ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް 24 ގަޑިއިރު ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޤާއިމުކުރެއްވި “ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ” ގެ ދަށުން، ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ޚާއްޞަ “ސިޓިޒަންސް ވޮއިސް” (Citizens’ Voice) ޕޯޓަލް މިއަދު އިފްތިތާޙުކުރައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި ޕޯޓަލަކީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފައްދަވައި، ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ގާތުން ބެއްލެވޭނެ އިންތިޒާމު ހަމަޖެއްސެވުމުގެ ގޮތުން ތަޢާރަފުކުރެއްވި ޕޯޓަލެކެވެ.
މިވަގުތު ވެބް މެދުވެރިކޮށް މި ޕޯޓަލްގެ ޚިދުމަތް ފެއްޓެވި ނަމަވެސް، ކައިރި މުސްތަޤުބަލެއްގައި މި ޚިދުމަތަށް ޚާއްޞަ މޯބައިލް އެޕްލިކޭޝަނެއްވެސް އިފްތިތާޙުކުރެވޭނެއެވެ. މީގެއިތުރުން، ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ކޯލް ސެންޓަރުގެ ޚިދުމަތް މިހާރުވެސް ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށް ރައްޔިތުންނަށް ލިބިވަޑައިގަންނަވާނެއެވެ.






