ލިޔުނީ: އަހްމަދު ނަދީމް
އިންޓަނެޓަކީ މިޒަމާނުގައި އަސާސީ ބޭނުމެއްގެގޮތުގައި ހިމެނޭ ވަސީލަތެކެވެ. އަޅުގަނޑުމެންގެ ދަރިންނަށް ހެޔޮގޮތުގައި އިންޓަނެޓް ބޭނުންކުރަން ދަސްކޮށްދޭންޖެހެއެވެ. މީޑިޔާގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ މި ދުވަސްވަރު އެކަމުން ކުދިންނަށް ކޮށްފާނެ ނޭދެވޭ އަސަރުތަކުން އަހަރެމެންގެ ކުދިންރައްކާތެރިކުރަން މަސައްކަތްކުރަންޖެހެއެވެ. މިއީ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް މަސައްކަތްކޮށްފިނަމަ ކާމިޔާބުވާނެކަމެކެވެ
ލެޕްޓޮޕާއި މޯބައިލް ފޯން ފަދަ ތަކެއްޗަކީ ފަސޭހައިން އިންޓަނެޓަށް ވަނުމަށް ބޭނުން ކުރެވިދާނެ ވަސީލަތްތަކެކެވެ. ނަމަވެސް އެތަކެތީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކުދިންނަށް ދަސްކޮށްދެވިފައިވަނީ ކިތައް މައިންބަފައިންނަށްތޯއެވެ. މާލީ ތަނަވަސްކަން ހުންނަ މައިންބަފައިންނަށް އެތަކެތި ހޯދައިދިނުމަކީ ވަރަށް ފަސޭހަކަމެކެވެ. ނަމަވެސް ކުއްޖާ އެ ވަސީލަތްތައް ބޭނުންކުރުމުގައި ހަރުދަނާ އުސޫލުތަކެއް ކަނޑައަޅައި ތަންފީޒު ކުރުމަކީ ފަސޭހަކަމެއް ނޫނެވެ.
ގޭގައި އިންޓަރނެޓަށް ވަދެވޭނެ ވަސީލަތް ގާއިމް ކުރަން ބޭނުންވާނަމަ އެންމެ ރަގަޅުވާނީ ޑެސްކްޓޮޕް ކޮމްޕިއުޓަރއެއް މެދުވެރިކޮށް އެވަސީލަތް ގާއިމް ކުރުމުންނެވެ. ކޮމްޕިއުޓަރ ބެހެއްޓުން އެންމެ ރަގަޅީ އާންމުކޮށް މީހުން އުޅޭ ތަނެއްގައެވެ. އެގޮތުން ގޭގެ ސިޓިންރޫމްގައި ކޮމްޕިއުޓަރ ބެހެއްޓިދާނެއެވެ. ކޮމްޕިއުޓަރ ބޭނުން ކުރުމާއި ގުޅޭ ހަރުދަނާ އުސޫލެއް ގާއިމް ކުރުން ވަރަށް މުހިއްމެވެ. އުސޫލުތައް ގާއިމް ކުރުމުގައި ކުއްޖާގެ ހިޔާލު ހޯދުމަކީ ތަންފީޒުކުރަން ފަސޭހަވާނެ ކަމެކެވެ.
އިންޓަރނެޓް ޒަރިއްޔާއިން ނުދަންނަ މީހުންނާ މުއާމަލާތު ކުރެވިގެންނުވާނެ ވާހަކަ ކުއްޖާ ގާތު ބުނަންވާނެއެވެ. އިންޓަރނެޓް ބޭނުންކޮށްގެން މީހުން ހިންގާ ބޮޑެތި ޖަރީމާތަކުން ކުއްޖާ ރައްކާތެރިކުރުމަށް ހަރުދަނާ ފިޔަވަޅުތައް އެޅުން އިންތިހާއަށް މުހިއްމެވެ. އިންޓަރނެޓް މެދުވެރިކޮށް ލިބޭ ހުރިހާ މައުލޫމާތަކީ ތެދު ހަގީގަތް ނޫންކަމަށާއި ތެދު މައުލޫމާތު ހޯދުމަށް ޢަމަލު ކުރަންވީ ގޮތްގޮތާއި އިތުބާރު ކުރެވޭ ވެބްސައިޓްތައްކުއްޖާއަށް ކިޔައިދޭށެވެ.
އިންޓަނެޓަކީ ތޫނު ވަޅިއެއްފަދަ އެއްޗެކެވެ. އެ ހެޔޮގޮތުގައި ބޭނުންކޮށްފިނަމަ ފައިދާ ވަރަށް ބޮޑުވާނެއެވެ. އެ ނޭދެވޭގޮތުގައި ބޭނުންކޮށްފިނަ ގެއްލުން އެހާ ބޮޑުވާނެއެވެ. ޝައިތާނާގެ ވަސްވާހުގެ އަސަރު ކުއްޖާއަށް އަބަދުވެސް ކުރާނެއެވެ. އެކަން އަބަދުވެސް ހަނދާން ބަހައްޓަން ވާނެއެވެ.
ކޮމްޕިއުޓަރ ބޭނުންކޮށްގެން ކުއްޖާ ކުރާކަންކަމާމެދު ފާރަވެރިވާށެވެ. ކުއްޖާގެ ފަރާތުން އާދަޔާޚިލާފް އެއްވެސްކަމެއް ފެންނަނަމަ އެކަމާ ގުޅޭގޮތުން ކުއްޖާއާ ސުވާލު ކުރަންވާނެއެވެ. ކުއްޖާއަށް މައިންބަފައިން އިތުބާރު ކުރާކަން ދައްކަންވާނެއެވެ. ކަންކަމާއިގުޅޭގޮތުން ސުވާލުކުރަނީ ނޭނގިނަމަވެސް ކުއްޖާއަށް ގޯސް މަގެއް އިހްތިޔާރު ކުރެވިދާނެތީކަން ކުއްޖާއަށް ބުނެދިނުން މުހިއްމެވެ. ކަމެއް އޮޅުންފިލުވަން ސުވާލުކުރާއިރު ތަހުގީގުކުރާ އުސޫލުން ސުވާލުކުރުން ރަގަޅެއް ނުވާނެއެވެ.
ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގައި ދިމާވާ ކަންކަމާމެދު ރުޅި އިސްކުރުމުގެ ބަދަލުގައި ކެތްތެރިކަން އިސް ކުރައްވާށެވެ. ވިސްނުންތެރިކަމާއެކު ފިޔަވަޅު އަޅުއްވާށެވެ. ކަންކަން ގޯސްކޮށް ދާކަމަށް ބެލެވުނަސް މާޔޫސްވެ ނުލައްވާށެވެ. ތަކުރާރުކޮށް ހަނދާންކޮށްދޭން ޖެހުނަސް ނުވާނޭ ކިޔާފައި ހުއްޓާނުލާށެވެ. ގޯސްކަމަށް ބެލެވުނު ކަމުގެ ފަހަތުގައި މާރަގަޅުކަމެއްވެސް އޮވެދާނެއެވެ. އަމާޒެއް އޮވެގެން މަސައްކަތް ކުރާނަމަ ކާމިޔާބު ވާނެއެވެ. އެދޭކަމެއްގައި އުއްމީދު ކަނޑާ ނުލާށެވެ. ކާމިޔާބީއަކީ މަސައްކަތްތެރިންގެ ހައްގެކެވެ. ބުރަ މަސައްކަތުން ހޯދާ ކާމިޔާބީ ފޮނިވާނެއެވެ.