މަޖިލީހަށް ފައިސާ ވައްދައި، މެންބަރުންނަށް ބަހާފައި ނުވާނެ: ސަލީމް

large_thumb_1794895057225.webp

ރައްޔިތުންގެ މަޖިލީހަށް ކަޅު ދަބަހެއްގައި ފައިސާ ވައްދައި، މެންބަރުންނަށް އެ ފައިސާ ބަހާފައި ނުވާނެކަމަށް ހަތިމުގައި އަތްލައި ހުވާކުރައްވަން ވެސް ކެރިވަޑައިގަންނަވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ މިއަދު މަޖިލީހުގައި ކުރިއަށްދިޔަ ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

މިފަދަ ތުހުމަތުތަކެއް އިދިކޮޅު ފަރާތްތަކުން ކޮށްފައިވަނީ، މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހައުސިން މިނިސްޓަރު ޑރ. އަލީ މުއްތަލިބު ކަޅު ދަބަހެއް ހިއްޕަވައިގެން މަޖިލީހަށް ވަޑައިގަތުމާ ގުޅިގެންނެވެ. އެގޮތުން އެ ދަބަހަކީ، ޖެހިގެން އައި ދުވަހު މަޖިލީހުން ފާސްކުރުމަށް އެޖެންޑާކޮށްފައި އޮތް ރިއަލް އެސްޓޭޓް ބިލަށް ތާއީދު ހޯދުމުގެ ގޮތުން މެންބަރުންނަށް ބަހަން ފައިސާ އަޅައިގެން ގެންދިޔަ ދަބަހެއް ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

މި ތުހުމަތުތައް ދޮގުކުރައްވައި ސަލީމް ވިދާޅުވީ، މިއީ ރައްޔިތުންގެ ކުރިމަތީގައި މަޖިލިސް މެންބަރުންގެ އަގުވައްޓާލަން ފަތުރަމުންދާ ވާހަކަތަކެއް ކަމަށެވެ. އަދި ފައިސާ ބަހަން ބޭނުންވާ ބަޔަކު މުޅި މަގުމަތީގައި ނޫސްވެރިން ތިއްބައި، އެންމެންނަށް ފެންނަ ގޮތަށް ފާޅުގައި ކަޅު ދަބަހެއް ހިފައިގެން ނާންނާނެ ކަމަށާއި، އެކަން ސިއްރުން ކުރެވެން އޮންނާނެކަން އާއްމު ވިސްނުމަކުން ވިސްނާލިޔަސް އެނގޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ކަޅު ދަބަހުގެ މައްސަލައިގައި މިނިސްޓަރު މުއްތަލިބު ވެސް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މީގެ ކުރިން ތަފްސީލު ދެއްވާފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެރޭ މަޖިލީހަށް ވަޑައިގަތީ ރިއަލް އެސްޓޭޓް ބިލާ ގުޅޭގޮތުން މެންބަރުންނަށް މައުލޫމާތު ސާފުކޮށްދެއްވުމަށެވެ. އަދި އެވަގުތު ކޮނޑުގައި އޮތް ދަބަހަކީ އާރަށުގައި ފުޓުބޯޅަ ކުޅުއްވުމަށްފަހު ސީދާ މަޖިލީހަށް ވަޑައިގަތުމުން، ކުޅޭ ސާމާނު އަޅާފައި އޮތް ދަބަހެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top