ބ. ގޮއިދޫން އަހްމަދު ރިޔާޒު
ބ. ގޮއިދޫގައި އުފެދޭ ކުނި މެނޭޖްކުރުމަށް އެރަށުގައި އަޅާ ވޭސްޓް މެނޭޖްމަންޓް ސެންޓަރު (ކުނިކޮށި) އަންނަމަހުގެ ތެރޭގައި ނިމި ޚިދްމަތް ދޭން ފެށޭވަރުވާނޭކަމަށް ގޮއިދޫ ކައުންސިލުން ބުނެފިއެވެ.
ގޮއިދޫގެ އަމިއްލަ ކުންފުންޏެއްކަމުގައި ބްރަދާސް މޯލް އިންވެސްޓްމަންޓާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މިމަޝްރޫއުގެ އަގު 9 ލައްކަ ރުފިޔާއަށްވުރެ ބޮޑެވެ. ގޮއިދޫ ކައުންސިލުން ބުނީ ސަރުކާރުގެ ހަރަދުގައި އަލަށް އަޅާ ކުނިކޮށީގައި ދަޅުފިއްތާ މެޝިނާއި، ބިއްލޫރި މުގުރާ މެޝިންފަދަ އާލާތްތަކާއި، ގަސްކާނާ ނުވަތަ ކާދު ހެދުމަށް ބޭނުންވާ ބެޑްތައް ހަދާނެކަމަށް ކަމަށެވެ. އެކައުންސިލް މެމްބަރ އިލިޔާސް އިބްރާހީމް ވިދާޅުވީ ކުނިކޮށީގެ ބޮޑެތި މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާ، ރޯދައިގެ ކުރިން ކުނިކޮށި ބޭނުންކުރަން ފެށޭވަރުވާނޭކަމަށެވެ.
“ބޮޑުބައި ނިމިފަ މިހާރު އެއޮތީ. ދެން ހުރި މަސައްކަތްތައް އަންނަމަހު ތެރޭގައި ނިމޭނެކަމަށް މިބަލަނީ. އަޅުގަނޑުމެން އަމާޒުކުރަނީ އަންނަރޯދައަށް އާކުނިކޮށި ހިދްމަތް ފެށުމަށް” އިލިޔާސް ވިދާޅުވިއެވެ.
އިލިޔާސް ވިދާޅުވީ އާ ކުނިކޮއްޓާއެކު ރަށުގެ ކުނި މެނޭޖް ކުރުމަށް އިންގިލާބީ ބަދަލެއް އަންނާނެކަމަށާ، އެކަމުގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ރަށަށް ލިބޭނެކަމަށެވެ. 800 އެއްހާ މީހުންގެ އާބާދީއެއް އޮތް ގޮއިދޫގައި މިވަގުތު ގޭގެއިން ކުނިނެގުމާ، ކުނިކޮށި މެނޭޖްކުރަމުންގެންދަނީ އެރަށުގެ އަމިއްލަ ބަޔަކާ ކޮންޓްރެކްޓަށް ހަވާލުކޮށްގެންނެވެ.