޒުވާނުން ވަރަށް ބޮޑު ދައުރެއް އަދާކުރަމުން އަންނަ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top