ވިސްނާލަމާ : އިލޮށިފަތި ދޫކޮށްލާކަށް ނުވޭބާ!

l_786730.jpg

ލިޔުނީ: އަހްމަދު ނަދީމް

ކޮންމެ ގައުމެއްގައިވެސް އެބަޔަކު ޤަބޫލުކުރާ ސަގާފަތެއް އޮވެއެވެ. އެގޮތުން އަޅުގަނޑުމެންގެ ގައުމު ކިތައްމެ ކުޑަނަމަވެސް މުއްސަދި ސަގާފަތެއް އޮވެއެވެ. ސަގާފީގޮތުން ގެންގުޅޭ ރީތި އާދަތަކެއް ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް ގެނެސްދެއްވާފައިވެއެވެ. އެގޮތުން މިދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުންވެސް ސާފުތާހިރުކަމަށް ލޯބިކުރާ ރައްޔިތެއް އުޅޭ ގައުމެކެވެ. މުތްތަކެއް ފަދަ ރަށްތަކުގެ އަތިރިމަތި ސާފުކޮށް ބަލަހައްޓަނީ ފިސާރި މުރާލި އަންހެން ކަނބަލުންނެވެ.

ގެއާއި ގޯތިތެރެ އަދި ވަށައިގެންވާ މަގުތައް ކުނިކަހާ ސާފުކޮށް ބަލަހައްޓަން ގެންގުޅޭ އެންމެ މުހިއްމު އާލާތަކީ އިލޮށިފައްޗެވެ. ޒަމާނުންސުރެ އަހަރެމެންނަށް އިލޮށިފަތި ކޮށްދެމުންދާ ޚިދުމަތް ބަލައިގަންނަނީ ފަހުރު ވެރިކަމާއެކުގައެވެ. އިލޮށިފަތީގެ ސަބަބުން އަހަރެމެންގެ ލޫޅާފަތި އަންހެން ކަނބަލުންގެ ސިއްހަތަ ގެއްލުންދޭކަމަށް ޤަބޫލުކުރަނީ ކިތައް ބޭފުޅުން ބާވައެވެ.

އަޅުގަނޑުމެންގެ ތެރޭގައި ބޭރު ގައުމުތަކަށް ދަތުރުކޮށްފައިވާ ބޭފުޅުން ވަރަށް ގިނައެވެ. ދުނިޔޭގެ އެއްވެސް ގައުމަކުން މިފަދަ މަންޒަރެއް (ގުދަށްއޮވެގެން ކުނިކެހުން) ދެކިލެއްވިންތޯއެވެ.

އިލޮށިފަތި ބޭނުންކޮށްގެން ދިވެހި އަންހެނުން ކުނިކަހާގޮތާއިމެދު ވިސްނާލަނީ ކިތައް ބޭފުޅުން ބާވައެވެ. ކަސްރަތު އިންސްޓްރަކްޓަރުން މައުލޫމާތު ދެއްވާގޮތުގައި ކަސްރަތު ކުރާއިރު މައިކަށި ސީދާކޮށް ބެހެއްޓުމަށް ވަރަށް ބޮޑަށް ބާރުއަޅައެވެ. އަދި ކަސްރަތު ކުރާއިރު ކަކުލަށް ވީހާވެސް ދޫދީގެން ކަސްރަތު ކުރުމަށް ލަފާދެއްވައެވެ. ނަމަވެސް އިލޮށިފަތި ބޭނުންކޮށްގެން ކުނިކަހާއިރު މައިކަށްޓާއި ކަކުލަށް ވަރަށް ބުރަކަން އިހުސާސް ކުރެވޭނެއެވެ. ގިނަފަހަރަށް ކުނިކަހަން އޮންނައިރު އެއްފައި މައްޗަށް ބުރަވާގޮތަށް  އޮވެވޭކަމަށް ގަބޫލުކުރެވޭތޯއެވެ. ހަށިގަނޑުގެ ގުނަވަންތަކަށް ސަމާލުކަންދީ އެގުނަވަންތަކަށް ގެއްލުން ނުވާނެހެން ކުނިކެހުމަށް ސަމާލުކަން ދެވެނީ ކިހާ މިންވަރަކަށް ބާވައެވެ.

ދިވެހި އަންހެނުންގެ ތެރެއިން ގިނަ ބަޔަކު ދެބައި އުމުރަށްދާއިރު ކަކުލުގައި ރިއްސުމާއި އުނަގަނޑުގައި ރިއްސާތީ އުޅޭކަން ފާހަގަ ނުވޭތޯއެވެ. އެކަންކަމާއި ގުޅިގެން ޑޮކްޓަރަށް ދައްކާއިރު މައިކަށީގެ ޑިސްކެއް ގުޑިފައި  ނޫނީ ކަކުލުގެ ކަށިގަނޑެއް ގޭނިފައި ހުރުން ފަދަ ކަންކަން ދިމާވެފައިވާކަން ފާހަގަ ނުވޭތޯއެވެ. އިލޮށިފަތި ބޭނުންކޮށްގެން ކުނިކެހުމާއި މަތީގައިބަޔާންކޮށްފައިވާ ސިއްހީ މައްސަލަތަކާއި ގުޅުންހުރީ ކިހާވަރަކަށް ބާވައެވެ. ؟ ސަގާފީ ކަންކަމުގެ ތެރޭގައި ހިމެނެނީ ހަމައެކަނި ރަގަޅު ކަންކަން ނޫން ކަން ޔަޤީނެވެ. އިލޮށިފަތި ބޭނުންކޮށްގެން ކުނިކަހާއިރު ހުންނަ އޮމާންކަން ބިންގަނޑުގައި އަބަދު ބަހައްޓަން ޖެހޭތޯއެވެ. އިލޮށިފަތީގެ ބަދަލުގައި އިލޮށިދަތި ނޫނީ މަށަންދަތި ބޭނުން ނުކުރެވެންވީ ކީއްވެ ބާވައެވެ. އިލޮށިފަތި ބޭނުންނުކޮށް ކުނިކަހާ އަންހެނުންނަކީ ކަންނެތް އަންހެނުންނޭ ބުނެވިދާނެ ހެއްޔެވެ. ދިވެހި އަންހެނުން ދުޅަހެޔޮކޮށް ތިބުމަކީ ދިވެހި މުޖުތަމައުވެސް ދުޅަހެޔޮވާނެކަމެއްކަން ޔަޤީނެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާއި އެއްގޮތަށް ދިމާވާ ސިއްހީ މައްސަލަތަކަށްވެސް ސަމާލުކަން ދިނުން ވަރަށް މުހިއްމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top