
ޖަނަޜޭޓަރާއި، އެއާބެހޭ ސާމާނުގަތުމަށް ބަޔަކާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ހަވީރު ނިއުސް
ބ. އަތޮޅު އޭދަފުއްޓާއެކު ރާއްޖޭގެ 77 ރަށަކަށް ބޭނުންވާ ޖަނަރޭޓަރާއި އެއާ ގުޅޭ ސާމާނު ގެނައުމުގެ މަސައްކަތް ތިން ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
އީވީއަށް އެނގިފައިވާގޮތުގައި އޭދަފުއްޓަށް ގެނައުމަށް ހަމަޖެހިފައިވަނީ 600 ކިލޯވޮޓްގެ ޖަނަރޭޓަރެކެވެ. މިކަން ފެނަކަ ކޯޕަރޭޝަންއާ ހަވާލާދީ ސަރުކާރުގެ އޮފިޝަލަކު އީވީއަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ޖަނަރޭޓަރުތަކާއި، އެއާގުޅޭ ސާމާނު ގެނައުމުގެ މަޝްރޫއުގެ ބީލަން ކާމިޔާބުކުރީ ޗައިނާގެ ފުޖިޔާ ޔަނާން އާއި ލަންކާގެ ކެލާނީ ކޭބަލްސް އަދި ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ޕަވާ އިންޖިނިއަރިން އެވެ.
ފެނަކަ ކޯޕަރޭޝަންގެ ކަންކަން ބެލެހެއްޓުން ސަރުކާރުން ހަވާލުކުރައްވާފައިވާ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ ޖޫން މަހުގެ ނިޔަލަށް މި މަސައްކަތް ނިންމާލެވޭނެ ކަމަށާއި އެއްބަސްވެފައި ވަނީ 80 ދުވަހުގެ ތެރޭގައި ޖަނަރޭޓަރުތައް ސަޕްލައިކޮށްދިނުމަށް ކަމަށެވެ. އަދި ޖަނެރޭޓަރު ލިބޭ ވަރަކުން، އެތަކެތި ބެހެއްޓުމުގެ މަސައްކަތްކުރިއަށްދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
“އެ މަސައްކަތް ހިނގަމުންދާ އިރު ވެސް އަޅުގަނޑުމެން އެބަކުރަން މަސައްކަތްތަކެއް. އޭގެ ތެރޭގައި މި ކުރެވެނީ ބައެއް ރަށްތަކުގައި ކުދި ޖަނަރޭޓަރު ހުރި ނަމަ އެ ރަށްރަށަށް ބޮޑެތި ޖަނަރޭޓަރު ބަދަލުކުރުން. ރަށްތަކުގެ މެދުގައި ޖަނަރޭޓަރު ބަދަލުކުރުމުގެ މަޝްރޫއެއް މިހާރު ވެސް ހިނގަމުންދާނެ. ހަމައެއާ އެކީގައި އިލެކްޓްރިފިކޭޝަން ނުވަތަ ނެޓްވޯކް ރަނގަޅު ކުރުމުގެ މަސައްކަތްތައް ފެނަކައިގެ ބެލުމުގެ ދަށުން އެބަ ކުރިއަށް ގެންދޭ،” ޖަނެރޭޓަރާއި އެއާ ގުޅޭ ސާމާނު ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތަށް ފަހު އޮތް ނިއުސް ކޮންފަރެންސްގައި ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އިންޖީނުތައް ބަހައްޓާނެ ރަށްރަށުގެ ސާވޭއެއްކޮށް އެ ރަށްތައް ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލު ފަހުން ދެއްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
“ތިން ސައިޒްތަކެއްގެ ޖަނަރޭޓަރުތައް އަޅުގަނޑުމެން އެބަ ގެންނަން. އެހެންވީމާ ސަޕްލަޔާސްއާ ވާހަކަ ދައްކައިގެން، ޖަނަރޭޓަރު ލިބޭވަރަކުން އަޅުގަނޑުމެން ރަށްތައް އިއުލާންކުރަމުން ގެންދަންޖެހޭނީ،” މިނިސްޓަރު ވިދާޅުވި އެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ އިންޖީނުތައް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތް ފަހުން އިއުލާންކުރާނެ ކަމަށާއި ނަމަވެސް އެކަން ކުރިއަށްދާނީ އިންޖީނު ސަޕްލައިކޮށްދޭ ފަރާތުގެ ވެސް ބެލުމުގެ ދަށުން ކަމަށެވެ.
ފެނަކައިން އަލަށް ގެންނަ ޖަނަރޭޓަރުތަކުގެ ތެރޭގައި ހިމެނެނީ 160-200 ކިލޯވޯޓާ ދެމެދުގެ 40 ޖަނަރޭޓަރާއި 250-300 ކިލޯވޯޓުގެ 24 ޖަނަރޭޓަރު އަދި 500-1،000 ކިލޯވޯޓުގެ 13 ޖަނަރޭޓަރެވެ.
ފެނަކަ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ހިންގަމުން ގެންދާ ބ. އަތޮޅުގެ އިތުރު 3 ނުވަތަ 4 ރަށަކަށް ޖަނަރޭޓަރު ލިބުމުގެ ފުރުސަތު އެބައޮތްކަމަށްވެސް އީވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.