ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ހާއްސަކޮށްގެން ބާއްވާ,”ނެޝަނަލް ޔޫތު މެންޓަލް ހެލްތް ކޮންފަރެންސް” އިއްޔެ ފަށައިފިއެވެ.
މި ކޮންފަރެންސް ކުރިއަށްދާނީ މާދަމާގެ ނިޔަލަށް މާލޭގައި ހުންނަ ޔޫތު ހަބްގެ ހޯލްގައެވެ. މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު ގީލާ އަލީ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ކޮންފަރެންސްގައި ބައިވެރިވަނީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނެވެ.
މި ފޯރަމްގެ ޝިއާރަކީ ”ލިވްޑް އެކްސްޕީރިއަންސަސް ހާޑް: ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް“ އެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ގައުމީ ފެންވަރުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ސިޔާސަތުތައް އެކުލަވައިލުމުގައްޔާއި، މުޖުތަމައގެ ތެރެއިން މިފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ޒުވާނުންނަކީ މައިގަނޑު ބައިވެރިން ކަމުގައި ހެދުން ކަމަށް ޒުވާނުން ބާރުވެރިކުރުވުމާ ކުޅިވަރާ ހަށިހެޔޮކަމާ ގުޅޭ ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގެ ޒުވާނުންގެ 18.8 އިންސައްތަ ކުދިން ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލު ކުރަމުންދާކަން ތަފާސްހިސާބުތަކުން ދައްކާއިރު، ނަފްސާނީ ދުޅަހެޔޮކަމަކީ މިހާރު ގައުމީ ފެންވަރުގައި އަވަސް ހައްލެއް ބޭނުންވެފައިވާ މުހިންމު މައްސަލައެއްކަން ފާހަގަކޮށް އެ ވުޒާރާއިން ބުނީ މި ކޮންފަރެންސް ބާއްވަނީ ”ޒުވާނުންނާ ގުޅޭ އެއްވެސް ނިންމުމެއް ޒުވާނުންގެ އަޑުނާހައި ނުނިންމުން“ މި އުސޫލުގެ މަތިންކަމަށެވެ.
މިއީ ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ސަރުކާރާއި ޒުވާނުންގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ގައުމީ ސިޔާސަތުތަކަށް ޒުވާނުންގެ ހިޔާލު ސީދާ ގޮތެއްގައި ގެނައުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ކޮންފަރެންސްގެ މަޝްވަރާތަކާއި ހައްލު ހޯދުމުގެ މަސައްކަތްތައް މައިގަނޑު ހަ ދާއިރާއަކަށް އަމާޒުކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ: ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން، އިމޯޝަނަލް ވެލް ބިއިން އަދި ކަންކަމަށް ކެތްތެރިވުމާއި، އާއިލާ، ގުޅުންތައް، އިޖުތިމާޢީ ޒިންމާ އަދި މުޖުތަމަޢުގެ ދުޅަހެޔޮކަމާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ ރައްކާތެރިކަމާއި ކުރިމަގުގެ ފުރުޞަތުތަކާއި ނަފްސާނީ ބަލިތަކާ މެދު މުޖުތަމަޢުގައި އޮންނަ ނުބައި ވިސްނުންތައް ދުރުކުރުމާއިއެކު ދެކޭގޮތް ބަދަލުކުރުމާއި، ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޒުވާނުންގެ ބައިވެރިވުމާއި އިސްނެގުންތައް އަދި މުޖުތަމަޢުގެ އަމާންކަމާއި ޒުވާނުންގެ ރައްކާތެރިކަން. މި ހަ ދާއިރާއެވެ.
މިއަހަރުގެ ނެޝަނަލް ޔޫތު މެންޓަލް ހެލްތް ކޮންފަރެންސްގެ އޮފިޝަލް ޕާޓުނަރަކީ އުރީދޫ މޯލްޑިވްސްއެވެ.





