އެންމެ ފުރަތަމަ އަމާޒަކީ އަތޮޅު މުބާރާތުގައި އޭދަފުށީ ބަލިކޮށް އަތޮޅުގެ ޗެންޕިއަންކަން ހޯދުންކަމަށް މިއަހަރު އަލަށް މިނިވަން ޗެންޕިއަންޝިޕްގައި ވާދަކުރާ ބ. ދަރަވަންދޫ ޓީމުން ބުނެފިއެވެ.
ދަރަވަންދޫ ޓީމުން މިހެން ބުނީ އަންނަމަހު ފަށާ މިނިވަން ޗެންޕިއަންޝިޕަށް ދަރަވަންދޫ ޓީމުން ވަމުންދާ ތައްޔާރީތަކާ ބެހޭގޮތުން އެރަށު ކައުންސިލުން އީވީއަށް ދިން އިންޓަވިއުއެއްގައެވެ. އެރަށު ކައުންސިލަރ އަލީ ޝަފީޤް ވިދާޅުވީ މިއަހަރުގެ މުބާރާތަށް ވާންޖެހޭ ތައްޔާރީތައް ދަރަވަންދޫ ކައުންސިލުން ފަށާފައިވާކަމަށާ، ޓީމްގެ ނުރަސްމީ ޕްރެކްޓިސްތައް މިހާރު ފެށިފައިވާކަމަށެވެ.
“މިހާރު މިދަނީ ކޯޗެއް ހޯދުމަށް މަސައްކަތް ކުރަމުން. އަންނަ ހަފްތާތެރޭގައި މުޅިން ފައިނަލް ވާނެ ކޯޗު. ކުޅުންތެރިންގެ ފެންވަރުގައި މިހާރުވެސް ޕްރެކްޓިސް ކުރުން އެބަ ކުރިޔަށްދޭ. ރަސްމީ ޕްރެކްޓިސްތައް ގަވާއިދުން ފެށޭނީ ކޯޗާއެކު” ޝަފީޤް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަތޮޅު ޗެންޕިއަންކަން ހޯދޭނީ ދެން މުބާރާތުގައި ވާދަކުރާ ގަދަބާރު އޭދަފުށި ބަލިކޮށްގެންކަން އެނގޭކަމަށާ، އެކަމަށްޓަކައި ޓީމް ތައްޔާރުވާނެކަމަށެވެ. އަދި އަމާޒަކީ އަތޮޅު ޗެންޕިއަންކަމުގެ އިތުރުން ޒޯންގެ ޗެންޕިއަންކަންވެސް ހޯދުންކަމަށް އޭނާ ވިދާޅުވިއެވެ.
“އޭދަފުށި މިނިވަން ޗެންޕިއަންޝިޕްގެ ޗެންޕިއަނުންނަށް ވީތީ އަޅުގަނޑުމެން ބަލައިގެން ނުވާނެ ދެއްތޯ އޭދަފުށި ބަލިނުވާނެކަމަކަށް. އިރާދަކުރެއްވިއްޔާ އޭދަފުށި ބަލިކޮށް އަތޮޅު ޗެންޕިއަންކަން ހޯދުން އަމާޒަކީ. އަދި ޒޯން ޗެންޕިއަންކަންވެސް ނުހޯދެންވީ ސަބަބެއް ނެތް”
އަލީ ޝަފީޤް ވިދާޅުވީ ޓީމަށް ރަށުން ބޭރުން ވަކި މޮޅު ކުޅުންތެރިއެއް ގެނައުމުގެ ވިސްނުމެއް ނެތްކަމަށާ، އެކަން ފައިނަލް ކުރާނީ ކޯޗާ މެނޭޖްމަންޓާ މަޝްވަރާކުރުމަށްފަހު ކަމަށެވެ.
މިނިވަން ޗެންޕިއަންޝިޕް 2017 މުބާރާތް އަންނަމަހު ފަށަން ހަމަޖެހިފައިވާއިރު މިއަތޮޅުގެ މެޗްތައް ކުޅޭނެ ތާރީހެއް އަދި އިޢްލާނެއް ނުކުރެއެވެ. އެހެންނަމަވެސް މެޗްތައް ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުންކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.
މިމުބާރާތުގައި ބ. އަތޮޅުން ދެން ވާދަކުރާ މިދިޔަ އަހަރުގެ ޗެންޕިއަން އޭދަފުށީ ޓީމްގެ ޕްރެކްޓިސް އަދި ނުފަށައެވެ.
މިނިވަން ޗެންޕިއަންޝިޕްގައި މިދިޔަ އަހަރު ބ. އަތޮޅުން ބައިވެރިވީ އޭދަފުށި އެކަންޏެވެ. ނަމަވެސް 2015 ވަނައަހަރު އޭދަފުށީގެ އިތުރުން ހިތާދޫވެސް ބައިވެރިވިއެވެ. ނަމަވެސް އަތޮޅު ބުރުގައި އޭދަފުށި އަތުން ދެމެޗުން ބަލިވެ މުބާރާތުން ކެޓީއެވެ.
މިއަހަރު އަލަށް މުބަރާތުގައި ވާދަކުރާ ދަރަވަންދޫ އެންމެފަހުން އޭދަފުއްޓާއެކު އަތޮޅު ފެންވަރުގެ މެޗެއްގައި ވާދަކުރީ 2015 ވަނައަހަރު އަތޮޅު ޗެލެންޖުގައެވެ. އެމެޗް ނިމުނީ 1-1ން އެއްވަރުވެގެންނެވެ.