އަމިއްލަ މީޑިއާތަކަށް ސަރުކާރުން މާލީ އެހީތެރިކަން ދިނުމުގެ އުސޫލު އަލުން އެކުލަވާލައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން އާންމުކޮށްފި އެވެ.
މި އުސޫލުގެ ދަށުން ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުން، ހިލޭ އެހީއާއި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އައު ކަންކަމުން ލިބޭނެ ކަމަށް ލަފާކުރާ ފައިސާއާއި ވަކި ކަމަކަށް ޚާއްޞަކޮށްފައިވާ ފައިސާ ނުހިމަނައި، ބަޖެޓުގެ އަންދާޒާކުރެވޭ އާމްދަނީގެ 0.1 އިންސައްތަ އެ އަހަރަކު ޝަރުތު ހަމަވާ މީޑިއާތަކަށް ދޫކުރެވޭނެއެވެ. 2025 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ބަޖެޓުގައި މި ފައިސާ ހިމެނުމަށް އުސޫލުގައި ކަނޑައަޅައިފައިވެއެވެ.
އާ އުސޫލުގައި ވެސް މީގެ ކުރިން އެކުލަވާލި އުސޫލާއި އެއްގޮތަށް އަސާސީ ކަމަކަށް، އެ މީޑިއާ އަކީ ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާއަކަށްވުމާއި ބްރޯޑްކާސްޓް މީޑިއާއެއް ނަމަ ލައިސަންސް އޮވެގެން ހިންގާ މީޑިއާއަކަށްވުން ހިމެނިފައިވެއެވެ.
މި އުސޫލުގައިވާ ގޮތުން މީޑިއާ ގްރާންޓަށް އެދޭ މީޑިއާތަކުން މުވައްޒަފުންނަށް މުސާރަ ޖަމާކުރާކަން އެނގޭނެ ބޭންކުގެ ސިޓީއެއް އަންނަ އަހަރުން ފެށިގެން ހުށަހަޅަން ޖެހޭނެ އެވެ. އަދި ކުރިން މީޑިއާ ގްރާންޓުން ފައިސާ ލިބިފައިވާ މީޑިއާއެއް ނަމަ އެ ފައިސާ ޚަރަދުކުރި ގޮތުގެ ތަފްސީލް މަލީ ބަޔާނެއްގެ ޒަރީއްޔާއިން ހުށަހަޅަން ޖެހެ އެވެ.
އަލަށް އެކުލަވާލި އުސޫލުގައި މީޑިއާތަކަށް މާލީ އެހީ ދިނުމުގައި މާކްސް ދޭނެ މިންގަނޑެއް ވެސް ވަނީ ކަނޑައަޅައިފައެވެ. މި އުސޫލުގެ ދަށުން އެއް ފަރާތަކުން އެއް މީޑިއާއަށް ވުރެ ގިނަ މީޑީއާ ހިންގި ނަމަވެސް މާލީ އެހީ ލިބޭނީ އެ ފަރާތަކުން ޚިޔާރުކުރާ އެއް މީޑިއާއަކަށެވެ. އޭގެ ތެރޭގައި މައި ކުންފުނީގެ ހިއްސާ އޮންނަ ނުވަތަ ސަބްސިޑިއަރީ ކުންފުނިތައް ވެސް ހިމެނެ އެވެ.
ކޮންމެ މިޑިއާއަކުން އެއް އެޕްލިކޭޝަން ހުށަހެޅޭ ގޮތަށް އޮތްއިރު، އެ ފަރާތްތަކަށް އިޚްތިޔާރު އުސޫލުގެ ދަށުން އިޚްތިޔާރު ކުރެވޭނީ ގިނަވެގެން ދެ މިޑިއަމް ނުވަތަ އެ މީޑިއާއެއް ބޭނުންކުރާ ދެ މަންސަކަން ބަޔާންކޮށްފައެވެ.
މާކްސް ދިނުމުގައި ބަލާނެ މިންގަނޑު ތަކަކީ، މީޑިއާގެ މުއްދަތާއި، މުވައްޒަފުންގެ އަދަދާއި، ވައްޒަފުންގެ ތަޢުލީމާއ،ި ތަޖުރިބާ އާއި އިދާރީ އިންތިޒާމުތަކުގެ އިތުރުން ބިޒިނަސް ޕްލޭން އާއި ކޮންޓެންޓާއި ބާވަތެވެ.
މީޑިއާތަކަށް ފައިދާ ދިނުމުގައި ބަލާނީ 50 މާކްސްއިން މަތިން ލިބޭ މީޑިއާތަކަށެވެ. އުސޫލުގެ ދަށުން މީޑިއާ ކޮމިޝަނުން ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައ،ި ބްރޯޑްކާސްޓް މީޑިއާ އާއި އޮންލައިން މީޑިއާ ހިމެނޭހެން، އެ މީޑިއާއަކާ މެދު އެއްވެސް ފިޔަވަޅެއް އަޅައި، އެ އެޅި ފިޔަވަޅެއް އާންމުކޮށްފައިވާ ނަމަ، އެ މީޑިއާއަކުން ހުށަހެޅި އެޕްލިކޭޝަނުން ކޮންމެ ފިޔަވަޅަކަށް 3 މާކުހުގެ މަގުން އުނިކުރެވޭނެ އެވެ.
މާލީ އެހީއަށް އެދި ހުށަހަޅަން ޖެހޭނީ އެމްއެމްބީސީން ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ. އަދި ކޮމިޝަނުން މާކްސް ދޭ ގޮތް ޕޯޓަލް މެދުވެރިކޮށް އެ ފަރާތްތަކަށް ފެންނާނެއެވެ. މާކްސް ދެވުނު ގޮތާއި މެދު ހިތްހަމަ ނުޖެހޭނަމަ މާކްސް މުރާޖާ ކުރުމަށް ހުށަހެޅުމުގެ ފުރުސަތު ވެސް އުސޫލުގެ ދަށުން އޮންނާނެ އެވެ.
މީޑިއާތަކަށް ފައިސާ ދޫކުރާނީ އުސޫލުގެ ދަށުން ފައިސާ ދޫކުރަން ކަނޑައަޅާ މީޑިއާތަކަށެވެ. އަދި ފައިސާ މިންވަރު ކަނޑައަޅާނެ ފޯމިއުލާއެއް ވެސް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ފައިސާ ދޫކުރާނީ ކޮމިޝަނުން މީޑިއާތަށް ކަނޑައެޅުމުން، ހޯމްލޭންޑް މިނިސްޓްރީ އަށް ލިސްޓު ފޮނުވުމުން އެ ލިސްޓް މާލީ ފިނޭންސް މިނިސްޓްރީ އަށް ފޮނުވައިގެންނެވެ.
ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް މާލީ އެހީ ދޭން ބަޖެޓުން 0.1 ޕަސެންޓް ކަނޑައަޅާފައިވެ އެވެ.
މި އެހީގެ އެންމެ ބޮޑު އެއް ބޭނުމަކީ އަމިއްލަ މީޑިއާތަކަކީ މާލީ ގޮތުން ފުދުންތެރި އަދި ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މީޑިއާއެއްގެ ގޮތުގައި ހިންގުމަށް އެހީތެރިވެ ދިނުމެވެ. އަދި އުފެއްދުންތެރި ކޮންޓެންޓް އުފައްދައި ނޫސްވެރިކަމުގެ ދާއިރާއަކީ ޒިންމާދާރު ކަމާއި އިތުބާރާއެކު ވަޒީފާގެ ފުރުސަތުތަކަށް ހެދުމެވެ.




