އެލްޖީއޭ ބޯޑުގެ ގޮނޑިތައް ތަފާތު ބޮޑުކޮށް ޕީއެންސީއަށް

LGA-PNC-1024x572-1.jpg

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބޭއްވި ވޯޓު، އިދިކޮޅު އެމްޑީޕީއާ މައްޗަށް ބޮޑު ކުރިއެރުމެއް ހޯދައި، ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް އިންތިޚާބު ކުރަންޖެހެނީ ސިޓީ ކައުންސިލުތަކުގެ މޭޔަރުންގެ ތެރެއިން މެންބަރަކާއި ރަށު ކައުންސިލަރުންގެ ރައީސުންގެ ތެރެއިން މެންބަރެއްގެ އިތުރުން އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެންބަރެކެވެ. އޭގެ ތެރެއިން ސިޓީ ކައުންސިލުތަކުގެ ފަރާތުން މެންބަރުކަމަށް ކުރިމަތިލެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް އެކަންޏެވެ. އެހެންވެ އޭނާ ވަނީ ވޯޓަކާ ނުލައި އެ މަގާމަށް އިންތިޚާބުވެވަޑައިގެންފައެވެ.

އެހެންކަމުން އިއްޔެ ބޭއްވީ ބާކީ ދެ މެންބަރުން ހޮވުމުގެ އިންތިޚާބެވެ.

އިންތިޚާބުގެ ނަތީޖާއަށް ބަލައިލާއިރު، އެލްޖީއޭގެ ބޯޑަށް ރަށު ކައުންސިލުތަކުގެ ރައީސުންގެ ފަރާތުން ވާދަކުރެއްވި ޕީއެންސީގެ ފ. ނިލަންދޫ ކައުންސިލުގެ ރައީސް ޢަލީ އަހްމަދަށް 312 ވޯޓު ލިބުނުއިރު، އެމްޑީޕީގެ ނ. މަނަދޫ ކައުންސިލުގެ ރައީސް ޢަލީ ޒާފިރަށް ލިބުނީ 229 ވޯޓެވެ.

އަދި އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ ފަރާތުން ވާދަކުރެއްވި ޕީއެންސީގެ ށ. ފުނަދޫ އަންހެނުންގެ ކޮމިޓީގެ ރައީސާ މަރްޔަމް ޒީނާއަށް 79 ވޯޓު ލިބުނުއިރު، އެމްޑީޕީގެ ލ. ގަމު އަންހެނުންގެ ކޮމިޓީގެ ރައީސާ މަރްޔަމް ނީނާއަށް ލިބުނީ 53 ވޯޓެވެ.

އެލްޖީއޭން ބުނީ މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 807 ފަރާތަކަށް ލިބިގެންވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 625 ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ 182 ރައީސުންނެވެ.

އެލްޖީއޭގެ ބޯޑުގެ ރައީސަކީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. ބޯޑުގެ ނައިބު ރައީސަކަށް ފާތިމަތު ނިއުމާ ހުންނެވިއިރު، ސީއީއޯއަކީ މުހައްމަދު ނިމާލެވެ. މީގެއިތުރުން ބޯޑު މެންބަރުންގެ ގޮތުގައި ފާތިމަތު ޒީނާ އަލީ، މުހައްމަދު އާޒާދު އަދި އަޒްހާ ޟަމީރު ހިމެނިވަޑައިގަންނަވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top