ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ބައިތިއްބަައިގެން ކިޔަވައިދޭ އުސޫލު ނުވަތަ “ހޯމް ސްކޫލިން” ތައާރަފްކުރަން ތައުލީމުގެ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މި ބިލް ހުށަހެޅުމުގެ އެއް މައިގަނޑު ބޭނުމަކީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި ނަފްސާނީ ގޮތުން ހާއްސަ ހާލަތްތަކުގައި ތިބޭ ކުދިންނަށް، އެކުދިން ދިރިއުޅޭ ގޭގައި މަދަރުސީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އެގޮތުން، އެކުދިންގެ ނުކުޅެދުންތެރިކަމުގެ ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތަށް ބަލައި ހެދޭ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް “ހޯމް ސްކޫލިން” ޕްރޮގްރާމެއް ތައުލީމުގެ ގާނޫނުގައި ތައާރަފްކުރުމަށް މި ބިލްގައި ވަނީ ހުށަހަޅައިފައެވެ. މި ޕްރޮގްރާމުގެ ދަށުން ކިޔެވުމުގެ ޝަރުތުތަކާއި އުސޫލުތައްވެސް ޤާނޫނުގައި ބަޔާންކުރުމަށް ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން، މަދަރުސީ ތައުލީމީ ނިޒާމު ހިންގައި ތަންފީޒުކުރުމުގައި ބެލެނިވެރިންނާއި މުދައްރިސުންނާއި ޕްރިންސިޕަލުންގެ ދައުރު އިތުރަށް ތަފްސީލުކުރުމަށާއި، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ގެންނަންޖެހޭ އެހެނިހެން އިސްލާހުތައްވެސް މި ބިލްގައި ހިމެނެއެވެ.
ގާނޫނުގައި މިހާރު އޮންނަނީ ދަރިވަރުގެ ހާލަތު ހުންނަ ގޮތުން ސްކޫލަށް ހާޒިރުވުމަށް ނުކުޅެދޭ ކުދިންނަށް ގާނޫނުގެ ދަށުން ހަދާ ގަވައިދުގައިވާ ގޮތުގެ މަތިން އިސްތިސްނާއެއް ދިނުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިގެންވާ ކަމަށެވެ.
އެ ގާނޫނުގައިވާ ގޮތުން އުމުރުން ހަތަރު އަހަރުން ފެށިގެން 16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކަށް ތައުލީމު ލާޒިމުވާނެއެވެ.
ހަމަ އެހެންމެ އެ އުމުރުގެ ކޮންމެ ކުއްޖަކު، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކަނޑައަޅާފައިވާ ޕްރީސްކޫލް ތައުލީމުން ފެށިގެން ސާނަވީ ތައުލީމުގެ ނިޔަލަށް ތައުލީމު ހާސިލުކުރުމަށް ސްކޫލަށް ފޮނުވައި، އެކުއްޖެއްގެ އުމުރަށް ކަނޑައެޅިފައިވާ ތައުލީމީ ނިޒާމުގެ މަރުޙަލާގައި ބައިވެރިކުރުން ބެލެނިވެރިޔާގެ މައްޗަށް ލާޒިމުވާނެ ކަމަށް ވެސް ގާނޫނުގައިވެއެވެ.
ނަމަވެސް ހުރާ ދާއިރާގެ ޕީއެންސީ މެންބަރު ޑރ. އަނާރާ ނަޢީމް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، ގާނޫނުގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ކުއްޖާގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ސްކޫލަށް ހާޒިރުވެ ތައުލީމު ހާސިލްކުރަން ނުވަތަ ހޯމްސްކޫލިން ޕްރޮގްރާމުގެ ދަށުން ތައުލީމު ހާސިލުކުރަން ނުކުޅެދޭ ކުދިންނަކީ މަޖުބޫރު ތައުލީމު ލާޒިމުވާނެ ކުދިންނެއް ނޫނެވެ.
އެ މާއްދާގައި އެހެން އޮތް ނަމަވެސް ކުދިންގެ ނުކުޅެދުންތެރިކަމާ އެކަށޭނަ ގޮތަކަށް ކުދިންނަށް އުނގަންނައިދިނުމަށް ބެލެނިވެރިން މަސައްކަތްކުރަން ޖެހޭނެ ކަމަށް އަނާރާ ހުށަހެޅުއްވި އިސްލާހުގައި ވެއެވެ.
ހަމަ އެހެންމެ ކުއްޖާގެ ނުކުޅެދުންތެރިކަމުގެ ނިސްބަތަށް ބަލައި ސްކޫލަށް ކޮންމެހެން ގެންދަން ނުޖެހޭނެ ކަމަށް ކަނޑައެޅުމުގައި ރިއާޔަތްކުރާނެ މިންގަނޑުތަކެއް ތައުލީމާ ބެހޭ ގާނޫނުގެ ދަށުން އެކުލަވައިލަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.







