ހަސަންބެ ވަޅު- އޭދަފުށީގެ މިނެރަލް ވޯޓަރ ވަޅު!

IMG_20170123_174224.jpg

ހަސަންބެ ވަޅަކީ އޭދަފުށީގެ ފުޓްބޯޅަ ދަނޑުގެ ހުޅަނގު ދެކުނުކޮޅުގައި ހުންނަ ބޯފެން ނަގާ ވަޅަށް ކިޔާ ނަމެވެ. އެވަޅަށް ހަސަންބެ ވަޅުގެ ނަން ދެވިފައިވަނީ އެވަޅު އުފެއްދި މީހާގެ ނަމާ ގުޅުވައިގެންނެވެ. އެއީ އޭދަފުށީ ކަންމަތީގެ މަރްހޫމް ހަސަން އަހްމަދު އޭނާގެ އުމުރުގެ ފަހު ކޮޅު ޚާއްސަކޮށް ހުޅަނގުކޮޅުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަ ކަމާއެކު މީރު ބޯފެން ފޯރުކޮށްދިނުމަށް ސަދަގާތެއްގެ ގޮތުގައި ބިނާ ކޮށްފައިވާ ވަޅެކެވެ.

ހަސަންބެއަކީ މިދިޔަ ގަރުނުގެ ކުރީކޮޅު އޭދަފުށީގެ ނާއިބުކަން ކުރެއްވި ފަރާތެކެވެ. އޭނާ ނިޔާ ވުމާ ހަމައަށް އޭނާ މަޝްހޫރު ވެފައިވަނީ ނާއިބު ހަސަންބޭގެ ނަމުންނެވެ. ޒުވާން ދުވަސްވަރުން ފެށިގެން އަމިއްލަ ވިޔަފާރި ކުރެއްވުމާ އޮޑި ދޯނި ފަހަރު ދުއްވުމުގެ އިތުރުން މާލެ ދަތުރުކުރާ ބައްތެލި ފަހަރުވެސް ދުއްވުމުގެ މަސައްކަތް ކުރެއްވިއެވެ. އުމުރުގެ ފަހު ބައި އަޅުކަމައިގެން އުޅުއްވި އެންމެންނާވެސް ރަނގަޅު ގުޅުމެއް އޮތް ހިތް ހެޔޮ އަޚެކެވެ. ކިޔަވާ ކުދިންނަށް ހިތްވަރުދެއްވުމުގެ ގޮތުން މަތީ ވަނަތަކަށް ދާކުދިންނަށް އިނާމު ދެއްވައި ރޯދަމަހު ވަކިން ޚާއްސަކޮށް އޭނާގެ ދީލަތި އަތުން ރައްޔިތުންގެ ތެރެއިން ބޭނުންޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮސްދެއްވާ ފައިވެއެވެ.

އަލްމަރްޙޫމް ޙަސަން ބެ

އަލްމަރްޙޫމް ޙަސަން ބެ

ހަސަންބޭ ބިނާ ކުރި  40 އަހަރާ ކައިރިކުރާ މި ވަޅަކީ މިހާރުވެސް އޭދަފުށީގެ ބައެއް މީހުން ބޯފެން ނެގުމަށް ބޭނުންކުރާ ހަމައެކަނި ވަޅެވެ. ޒަމާނަށް އައި ބަދަލާ ތަރައްގީގެ ސަބަބުން ފަސޭހަ ގޮތް ފަސޭހަ ކަމަށް ބަލައިގެން ދިޔަދޮވިތަކުންނާ ފެން ހިންދާ ވަޅުގަނޑުތަކުން ސީދާ މައި ޖަންކްޝަންތަކާއި ގުޅުމުން ބިމަށް ހިނދޭ ފެން މަދުވުމުން ރަށުގެ ބައެއް ހިސާބުގަނޑުގެ ފެން ތަޣައްޔަރުވެ ފެނުގެ އަސްލު ރަހައާއި ކުލަ ބަދަލުވެފައިވީ ނަމަވެސް މި ވަޅަށް އަދި އޭގެ އަސަރު ނުކުރާކަމަށް ވެއެވެ. އެވަޅުގެ ފެނުގެ ކުލައާއި ވަހާއި ރަހައަށް އެއްވެސް ބަދަލެއް ނައިސް މިހާ ތަނާ ހަމައަށް ނައިސް ހުރުމަކީ އަޖާއިބެއް ނޫނަސް  އޭދަފުށީގައި އަސްލު މިނެރަލް ވޯޓަރ އަގަކާ ނުލައި ލިބޭ ހަމައެކަނި ވަޅަކީ އެއީކަމަށް ވާތީ އެވަޅުގެ ޚާއްސަކަމަކީ އެއީއެވެ.

ހަސަންބެ ، މިވަޅު މިތަނުގައި ހެދުމުގެ ދެވަނަ ބޭނުމެއް ކަމުގައި އޭނާގެ ދޮށީ ދަރިފުޅު އަބްދުއްރަހްމާން ހަސަން ވިދާޅުވީ އޭރު އެތަނަކީ އަންހެނުން ނަމާދު ކުރާ މިސްކިތެއްވެސް ހުރި ތަނަކަށް ވާތީ ނަމާދަށް އަންނަ އަންހެނުންނަށް ފަސޭހައަކަށެވެ.

ހަސަންބެ ވަޅާބެހޭ މައުލޫމާތު އޭނާގެ ދޮށީދަރި އަބްދުއްރަހްމާން އީވީއަށް ދެނީ / ފޮޓޯ: އީވީ

ހަސަންބެ ވަޅާބެހޭ މައުލޫމާތު އޭނާގެ ދޮށީދަރި އަބްދުއްރަހްމާން އީވީއަށް ދެނީ / ފޮޓޯ: އީވީ

މި ތާރީޚީ ވަޅު އޭދަފުށީ މީހުން ބަލައިގެންފައިވަނީ ލޯތްބާއެކުގައެވެ. ބަލަހައްޓަނީވެސް ނިކަން އިހްތިރާމާއެކުގައެވެ.

ސަބަބުތަކެއްވެސް ހުރީމައެވެ. އެއް ސަބަބަކީ ވަޅު އުފެއްދިފަހުން މިހާރު ސާޅީހަކަށް އަހަރު ވާއިރު ވަޅުގެ ފެނަށް ބަދަލެއް ނައިސް ފުރަތަމަ ދުވަހެކޭ އެއްގޮތަށް މީރު ފެން ލިބޭ ހަމައެކަނި ވަޅަކީ މިއީ ކަމަށް ވާތީއެވެ.

މިހާ ދުވަސް ވާއިރު  ފެނަށް ބަދަލެއް ނައިސް މީރުފެން ލިބުމުގެ ސިއްރަކީ ކޮބާ ހެއްޔެވެ. ؟ އަދި ހަސަންބެ މި ވަޅު ބިނާ ކުރެއްވި އަސްލު މަގްސަދަކީ ކޮބާ ހެއްޔެވެ؟ މިސުވާލަށް ވެސް އަބްދުއްރަހްމާނު ޖަވާބު ދެއްވިއެވެ.

” ބައްޕައަކީ މާލޭގެ އޭރުގެ މަޝްހޫރު ދަންނަބޭކަލުންގެ އަރިހުން ޚާއްސަކޮށް މއ.އިހުރާމުގޭ މަރްހޫމް އައްޝައިޚް އަލީ ހުސެންދީދީގެ އަރިހުން ވަރަށް ގިނައިން ދީނީ މައުލޫމާތު އޮޅުން ފިލުއްވައި ހެއްދެވި މީހެއް. އެގޮތުން އެބޭފުޅުންގެ އަރިހުން ލިބުނު މައުލޫމާތުތަކާ އެއް ގޮތަށް ބައްޕަ ނެތް ދުވަހަކުންވެސް އޭގެ އުޚްރަވީ ފައިދާ ލިބެނިވި ސަދަގާތެއްގެ ގޮތުގައި ކުރެއްވި ކަމެއް އެއީ .”

އެވަޅުގެ ފެނަށް ބަދަލު ނައިސް މިހާރާ ހަމައަށް އައުމުގެ ސަބަބެއް ކަމުގައި އޭނާ ވިދާޅުވީ އެވަޅުގެ ފެން މީރުކޮށް ގިނަ ދުވަހަށް ދެމި ހުންނާނެ ގޮތަކީ ކޮބައިތޯ ބެއްލެވުމަށް ގިނަ މައުލޫމާތު ތަކެއްވެސް ހޯއްދެވި ކަމަށެވެ.  ” އެމައުލޫމާތުގެ އަލީގައި ވަޅުގެ ތިލަފަތް ގަލުގެ ދަށަށް އަނގުރު ދެއްޔާއި ނަގިލި ދަތްފަދަ ދަނގަޑުވެސް ލާފައި ހުންނާނެ. މިއީ ހައްތާވެސް ފެން މީރު ކުރުމަށް ކުރެއްވި ކަންތައް. ޖުމްލަކޮށް ބުނާނަމަ އެއީ ދިރި ދެމިގެންދާ ސަދަގާތެއްގެ ގޮތުގައިކުރެއްވި ކަމަކަށް ވާތީ އެކަން ކުރެއްވީ ވަރަށް ވިސްނުންތެރިކަމާއެކު  ” އަބްދުއްރަހްމާން ތަފްސީލު ކޮށްދެއްވިއެވެ.

އެވަޅު ހުރި ސަރަހައްދު ގައި ހުރި ހުރިހާ ބިނާ އެއް މިހާރުވަނީ ނެތިވެގޮސްފައެވެ. އެތަނުގައި ހުރި އަންހެނުން ނަމާދު ކުރާ މިސްކިތާ އިތުރު ވަޅެއްވެސް މިހާރަކު ނެތެވެ.  މިހާރު އެސަރަހައްދުގައި ފެންނަން ހުރީ ހަމައެކެނި އެވަޅެވެ.

ފުޓްބޯޅަ ދަނޑުގެ ވަށައިގެން ފެންސް ޖަހައި ކުޅިވަރު ކުޅޭ އިތުރު ކޯޓުތަކެއް ދަނޑުގެ ދެކުނުކޮޅާއި އުތުރުކޮޅުގައި އެޅުމަށް ނިންމާފައިވާ ކަމުގެ އަޑުތައް ގަދަވެފައިވާ މި ދުވަސްވަރު މަރުހޫމްގެ ހަސަންބޭގެ ޒިކުރާ އާއި ގުޅިފައިވާ މި ވަޅު އޭގެ އުމުރު ހަމަކޮށް ނެތިދާން ކައިރިވެފައިވާ ކަމުގެ އަޑުވެސް ގަދަ ވަމުން އެބަދެއެވެ.

ހަގީގަތް ހޯދާލުމުގެ ގޮތުން އޭދަފުށީ ކައުންސިލް ގެ މެންބަރު މުހައްމަދު ރިޒާ އާ ވާހަކަ ދައްކާލުމުން  ވިދާޅުވީ ހަސަންްބެ ވަޅު އުވާލުމުގެ ޚިޔާލެއް ނުގެންގުޅުއްވާ ކަމުގައެވެ.

“ނޫންނޫން. އެވަޅު ތަޅާލައި އުވާލުމުގެ އެއްވެސް ޚިޔާލެއް ނެތް. ވަޅަށް ބަދަލެއް އައިނަމަވެސް އަންނާނެ ބަދަލަކީ ވަޅުގެ މަތި ތަޅާލައި ބިމާ އެއްވަރަށް އެވަޅުގެ މަތީގައި ޝީޓެއް އެޅުމަށް ފަހު އިސް ކުރު ބައި ތަކުން ފެން ލިބޭނެ ގޮތްހެދުން . “ރިޒާ ވިދާޅު ވިއެވެ.

ވާނުވާ ނޭގިފައި ތިބި ރައްޔިތުންނަށް މިއީ އުފާ ވެރި ޚަބަރަކަށް ވާނެއެވެ. އެހެނީ މިވަޅު ތަޅާލައި ނެތިކޮށްލައިފިނަމަ އިންސާނުން ބުއިމަށް އެންމެ ފައިދާ ހުރި މިނެރަލްވޯޓަރ ހިލޭ ލިބުމުގެ މަގު ބަންދުވީއެވެ. އާއެކެވެ. އެވަޅުން ލިބޭ ފެނަކީ މިނެރަލް ވޯޓަރ އެވެ. އެހެންކަމުން ފެނުގެ މި ޚަޒާނާ ނެތިގެން ދާކަށް އެކަކުވެސް ނޭދޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top