މާޅޮހު ތަރައްގީގެ ކުރިމަގު، މާޅޮހު ކަނބަލުންގެ ހިތްވަރު

Maalhos.jpg

މާޅޮހު ފަޅަށް ވަނުމާއެކު ފާހަގަކުރެވުނު ފުރަތަމަ ކަމަކީ ރަށުގެ ބަނދަރު މިހާރުގެ ހާލަތަށް ބަލާއިރު މާބޮޑަށްވެސް ކުޑަކަމެވެ. ބަނދަރު ފުރިފައިއޮތީ އެރަށުގެ ބޭނުންތަކަށް ނުވަތަ އެރަށަށް އެކިއެކި ބޭނުންތަކުގައި އައިސްފައިވާ އުޅަނދުފަހަރުންނެވެ. އެއްގަމު ތޮށީގައި ޖައްސާލައިގެން އޮވެ ތުޅާދޫ މުދާ އުފުލާ ބޮޑު އަގޯޓާ އެކްސްޕްރެސް ބޯޓުން އޭރުވެސް ދިޔައީ ހިލައާއި ހިލަވެއްޔާ ސިމެންތީގެ އިތުރުންވެސް އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތިން އެ ސަރަހައްދު ފުރަމުންނެވެ.

އެއީ ސަރުކާރުން އެރަށުގައި އިމާރާތްކުރާ ބޮޑު ސްކޫލެއް ނުވަތަ އެފަދަ ދެތިން ތަނަކަށް ބޭނުންވާ ތަކެތިކަމަށް ހީކުރީމެވެ. އެހެންނަމަވެސް  ބަނދަރުން އެއްގަމަށް އެރިވަރަކަށް އޭގެ ޖަވާބު އައީ ލިބެމުންނެވެ. މީގެ ދެތިން އަހަރު ކުރިން  މުޅިން ހުހަށް އޮތް ބަނދަރު ސަރަހައްދުގައި އިމާރާތްތަކެއް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީއެވެ. އެއަށް ވުރެ އެއްގަމަށް އެރިތަނާ ބޮޑުއިމާރާތެއް ދެބުރިއަށް ނެގުމުގެ ކޮންކްރިޓް މަސައްކަތުގައި މީހުންތަކެއް ހޭބޯނާރާ އުޅުނެވެ. ދެން ފެނުނީ ބޮޑުސިންގާ ހާޑްވެއަރ ފިހާރައެކެވެ.  ދެންވެސް ފެނުނީ އެކަހަލަ އެތައް މަންޒަރެކެވެ. އެހެންކަމުން އަގޯޓާ ބޯޓުން ބޭލި އިމާރާތްކުރުމުގެ ތަކެއްޗަކީ ރަށުގެ ރައްޔިތުންގެ ބޭނުންތަކަށް ގެނެސްފައި ހުރި ތަކެތިކަން އެނގޭކަށް ލަހެއް ނުވިއެވެ.

އެއްގަމަށް އެރިވަރަކަށް ފެންނަމުން ދިޔައީ ތަރައްގީގެ ކުލަތަކެވެ. ތަރައްގީއާއެކު ރަށަށް އައިސްފަހުރި ކުރިއެރުމެވެ. މަގުގެ ދެފަރާތުން ކުރިން ފެނުނު ބިޔަ ޖަންގަލީގެ ބަދަލުގައި މިހާރު ފެންނަނީ ރީތި އަގު ބޮޑު އިމާރާތްތަކުން ރަށުގެ މަލަ ބަދަލުކުރަމުން ދާ ތަނެވެ.

މާޅޮހަކީ އަތޮޅުގެ އެހެން ރަށްރަށާ ތަފާތު ދިރިއުޅުމެއް އުޅޭ ބައެކެވެ. އެންމެ ބޮޑު ތަފާތަކީ މީހުންގެ މުރާލިކަމާއި ހީވާގިކަމެވެ. މާޅޮހު އަންހެނުންނަކީ ހަމައެކަނި ފިރިންނަށް ބަރޯސާ ވުން ދޫކޮށްލައި  އާއިލާގެ އާމްދަނީހޯދުމަށް ފިރިމީހާއާއެކު ހެނދުނު ހެނދުނާ މަސައްކަތް ފަށާ ބައެކެވެ. ފިރިހެނުން ކައިރި ރިސޯޓްތަކުގެ ވަޒީފާއަށާއި މަސްވެރިކަމަށާއި ދަނޑުވެރިކަމަށް އަދި އެހެނިހެން މަސައްކަތަށް ގެއިން ނުކުންނަ ފަދައިން އަންހެނުން ވެސް ނުކުންނަނީ މަސައްކަތަށެވެ. އެއްބަޔަކު ފަން ހޮވަން އަވަށްޓެރި ސޮނޭވާފުށްޓަށް ދާއިރު އަނެއް ބަޔަކު މާއްޑުއަށް ފަން ހޮވަން ދެއެވެ. އެއީ އަންހެން ވެރިންގެ މައިގަނޑު މަސައްކަތެވެ. މީގެ އިތުރުން ސަޓާގެ ޑިމާންޑް މާ ބޮޑުނޫންކަމުން އެމަސައްކަތް އޮތީ ދެވަނައިގައެވެ.

މާޅޮހު އަންހެނުންނަކީ ފަންގި ވިނުމުގެ ރޮނގުން އަތޮޅުގެ އެހެން ރަށްރަށާ ވާދަނުކުރެވޭވަރަށް ކުރިއަރާފައިވާ ބައެކެވެ. އޭދަފުށި ވޮއިސްގެ ޓީމް އެރަށަށް ޒިޔާރަތްކުރީ އަންހެންވެރިންގެ އެމަސައްކަތް ދެކި، އެމީހުންގެ ދިރިއުޅުމުގެ އެއްދުވަސް ހޭދަކުރާގޮތް އެމީހުންގެ ދުލުން ކިޔައިދެނީ ކިހިނެއްތޯ އަޑު އަހާލުމުގެ ބޭނުމުގައެވެ.

ހެނދުނު ދިހައެއް ޖަހާކަށްހާއިރު ނުކުމެ ފުރަތަމަ ގެއަށް ވަނުމާއެކުވެސް ފެނުނީ ނިކަން ފަރިތަކަމާއެކު ފަންގި ވިނުމުގެ މަސައްކަތުގައި ގެއްލިފައި އިން އަންހެނެކެވެ.  އެމަސައްކަތް ކުރާ ގޮތް އެންމެ އިހެކޭ އެއްގޮތަށް ބަދަލެއް ނައިސް ކުރިއެއްކަމަކު ފަން ތޮރުފަން ގެންގުޅޭ އިލިފައްޗަށް ވަނީ ބަދަލު އައިސްފައެވެ. ކުރިން ކުރެދިން ހަދާފައި ހުންނަ އިލިފަތީގެ ބަދަލުގައި މިހާރު ބޭނުންކުރަނީ ދަނގަޑު އިލިފައްޗެވެ.

އުމުރުން 57 އަހަރުގެ ހަސީމާއަކީ އެމަސައްކަތުގައި އުމުރުގެ ބޮޑު ބައި ހޭދަކޮށްފައިވާ މީހަކަށް ވާތީ އެކަމަށް ފަރިތަވުމަކީ ހައިރާންވާން ޖެހޭކަމެއް ނޫންތާއެވެ! މިމަސައްކަތާމެދު އޭނާ ފަޚްރުވެރިވާ މިންވަރު ވަށައިގެން ނަޒަރު ހިންގާލުމުންވެސް އެނގުނެވެ. ފުރަގަހުގައި ހުރި ފާރުގައި ރީތި ކުލައެއް ލުމުގެ ބަދަލުގައި ބޭނުންކޮށްފައިހުރީ ސަތޭކަ އިން ސައްތަ ދިވެހި އުފެއްދުމެކެވެ.  އެބިތް ޒީނަތްތެރިކޮށްފައިހުރީ އޭނާގެ އަތުން ވިޔެފައި ހުރި ސަޓާއިންނެވެ. އަރިމަތީގައި ،އެންމެ އިހުގައި ގެންގުޅުނު ކަހަލަ ފަނުގެ ވަށިގަނޑެއް އަދިވެސް އެއާއިލާ ގަދަވެ ސަލާމަތުން ދުނިޔޭގައި އެބައުޅޭ ކަން އަންގައިދެމުން ދާ ކަހަލައެވެ.

dscn2526

ފަންގި ވިނުމަކީ ވަރަށް ކުރާ ހިތްވާ މަސައްކަތެއް ކަމަށާ  ރަނގަޅު އާމްދަނީލިބޭ އެއްވެސް މިކަމުން ލިބޭކަމަށް ހަސީމާ ބުންނެވެ.  އޭނާގެ މި މިމަސައްކަތުގައި ފިރިމީހާގެ އެއްބާރުލުމާއި އެހީތެރިކަން ލިބުނުކަމުގައިވިޔަސް މިހާރު އޭނާގެ ބަލި ހާލު ހުރި ގޮތުން މި މަސައްކަތުގެ ހުރިހާ މަރުހަލާއެއް ކަޑައްތު ކުރަމުންދަނީ އާއިލާގެ އަންހެނުންކަމަށް ބުންޏެވެ. އުފާވެރި ޚަބަރަކީ މާމައާއި މަންމަ އަދި ދަރިންވެސް ޝައުގުވެރިކަމާއެކު މި ގަދީމި މަސައްކަތް ދިރުވުމުގައި ބައިވެރިވެ އުޅޭ ކަމެވެ.

މި މަސައްކަތްކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު  ގޮންޖެހުމެއްގެ ގޮތުގައި އޭނާ ފާހަގަކުރީ ރަށުގެ އެހެން އަންހެނުންގެވެސް ކަންބޮޑުވުމެވެ. އެރަށާ އެންމެ ބައިކިލޯމީޓަރު ކައިރީގައި އޮތް ހިބަޅިދޫ އިން ފަން ލިބުން މުޅިން ހުއްޓިފައިވާ މައްސަލައެވެ.

“ޒަމާނުއްސުރެ މި ރަށު މީހުން ފަންގި ވިނުމަށް ފަން ގެންނަނީ ހިބަޅިދޫން. އެކަމަކު ސަރުކާރުން މިހާރު އެރަށް އޮތީ ބަންދުކޮށްފައި. އެރަށަށް އެއްވެސް މީހަކު އެރުމަކީ މަނާކަމަކަށް ވާތީވެ ފަން ހޯދަން ދާން މި ޖެހެނީ ދުރު ރަށްރަށަށް. ” ހަސީމާގެ ކަންބޮޑުވުން އީވީއަށް ކިޔައިދެމުން ބުންޏެވެ.

ހަސީމާ ބުނީ ކުރިއެކޭ އެއްގޮތަށް ރައްޔިތުންނަށް ހިބަޅިދޫ ހުޅުވާލުން މާލަސްނުވާނެކަމަށް އުއްމީދުކުރާ ކަމަށެވެ.

އޭނާ ބުނީ މުޅިދުވަސް މިކަމުގައި ހޭދަނުކުރާކަމަށާއި ގޭތެރޭގެ މަސައްކަތާއި ކައްކާ ކައިބޮއި ހެދުމަށް ފަހު ވެސް ދުވާލަކު ހަތަރު ފޫޓުގެ ދެގަނޑު ފަން އުފެއްދޭ ކަމުގައެވެ.

ފަން ގަނޑެއްގެ މިހާރުގެ އަގަކީ 80ރ. ކަމަށް ވާނަމަ ހަސީމާގެ ދުވަހުގެ މަސައްކަތުން އެގެއަށް އެލިބުނީ 160ރ.އެވެ.

އަހަރެމެން ޒިޔާރަތް ކުރި ކޮންމެ ގެއަކުންކުންވެސް ފެނުނީ ހަސީމާމެންގެ ގެއިން ފެނުނު ކަހަލަ މަސައްކަތްތެރި އަންހެނުންނެވެ. މަސައްކަތުގައި ދުވާލުގެ ވަގުތުތައް ހޭދަކުރަމުންދާ މާޅޮހުގެ ހީވާގި އަންހެނުންގެ ސަބަބުން ރަށުން ފެނުނީ ތިޔާގި ކަމާއި ފުދުންތެރިކަމެވެ. ފެހިކަމާއި އާރޯކަމެވެ. ހޫނުގަދަ ދުވަހެއްގެ މެންދުރުކަމުގައި ވިޔަސް ބޮޑެތިމަގުތަކުގައި ހައްދާފައިވާ ބިޔަގަސްތަކުގެ ހިޔަލުން މަގުތައް ފެންނަނީ ހަވީރެއްގެ ގޮތުގައެވެ. އެމަގުތަކުގައި ކުޑަކުދިންތައްވެސް ޗުއްޓީ ދުވަސްވަރުކަމުން ކުޅެ ނަގަނީއެވެ.

މާޅޮހު އަންހެނުންގެ ހަމައެކަނި މަސައްކަތަކީ ފަންގި ވިނުމެއް ނޫނެވެ. ދަނޑުވެރިކަމާއި ވިޔަފާރީގެ ދާއިރާގައިވެސް ރަށުގެ އަންހެނުންދަނީ އެހެންރަށްރަށުގެ މީހުންނަށް މިސާލު ދައްކަމުންނެވެ. ދަނޑުވެރިކަމަށް ބަލާއިރު ރަށަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ފަތްކޭލާއި ބަނބުކެޔޮވަނީ އުފައްދާފައެވެ. އަނބާއި އަނބުޅަ އަދި ބިލަމަގާއި ކާމަރަނގަ ފަދަ ތަދު ގަސްތައް ގިނަ އަދަދަކަށް މާޅޮހުގައި ހައްދައި އެތަކެތި ވިއްކަން އޭދަފުށްޓަށްވެސް ފޮނުވައެވެ.މީގެ އިތުރުން މާޅޮހު އަންހެނުންނަކީ މާމެލާމެލި ހެއްދުމަށް ވެސް ލޯބިކުރާ ބައެކެވެ.

މާޅޮހު ރާބިޔާއަކީ ކުރިންވެސް އަހާ ނަމެކެވެ. މާވަރުގަދައަށް ވިޔަފާރި ހިންގާ އަންހެނެއްގެ ގޮތުގައި މަޝްހޫރުވެފައިވާތީ އޭނާއާ ބައްދަލުކޮށްލުމަކީ ވެސް މި ދަތުރުގެ ބޭނުމެކެވެ. އެހެންނަމަވެސް އޭނާއާ ހަމައަށް ދިއުމުގެ ކުރިން ހޮންޑާ ވޭވްއެއްގައި ދަތުރުކުރަމުން ދިޔަ ދެބައި އުމުރަށް ވުރެ މައްޗަށް ގޮސްފައިވާ އަންހެނަކަށް ސަމާލުކަން ދެވުނީ ފުރަތަމަ ފެނިލުމުންވެސް އެއީ އާދައިގެ މީހެއްނޫން އެނގޭތީއެވެ.  ކައިރީގައި ހުރި ގައިޑް ގާތު އެއީ ކާކުތޯ އަހާލުމުން ބުނީ ރާބިޔާއަކީ އެއީ ކަމުގައެވެ. ސައިކަލް ގޮސް މަޑުކުރީ އޭނާގެ އިމްޕޯޓް މުދާ ވިއްކާ ފިހާރައިގެ ކުރިމައްޗަށެވެ.  ރާބިޔާއަކީ މުޅި ބ. އަތޮޅުގެ އިތުރުން ރާއްޖޭގައިވެސް އުފެދުނު ވަރަށް ވަރުގަދަ ވިޔަފާރި ވެރިއެކެވެ. އޭނާގެ އަމިއްލަ ޕިކަޕާއި މުދާ އުފުލާ ދޯނީގެ އިތުރުން އިމްޕޯޓް މުދާ ވިއްކާ ފިހާރައަކާއި ކައްކާގޭސް ވެސް އެރަށުގައި ވިއްކަނީ ހަމައެކަނި އޭނާއެވެ. ބޭންކްއޮ އޮފް މޯލްޑިވްސްގެ މާޅޮހުގެ އެޖެންޓަކީވެސް އެއީއެވެ.

ރާބިޔާ

ރާބިޔާ

ރާބިޔާގެ ހާޑްވެއަރ ފިހާރައިގާ ހުރި މުދަލަށް ބަލާއިރު ސިފަވެގެންދިޔައީ މާލޭގެ ހާޑްވެއަރ ވިއްކާ ބޮޑު ފިހާރައެކެވެ. އެތަނުގައި ފަރުނީޗަރާއި ތަށިމުށި ހޯލްސޭލް ކުރާކަމަށާއި  ރަނގަޅު އޯޑަރެއްނަމަ އަތޮޅުގެ ރަށްތަކަށް ޑެލިވަރީ ކޮށްދޭކަމަށް ވެސް ރާބިޔާ ބުންޏެވެ. ފާހަގަކޮށްލަން ޖެހޭކަމަކީ ކުޑަކުޑަ ކެޕިޓަލަކުން 2003ގައި ރާބިޔާ ފެށި ވިޔަފާރި މިހާ ހިސާބަށް ތަރައްގީކުރީ ރާބިޔާގެ މިންނެތް މަސައްކަތުންނެވެ. ރާއްޖެއިން ބޭރަށް ގޮސް މުދާ ހައްދައި އެތަކެތި ލޯޑް ކުރުމާހަމައަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ދަނީ އޭނާ އެވެ. (ރާބިޔާއާބެހޭ ޚާއްސަ ރިޕޯޓެއް ވަރަށް އަވަހަށް އީވީގައި ޝާއިއުކުރާނެވާހަކަ ދަންނަވަމެވެ. )

 

މާޅޮހު ކައުންސިލުގެ ޒިންމާދާރު ވެރިޔާ މުހައްމަދު ސައީދު ވިދާޅުވިގޮތުގައި މާޅޮހު އަންހެނުންގެ އެންމެ ޚާއްސަ ސިފައަކީ ދިރިއުޅުމަށް މަސައްކަތްކުރުމަކީ ހަމައެކަނި ފިރިހެނުން ކުރަންޖެހޭ މަސައްކަތެއް ކަމުގައި ނުބެލުމެވެ. އޭނާ ވިދާޅުވީ ރަށުގެ އާބާދީގައި 700 އެއްހާ މީހުން ދިރިއުޅޭ މާޅޮހުގެ ތަރައްގީގައި އަންހެނުންގެ ބޮޑު ހިއްސާއެއް އެކުލެވޭ ކަމުގައެވެ.

މާޅޮހު އަންހެނުންގެ އެންމެ ކަންބޮޑުވެފައިވާ ހިބަޅިދޫން ފަން ނުލިބުމުގެ މައްސަލައިގާ ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އެކަމަށް މަގެއް ފެނޭތޯ ސަރުކާރުގެ ކަމާ ބެހޭ މުވައްސަސާތަކުގައި ދެންނެވުމުންވެސް އަދި ކުރިއެރުމެއް ލިބިފައި ނުވާކަމުގައެވެ.

dscn2398

“މިހާރު ގަސްދުކުރަނީ އަންހެންވެރިންގެ ޓީމަކާއެކު މާލެގޮސް ކަމާ ބެހޭ މުވައްސަސާތަކާ ތަކުގައި މި ވާހަކަ ދަންނަވައި މިކަމަށް ހައްލެއް ލިބޭތޯ މަސައްކަތްކުރުން. އިރާދަކުރެއްވިއްޔާ މިކަން ކާމިޔާބުވާނެ. ” ސައީދު ވިދާޅުިވިއެވެ.

ސައީދު ވިދާޅުވީ ފަންގި ވިނުމަކީ މާޅޮހަށް އާމްދަނީ ލިބޭ މައިގަނޑު ދޮރާށިކަމާއި ހިބަޅިދޫން ފަން ލިބުން މުޅިން ހުއްޓުމަކީ މާޅޮހުގެ ތަރައްގީވެސް ހުއްޓުންކަމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ.

” މިރެއަކީ ވޭތުވެދިޔަ ދިހަ ވަރަކަށް ދުވަހު މާޅޮހު އަންހެނުން ކުރިމަސައްކަތުން ލިބުނު ލައްކައެއްހާ ރުފިޔާ ބަހާ ރޭ. . ރަށުގައި ތިބި އަށްޑިހަ އަންހެނުންނަށް މި ފައިސާ ބަހާއިރު މީހަކަށް އެލިބެނީ 1250ރުފިޔާ.” ސައީދު ވިދާޅު ވިއެވެ.

ސައީދު ވިދާޅުވީ މިއީ ކައިރި ތިން ރިސޯޓަކަށް ފަން ވިއްކައިގެން ލިބުނު އާމްދަނީކަމަށާ މި މާކެޓް އޮތީ މާޅޮހު އަންހެނުންނަށް ހުޅުވިފައި ކަމުގައެވެ.

ޝައްކެއްނެތެވެ. މާޅޮހުގެ ކަނބަލުންގެ ހިތްވަރަކީ މާޅޮހުގެ ތަރައްގީގެ ކުރިމަގެވެ. ހުންގާނެވެ. ރަނގަޅު މިސްރާބުގައި ކުރިއަށް ދިއުމަށް ފަށާފައިވާ ރަށްވެހިކަމުގެ މި ދަތުރުގައި މުޅި ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލުމާއެކު މާޅޮހުގެ ތަސައްވަރު މުޅިން ބަދަލުކޮށްލުމަށް އަހަރުތަކެއް ނުނަގާނެއެވެ. މަދު އަހަރުކޮޅެކޭ ކިޔަމާ ހިނގާށެވެ.

އަވަށްޓެރި އޭދަފުށީ ރައްޔިތުން މިވާހަކަ އެބަ އަޑުއަހަން ހެއްޔެވެ؟

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top