ބ. ތުޅާދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ސަރުކާރުން ކުރިޔަށްގެންދިޔަ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ނިމިއްޖެއެވެ.
އަމިއްލަ ކުންފުންޏެއްކަމުގައިވާ ކެޕިޓަލް އިންވެސްޓްމަންޓާއި ހަވާލުކޮށްގެން ތުޅާދޫގައި ކުރިޔަށް ގެންދިޔަ މިމަސައްކަތް ނިމުނީ މިދިޔަ ހަފްތާތެރޭގައި ކަމަށް ތުޅާދޫ ކައުންސިލުން ބުނެއެވެ. ބޮޑު ހިލަ ބޭނުންކޮށްގެން ހެދި މިރިވެޓްމަންޓް ޖަހާފައިވަނީ ތުޅާދޫ ދެކުނުފަރާތުގެ ގޮނޑުދޮށް ސަރަހައްދުގައެވެ. ތުޅާދޫ ކައުންސިލުން ބުނީ މިމަޝްރޫއުގެ ދަށުން 350 މީޓަރު ދިގު ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާފައިވާކަމުގައެވެ.
ތުޅާދޫ ކައުންސިލްގެ މެމްބަރ އަހްމަދު ރަޝީދު އީވީއަށް ވިދާޅުވީ ދެކުނުފަރާތުގެ ރިވެޓްމަންޓް ޖެހި ސަރަހައްދަކީ ކުރިން ވަރަށް ބާރަށް ގިރަމުން އައި ސަރަހައްދެއްކަމަށާ، ރަށުގެ ގޭގެއާ ހަމައަށް އެތަން ނުގިރައި މިހާތަނަށް ހިފެހެއްޓީ ގާކުޑިއާ، ވެލި ފަދަތަކެތި ރައްޔިތުން އަޅައިގެންކަމުގައެވެ. އޭނާ ވިދާޅުވީ ރިވެޓްމަންޓްގެ ސަބަބުން އެސަރަހައްދު ގިރުމުގެ ބިރުވެރިކަން މިހާރު ފިލައިގެން ހިނގައްޖެކަމުގައެވެ.
ތިންހާހާ ގާތްކުރާ އަދަދެއްގެ އާބާދީއެއް އޮތް ތުޅާދުގެ ހުޅަނގު ދެކުނުފަރާތުގެ އިތުރުން ހުޅަނގު އުތުރު ފަރާތްވެސް އާދަޔާ ހިލާފަށް ގިރަމުންދާގާ އަހަރުތަކެއް ވަނީ ފާއިތުވެފައެވެ. ރަޝީދު ވިދާޅުވީ މިހާރު އެރަށުގައި ކުރިޔަށްދާ ބަނދަރުގެ މަސައްކަތް ނިމޭއިރު އުތުރު ފަރާތުގެ ގިރުމުގެ މައްސަލައަށް އެދެވޭ ހައްލެއް ނުލިބިއްޖެނަމަ އާންމުން ދިރިއުޅޭ ގޭގެއަށް ގެއްލުންވާނެކަމަށެވެ.
ތުޅާދޫގައި ދިވެހި ސަރުކާރުން މިވަގުތު ކުރިޔަށްގެންދާ މަޝްރޫއުތަކަށް ބަލާލާއިރު 2015ވަނައަހަރުން ފެށިގެން ތުޅާދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރިޔަށްއެބަދެއެވެ. އަދި އަންނަ ޖެނުއަރީ މަހު އެމްޑަބްލިޔު އެސް ސީން ދަނީ ފެންހޮޅިއާ، ނަރުދަމާގެ ނިޒާމް އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ.