ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާތީ ވަޒީރު ގީލާ، ކަންބޮޑުވުން ފާޅުކުރައްވައިފި

9f1e59d3-3326-40c1-9e72-1307f21181d7.jpg

ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާ މިންވަރަށް ބަލާއިރު، ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެންނަން މިހާރު މަޖުބޫރުވެފައިވާ ކަމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ މިއަދު ފެށި “ހެލްތު އެންޑް ފެމިލީ އެކްސްޕޯ”ގައެވެ.

މި އެކްސްޕޯގެ މައިގަނޑު ބޭނުމަކީ ސިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދުޅަހެޔޮ ސިއްޙަތެއްގައި ދެމިތިބުމަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ރައްޔިތުންނަށް ފޯރުކޮށް ދިނުމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޤީލާ ވިދާޅުވީ، ކަސްރަތު ކުރުމާއި ރަނގަޅު ކާނާ ބޭނުންކުރުމުގެ އިތުރުން ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވުމަކީ ކޮންމެ މީހެއްގެވެސް އާންމު ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ހަދަންޖެހޭ ކަންކަން ކަމަށެވެ. އަދި އާއިލީ ދުޅަހެޔޮކަން އިތުރުކުރުމާއި، އެކި އުމުރުފުރާގެ މީހުންގެ މެދުގައި އެއްބައިވަންތަކަން ބަދަހިކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ހަމައެއާއެކު، ފުރިހަމަ ސިއްޙަތެއްގައި ހުރުމަށްޓަކައި ނަފްސާނީ ދުޅަހެޔޮކަން މަތީގައި ދެމިތިބުމަށް މަސައްކަތް ކުރުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއްކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރެވޭނީ އެންމެން އެކަތިގަނޑަކަށް ވެގެން ކުރާ މަސައްކަތުން ކަމަށެވެ. އަދި “ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި” މި ޝިއާރުގެ ދަށުން މުސްތަޤުބަލު ބައްޓަންކުރުމުގެ ވިސްނުން އަބަދުވެސް ބަހައްޓަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އޭގެއިތުރުން މިފަހަރުގެ އެކްސްޕޯއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ، މިއަހަރުގެ އެކްސްޕޯގައި 60 ފަރާތަކުން ބައިވެރިވެފައިވާ ކަމަށާއި، ކުރީގެ އަހަރުތަކާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތަކެއް މިފަހަރު ފެންނަމުންދާ ކަމަށެވެ. މިއަހަރުގެ އެކްސްޕޯ މިގޮތަށް ފުޅާކޮށް ބޭއްވުމަށް ނިންމީ، މިދިޔަ އަހަރު ބޭއްވި ސިއްޙީ އެކްސްޕޯއަށް ދުވާލެއްގެ މައްޗަށް 10،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށް، އާންމުންގެ ބޮޑު ތަރުހީބެއް ލިބުމާ ގުޅިގެންނެވެ.

ރާއްޖޭގެ ސިއްޙީ ދާއިރާއަށް ޒަމާނީ ފަންނުވެރިކަމާއި އައު ޓެކްނޮލޮޖީ ތަޢާރަފްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށާއި. އަދި މިފަދަ އެކްސްޕޯއަކުން ފެނިގެންދާ ޒަމާނީ އައު ޚިދުމަތްތަކާއި ވަސީލަތްތަކަކީ އެ އަމާޒަށް ވާސިލުވުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމުގައިވެސް އެކަމަނާ ސިފަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން، މި އެކްސްޕޯގައި ބައިވެރިވި ހުރިހާ ފަރާތްތަކަށާއި، މި ހަރަކާތް އިންތިޒާމު ކުރުމުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް މި ހަރަކާތް މިއަށްވުރެ ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top