ކޮންމެ މަޔަކަށްވެސް ދަރިން ގެންގުޅުމުގައި ގިނަ ގޮން ޖެހުންތަކަކާ ކުރިމަތިވާނެއެވެ. މީގެ ތެރެއިން އެންމެ އާންމުކަމަކަށް ވާނީ ކުއްޖާ ރުޅިގަދަވުމާއި ބަސްނޭހުމާއި ބޭނުންވާ ކަމެއް ބޭނުން ގޮތަކަށް ކުރުވުމަށް ބޮޑާ ހޭކުމެވެ.
މި ލިޔުން މިހާއްސަ ކޮށްލަނީ އެފަދަ މައިންބަފައިންނަށް މިފަދަ ހާލަތް ތަކުގައި ހެދޭ ގޯސްތަކާއި، ކުރުން ހުއްޓާލަން ޖެހޭ ކަންކަމާއި ކުދިން ހަމަ މަގަށް އެޅުވުމަށް ކުރެވިދާނެ ބައެއް ކަންކަމަށެވެ.
ކުދިން ރުޅިގަދަވާ ހާލަތްތަކުގައި އެކުދިންނަށް އަޅަން ޖެހޭ ފިޔަވަޅު ވަގުތުން ނޭޅިއްޖެނަމަ އެކުދިންގެ މުޅި ދިރުއުޅުމަށް އެކަމުގެ ނުރަގަޅު އަސަރު ކުރާނެއެވެ. މަޝްހޫރު ޗެނަލްއެއް ކަމަށްވާ “ޓީ.އެލް.ސީ” ޗެނަލްގެ ކާމިޔާބު ޝޯ ގައި “ޓޭކް ހޯމް ނެނީ” ހުށަހަޅައިދޭ އެމާ ޖެނަރ މި މައުލޫއަށް ވާހަކަ ދައްކަމުން، އޭނާވަނީ މައިންބަފައިންނަށް މިފަދަ ހާލަތްތަކުގައި އާއްމުކޮށް ހެދޭ ގޯސްތައް ފާހަގަ ކޮށް އެކަންކަމުން ދުރުވުމަށް މައިންބަފައިންނަށް ނަސޭހަތްތެރި ވެފައެވެ.
ކުދިންދެކެ ބިރުގަތުން ނުވަތަ ޖެހިލުންވުން
މިހާރަކަށް އައިސް މައިން ބަފައިންނަށް ވުރެ ކުދިންގެ އަޑު ގަދަވެފައި ކަންކަން ކުރުމުގައި މައިން ބަފައިން އެކުދިންގެ ކުރިމަތީ އިސްޖަހާތަން ފެންނަލެއް މަދެއް ނޫނެވެ. މިސާލަކަށް މަންމަ ދަރިފުޅަށް ބުއްތަށި ގިރާފައިދޭ ތަށި ނޫން އެެހެން ތައްޓެއްގައި ބުއްތަށި ބޯން ބޭނުންވެއްޖެނަމަ ގިނަ މައިންބަފައިން އަވަސްވެގަންނާނީ އެބުއްތަށި އެހެން ތަށްޓަކަށް ހުސްކޮށްލާފައި ދަރިފުޅު ބޭނުންވާ ގޮތަށް ކަންކޮށްދިނުމަށެވެ. ގިނަ ފަހަރަށް އެހެން ހަދަނީ ކުދިން ބޮޑާހާކާފައި ބުއްތަށިނުބޮއި ހިނގައިދާނެތީވެ ނުވަތަ ރޯން ފަށާފާނެތީއެވެ. އެމާ ބުނާ ގޮތުގައި މިއީ މިގޮތުން ހެދޭ އެންމެ ބޮޑު ގޯހެވެ. ކުއްޖާ ވަކިގޮތަކަށް ކަންކަން ކުރުމަށް ބޮޑާހޭކި ނަމަވެސް މައިންބަފައިން އެކުދިން ބުނާހާ ގޮތަށް ކަންތައް ކޮށްދޭކަން ނުޖެހޭނެއެވެ.
ފުރަތަމަ ކަމަކީ އަމިއްލަ ދަރިފުޅު މަންމައަށް ނުވަތަ ބައްޕައަށް އަމުރު ކުރެވިގެން ނުވާނެއެވެ. ކުދިން ރޯން ބޭނުންނަމަ ރޯން ދޫކޮށްލަން ޖެހެއެވެ. އަދި ދަރިފުޅު ރޯތަން ބަލަން ކެތްނުވާނަމަ ނުވަތަ އުނދަގޫވާނަމަ އަޑު ނީވޭ ހިސާބަކަށް ގޮސްގެން ނަމަވެސް އެކުދިން އެގޮތަށް އުޅުން ހުއްޓުވަން ޖެހެއެވެ. ފުރަތަމަ ފަހަރު ކޮށްދީފިނަމަ ދެވަނަ ފަހަރުވެސް ކަންކަން ވާނީ އެކުދިން ބޭނުންވާ ގޮތަށެވެ. އާޚިރުގައި ކުދިންނަށް ދަސްވާނީ ދިރިއުޅުމަކީ ވަރަށް ފަސޭހަ ކަމެއްގެ ގޮތުގައެވެ. ފަހުން އަންނަ ގޮންޖެހުންތަކަށް ކުއްޖާ އަށް ތައްޔާރު ވެވޭނީ ކިހިނެއް ހެއްޔެވެ؟
”ކުޑަކުދިން އުޅޭނީ އެހެން” މިލަފްޒަށް ހޭނުން
ކުދިން ބޮޑާހާކާ، ރޯލާ ކޮންމެ ފަހަރަކު އެކުދިން ބޭނުންވާހާ ކަމެއް ކޮށްދެންދިނުމަށް ފަހު، ދަރިފުޅު ކޮންމެ ގޮތަކަށް އުޅުނުކަމުގައި ވިޔަސް އެއީ ކުޑަކުދިންކަމާއި ކުޑަކުދިން އުޅޭނީ އެހެން ކަމަށް ބުނުމަކީ ދެން ހެދޭ އެންމެ ބޮޑު ގޯހެވެ. އެގޮތަށް މީހުން ކައިރި ބުނުމަކީ މުޖްތަމައުގައި އުޅޭ އެހެން މީހުނަށް ކުދިން އެހެން އުޅޭނެކަމާއި އެއީ މައްސަަލައެއް ނޫންކަމާ އެމީހުނަށްވެސް ކުދިން ލިބުނީމަ މިކަންކަމަށް އަޅާލަން ނުޖެހޭނެކަން އަންގާ ދިނުމަށް އެޅޭ ބާރެކެވެ. އަދި ކުދިންނަށް އަޑު އިވޭ ގޮތަށް މިހެން ބުނުމަކީ ކުދިންނަށް ބަސްނާހާ އުޅުމަށާ ބޮޑާ ހޭކުމަށް އަދި ބޭނުންހާ ގޮތަކަށް ކަންކަން ކުރުމަށް ދެވޭ ހިތްވަރެކެވެ.
ތިމާގެ ދަރިފުޅު ބޮޑު ވަމުންދާއިރު ހީނުކުރާހާ ގިނަ ކަންކަން ދަސްކުރުމާ އުނގެނުމުގެ ގާބިލްކަން ލިބިފައި ހުރެއެވެ. މީގެ ތެރޭގައި އަނެކާއަށް އިހުތިރާމް ކުރުން، ރީތި އުޅުން، އަމިއްލައަށް ކުރެވޭނެ މަސައްކަތްތައް، އަޅާލުމާއި އޯގާތެރިކަން އަދި އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމާއި އަމިއްލަ ނަފްސުދެކެ ލޯބިވުން ހިމެނެއެވެ. މިކަންކަން ރަގަޅަށް ދަސްކޮށްދިނުމަކީ މައިންބަފައިންގެ ޒިންމާއެކެވެ.
ކުދިންނަށް އެއްޗެތި ކިއުމަކީ ގޯސްކަމެއްކަމުގައި ދުށުން
އެމާ ބުނާ ގޮތުގައި ދަރިފުޅު ބޮޑުވާން ޖެހޭނީ އެކުދިން ބޭނުންވާ ގޮތަކަށް ނޫނެވެ. އެކުދިން ބޮޑު ވާންޖެހޭނީ މައިން ބަފައިން ބޭނުންވާ ގޮތަށް ރަގަޅު ތަރުބިއްޔަތުގައެވެ. އެގޮތަށް ކަންކަން ނުވާ ނަމަ ކުދިން ކިޔަމަންތެރި ކުރުމަށް ބުނަންޖެހޭ އެއްޗެއް އެއީ ބާރަށް ކަމުގައިވިޔަސް ބުނަން ޖެހޭނެއެވެ. އަދި ކުދިން ސްކޫލަށް ވަނުމަށްފަހު ކުދިންގެ ކަންކަން ރަގަޅު ކުރުމަށް ހަމަ މިރޯލު ޓީޗަރުންވެސް އަދާކުރަން އެބަ ޖެހެއެވެ. އެހެން ނަމަވެސް ޒަމާނަށް އައި ބަދަލާއެކު މިހާރު މަންމަ ދަރިފުޅަށް ބާރަށް އެއްޗެއް ބުނެފިނަމަ އެ މަޔަކު ވަނީ ކުދިންނަށް ގޯސްކޮށް ކަންކަން ކުރާ މަޔަކަށެވެ. އަދި ޓީޗަރަކު ކުއްޖަކަށް ބާރަށް އެއްޗެއް ބުނެފިނަމަ މައިންބަފައިން އެޓީޗަރަކާ ދެކޮޅަށް ދަރިފުޅުގެ ހައްގު ކަމުގައި ބުނެ ނުކުމެއެވެ. މިހެން ކުދިން ތަރުބިއްޔަތު ކުރާނީ ކިހިނެއްތޯ ވިސްނާލަމާ ހިނގާށެވެ. މިގޮތަށް ކަންކަން ކުުރުމުން ކުދިންނަށް އެދެވެނީ ކޮންކަހަލަ މެސެޖެއް ހެއްޔެވެ؟ މިއިން ދައްކުވައިދެނީ ހުރިހާ ތަނެއްގައިވެސް ބާރު އޮތީ އެކުއްޖާއަށް ކަމަށާއި އެކަން ހުއްޓުވުމަށް ޓީޗަރުގެވެސް މެނޭޖްމަންޓްގެވެސް ސްކޫލްގެ ވެސް ބާރެއް ނެތްކަމެވެ. ކުދިންގެ ކުރިމަތީގައި ޓީޗަރުންގެ އަގެއްވެސް ނެތީ ނޫންތޯއެވެ. ކުއްޖާ ދެކެ ލޯބިން ނަމަވެސް ކުއްޖާ މި އެއްލާލެވެނީ ހަލާކުގެ ތެރެއަށްކަން އެނގެނީ ކިތައް ބެލެނިވެރިންނަށްތޯއެވެ.
ކުދިންގެ ކަންކަން ކޮށްދޭންވާ ވަރަށްވުރެ އިތުރަށް ކޮށްދިނުން
ކޮންމެ ބެލެނިވެރިޔަކުވެސް އެމީހެއްގެ ދަރިފުޅު އެންމެ ރަގަޅު ގޮތުގައި ބޮޑުކުރަން ބޭނުންވާނެއެވެ. އެހެން ނަމަވެސް ކުދިންގެ ހުރިހާ ކަމެއް ކޮށްދިނުމަކީ އެކުއްޖާ އެންމެ ރަގަޅު ގޮތުގައި ބޮޑު ކުރުމެއް ނޫނެވެ. ގިނަ ފަހަރަށް ކުދިންގެ ކިޔެވުމަށް ތަން ދިނުމަށް އެކުދިން ގޭގައި ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްދެނީ މަންމަ ނުވަތަ ބައްޕައެވެ. ސްކޫލް ނިމޭއިރު ކުއްޖާ ދިރިއުޅުމަށް ކުރިމަތިލުމަށް އެއްވެސް މިންވަރަކަށް ތައްޔާރެއް ނުކުރެވެއެވެ. މީގެ ބަދަލުގައި އެކުދިންނަށް ވާ މިންވަރަކުން ކަންކަން އަމިއްލައަށް ކުރުމަށް ދޫކޮށްލަން ޖެހެއެވެ. އަދި ކަންކަން ކުރަންޖެހޭ ވަކި އުސޫލެއް ނުވަތަ ޓައިމް ޓޭބަލް އެއް ކުދިންނަށް ދީ އެއަށް އަމަލު ކުރުމަށް ބާރުއެޅުމަކީ ބުއްދިވެރި ގޮތެކެވެ. ގިނަ ފަހަރަށް ފެންނަމުންދަނީ މައިންބަފައިން ކިތަންމެ ހާލުގައި އުޅެގެން ވިޔަސް ކިތަންމެ ބުރައިގަ ނަމަވެސް ކިތަންމެ ޓެންޝަންއަށް ގޮސްގެން ނަމަވެސް ކުދިންގެ ކަންކަން ކުރުމަށް މަޖުބޫރުވާތަނެވެ. ގޭގެ މަސައްކަތާ އޮފީހުގެ މަސައްކަތުގެ އިތުރުން ކުދިން ސްކޫލަށް ކުރަންޖެހޭ މަސައްކަތްވެސް މައިން ބަފައިން ކުރާތަން މަދެއް ނޫނެވެ. މީގެ ސަބަބުން މައިންބަފައިންގެ ސިއްހަތަށް ގިނަ ގެއްލުންތަކެއް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލިބި މީހާ ބަލިކޮށްލައެވެ. އަމިއްލަ މީހާގެ އުފަލަށާއި ސިއްހަތަށް ތަން ނުދެވުމުގެ އިތުރުން ދަރިފުޅަށް ވެސް ،ނޭނގި ނަމަވެސް ތިދެވެނީ ގެއްލުމެކެވެ. ދަރިފުޅަށް ޒިންމާދާރު ވުމަށް ދަސްކޮށްދިނުމުގެ ބަދަލުގައި ކަންނެތްވެ މައިން ބަފައިންގެ އިހުސާސްތައް ވެސް ދެނެގަތުމަށް ފުރުސަތެއް ނުދެވެއެވެ. އޭގެ ބަދަލުގައި ކުދިންގެ ކަންކަން ވީވަރަކުން އެކުދިން ލައްވާ ކުރުވުމުށާއި އެކުދިންނަށްވެސް ދިރިއުޅުމުގައި އުފުލަންޖެހޭ ބުރައާއި ކަމެއް ހާސިލް ކުރުމަށް މަަސައްކަތް ކުރަންޖެހޭ ކަން ދަސްކޮށްދޭށެވެ. އެޭގެ ސަބަބުން މަންމަމެން އުފުލާ ބުރައިގެ އިހުސާސް ކުރެވި އެކަމުގެ އަގު ވަޒަން އުމުރަށް ކުރާނެއެވެ.
ކުދިންނަށް ކެއްތެރިވާން ދަސްކޮށްދިނުން
ކުދިން ބަސްނޭހުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރަނީ އެކުދިންނަށް ކެތްތެރިވާން ދަސްކޮށް ނުދެވުމުންނެވެ. ކުއްޖާ ފޫހިވާ ކޮންމެ ފަހަރަކު އެކުދިންނަށް ފޫހި ފިލުވާނޭ ގޮތްގޮތް ހޯދަދޭން ޖެހުމަކީ އެކަމުގެ ހައްލެއް ނޫނެވެ. ކުއްޖާ ގޮވައިގެން ދަތުރުކުރާ ކޮންމެ ފަހަރަކު، ޑޮކްޓަރ އަށް ދައްކަން ދާ ކޮންމެ ފަހަރަކު އެކުދިން ފޫހިފިލުވުމަށް އައިޕެޑް ފަދަ ތަކެތި ދިނުމަކީ ނޭގިނަމަވެސް ހެދޭ ބޮޑު ގޯހެކެވެ. ކުދިންނަށް އެކުދިން އަމިއްލަ އަށް އޭރަކު ދިމާވެފައިވާ ހާލަތަކަށް ހޭނުމަށް ދަސްކޮށްދޭން ވާނެއެވެ. ކޮންމެ ކަމެއްގައި ހިތްހަމަ ޖެހުމަށް ނުވަތަ ފޫހި ފިލުވުމަށް އެހެން އެއްޗަކަށް ބަރޯސާ ވުމަށްވުރެ އަމިއްލައަށް ހިތްހަމަ ޖެހޭނެ ގޮތްތައް ހޯދުމަށާއި އަބަދު ތިމާގެ ހިތްހަމަޖެހުމަށް އަނެކާ ނުވަތަ އެހެން އިތުރު ކަމެއް ބޭނުން ނުޖެހޭނެކަން ދަސްކޮށްދެން ޖެހެއެވެ. އެކުދިން ކާން ހަދަން ބުނާއިރަށް ކެއުން ތައްޔާރު ނުވާނެ ކަމާއި ކެއުން ލިބޭނީ ކުޑަކޮށް އިންތިޒާރުކޮށްގެން ތައްޔާރުވުމުންކަން ބުނެދިނުން ފަދަ ކުދި ކުދި ކަންކަމުން އެކުދިންނަށް ކެތްތެރިކަން ދަސްކޮށްދެވޭނެއެވެ.
ދަރިންނަށް ނޫނެކޭ ބުނަންޖެހޭ ވަގުތުގައި ނޫނެކޭ ބުނެެވެން ޖެހޭނެއެވެ. ރުޅިއަންނަންޖެހޭ ހާލަތުގައި ރުޅިވެސް އަންނަން ޖެހެއެވެ. ހަރުކަށި ވާންޖެހޭ ތަނުގައި ހަރުކަށިވެ، އަދަބު ދޭންޖެހުނީމާ އަދަބަކީީވެސް ދީގެން ނޫނީ ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތެއް ނުކުރެވޭނެއެވެ. ކުދިން ބޭނުންވާހާ ކަމެއް ކޮށްދީ ބޭނުންވާހާ އެއްޗެއް ހޯދާދޭ މައިންބައިންނަކީ އެންމެ ރަނގަޅު މައިން ބަފައިންނަށް ނުވެދާނެއެވެ. އެންމެ ރަނގަޅަށް ކުރެވޭ ތަރުބިއްޔަތަކީ ކުދިންގެ މުޅި އުމުރަށް އެކުދިންނަށް ފައިދާވާ ގޮތަށް މުޖުތަމައަށް ނުކުމެ އެކުއްޖާއަކީ ޒިންމާދާރު މީހަކަށްވެ، މީހުންގެ އިހުސާސްތައް އެނގޭ ރީތި އުޅުމެއް އުޅޭ މީހަކަށް ހެދުމުގެ އަޒުމުގައި ކުރެވޭ ތަރުބިއްޔަތެވެ. ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުވެ ތިމާ މުސްކުޅިވާ ދުވަހު ތިމާއަށްވެސް އަޅާލާނެ ދަރިއަކަށް ހެދުމަށް އިސްވެ ބުނެވިދިޔަ ކަންކަމަށް ވިސްނައިގެން ކުދިން ތަރުބިއްޔަތު ކުރެވޭތޯ ބަލާށެވެ. އާޚިރުގެ ނަތީޖާ ފޮނިވާނެއެވެ.
.